
ސޫރަތުލް ޢަލަގި (2)ޑރ. މުޙައްމަދި ޢިޔާޟު ޢަބްދުއްލަޠީފު
(عَلَّمَ الْإِنسَانَ مَا لَمْ يَعْلَمْ ﴿٥﴾) މާނައަކީ: “ އިންސާނާއަށް އޭނާ ނުދަންނަ ކަންތައް، އެކަލާނގެ އުނގަންނައިދެއްވިއެވެ.“
މިތަނުގައި އިންސާން“ ގެ މުރާދަކީ އާދަމް ޢަލައިހިއްސަލާމް އެވެ. މާތް ﷲ އާދަމް ޢަލައިހިއްސަލާމް އަށް ހުރިހާ ތަކެއްޗެއްގެ ނަންތައް ދަސްކޮށްދެއްވިއެވެ. ސޫރަތުލް ބަގަރާގެ 31 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވާ ފަދައިންނެވެ. (وَعَلَّمَ آدَمَ الْأَسْمَاءَ كُلَّهَا) މާނައަކީ: “ އަދި آدم ގެފާނަށް ހުރިހައި ތަކެތީގެ ނަންތައް އެކަލާނގެ އުނގަންނަވައި ދެއްވިއެވެ. (އެބަހީ: ނަންކިޔުނު ތަކެއްޗާއި އެތަކެތީގެ حقيقة ތަކެވެ.)“
ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މިތަނުގައި ”އިންސާން“ ގެ މުރާދަކީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އެވެ. ސޫރަތުއް ނިސާގެ 113 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވާ ފަދައިންނެވެ. (وَعَلَّمَكَ مَا لَمْ تَكُن تَعْلَمُ) މާނައަކީ: “ އަދި، ކަލޭގެފާނު އިހަށް ދެނެވަޑައިނުގަންނަވާ ކަންތައް ކަލޭގެފާނަށް އެކަލާނގެ އުނގަންނައި ދެއްވިއެވެ.“
އެހެން ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މިތަނުގައި ”އިންސާން“ އޮތް ބަސްފުޅު ހުރިހާ އިންސާނުން ޝާމިލުވެގެންވެއެވެ. ސޫރަތުއް ނަޙްލުގެ 78 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވާ ފަދައިންނެވެ.
(وَاللَّـهُ أَخْرَجَكُم مِّن بُطُونِ أُمَّهَاتِكُمْ لَا تَعْلَمُونَ شَيْئًا وَجَعَلَ لَكُمُ السَّمْعَ وَالْأَبْصَارَ وَالْأَفْئِدَةَ ۙ لَعَلَّكُمْ تَشْكُرُونَ)
މާނައަކީ: “ ތިޔަބައިމީހުންނަށް އެއްވެސް އެއްޗެއް ނޭނގޭގޮތުގައިވާ حال، ތިޔަބައިމީހުންގެ މައިންގެ ބަނޑުން، ތިޔަބައިމީހުން ނެރުއްވީ اللَّه އެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށް އިވުމާއި، ފެނުމާއި، ހިތްތައް ލެއްވިއެވެ. އެއީ ތިޔަބައިމީހުން، شكر ކުރުމަށްޓަކައެވެ.“
(كَلَّا إِنَّ الْإِنسَانَ لَيَطْغَىٰ ﴿٦﴾) “ ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އިންސާނާ އަނިޔާވެރިކަމުގައި ހައްދުފަހަނަ އަޅައިދާކަން ކަށަވަރެވެ.“
ބައެއް މުފައްސިރުން ވިދާޅުވާ ގޮތުގައި: މި ތަނުގައި (الْإِنسَانَ) އޮތް ބަސްފުޅުގެ މުރާދަކީ ވަކި އިންސާނެއް ނޫނެވެ ހުރިހާ އިންސާނުން އޭގެތެރެއަށް ވަދެއެވެ. އިންސާނާ އަށް ތަނަވަސްކަމެއް ލިބިއްޖެނަމަ ބޮޑާވެގަނެއެވެ.
އަދި އަނިޔާވެރި ކަމުގައި ޙައްދުފަހަނަ އަޅާދެއެވެ. ތިމާ ފުރިހަމަ ޞިއްޙަތެއްގައި ހުރެއްޖެނަމަ ބަލިމީހުންގެ މަތިން ހަނދާނެއް ނުހުރެއެވެ. ތިމާ ބަނޑު ފުރިއްޖެނަމަ ބަނޑުހައިހޫނު ކަންމަތީގައި ތިބޭ މީހުންމަތިން ހަނދާނެއް ނުވެއެވެ. ތިމާ ހެނދުންލައި ނިވާކޮށްގެން ހުރެއްޖެނަމަ ލާނެ ހެދުމެއް ލިބިފައި ނެތް މީހުންގެ މަތިން ހަނދާނެއް ނުހުރެއެވެ.
ބައެއް މުފައްސިރުން ވިދާޅުވާ ގޮތުގައި: މިއާޔަތް ބާވާލެއްވުނީ އަބޫޖަހުލުގެ މައްޗަށެވެ. ބުނެވޭ ގޮތުގައި: މުޅި ސޫރަތް އެއްކޮށްވެސް ބާވާލެއްވުނީ އަބޫޖަހުލުގެ މައްޗަށެވެ. އޭނާ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ނަމާދު ކުރުމަށް ހުރަސް އެޅިއެވެ. އެހިނދު ﷲ ތަޢާލާ އަމުރު ކުރެއްވީ މިސްކިތުގައި ނަމާދުކޮށް އެކަލޭގެފާނު ހައްދަވާ ގެންގުޅުއްވާ އިލާހުގެ އިސްމުފުޅުން ކިޔަވާ ވިދާޅުވުމަށެވެ.
(أَن رَّآهُ اسْتَغْنَىٰ ﴿٧﴾) މާނައަކީ: “ އޭނާ އަމިއްލަޔަށް ފުދިގެންފިކަމަށް އޭނާޔަށް ފެނުމުންނެވެ.“
އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ”މިއާޔަތް ބާވާލެއްވެވި، މުޝްރިކުންނަށް އަޑުއިވި، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް އަބޫޖަހުލު އައިސް ބުންޏެވެ. ”އޭ މުޙައްމަދު އެވެ.
ކަލޭގެފާނު ތިޔަ ވިދާޅުވަނީ މުއްސަންދިވެއްޖެނަމަ ހައްދުފަހަނަ އަޅައިދާ ކަމަށެވެ. އަހަރުމެންނަށް މައްކާގެ ފަރުބަދަތައް ރަނަށް ބަދަލުކޮށް ދެއްވާށެވެ. އޭރުން އަހަރުމެން އެފަރުބަދައިން ރަންނަގައި ހަދާނަމެވެ. އޭރުން އަހަރުމެންގެ ދީން ދޫކޮށްލާ ކަލޭގެފާނުގެ ދީނަށް ބަދަލުވާނަމެވެ.
އެހިނދު ޖިބްރީލް ޢަލައިހިއްސަލާމް ވަޑައިގެން ވިދާޅުވިއެވެ. ”އޭ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އެވެ. އެބައިމީހުންނަށް އިޚްތިޔާރު ދެއްވާށެވެ. އެބައިމީހުން ބޭނުންވެއްޖެނަމަ މައްކާގެ ފަރުބަދަތައް ރަނަށް ބަދަލު ކުރައްވަފާނަމެވެ. އެބައިމީހުން އީމާން ނުވެއްޖެނަމަ މާއިދާގެ އަޞްޙާބުންނާއި މެދު ކަންތައް ކުރެވުނު ގޮތަށް ކަންތައް ކުރައްވާހުށީމެވެ.“
މައްކާގެ މުޝްރިކުން އިމާން ނުވެދާނެކަމަށް ބިރަށް އެކަން އެގޮތަށް ނުވުމަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެދިވަޑައިގަތީއެވެ.
(إِنَّ إِلَىٰ رَبِّكَ الرُّجْعَىٰ ﴿٨﴾) މި އާޔަތުން ދެމާނަ އެއް ނެގެއެވެ. އެއީ:
- ”ހަމަކަށަވަރުން، އެނބުރި ދިޔުންވަނީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށެވެ.”
- ޝަރްޢީކަންކަމުގައި ތިޔަބައިމީހުންގެ މަރްޖިޢަކަށްވާން ޖެހޭނީ ގުރްއާނާއި ސުންނަތެވެ. ސޫރަތުއް ނިސާގެ 59 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (فَإِن تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّـهِ وَالرَّسُولِ إِن كُنتُمْ تُؤْمِنُونَ بِاللَّـهِ وَالْيَوْمِ الْآخِرِ) މާނައަކީ: “ ފަހެ، ކަމަކާމެދު ތިޔަބައިމީހުން ދެބަސްވެއްޖެނަމަ، اللَّه އަށާއި، رسول އާއަށް އެކަމެއް ރައްދުކުރާށެވެ! (އެބަހީ: އެކަމާމެދު اللَّه އާއި، އެކަލާނގެ رسول އާގެ حكم އޮތްގޮތެއް ބަލައި އެގޮތަށް عمل ކުރާށެވެ!)“
(أَرَأَيْتَ الَّذِي يَنْهَىٰ ﴿٩﴾) މާނައީ: “އަޅަކު ނަމާދުކޮށްފި ހިނދު، އެކަން ނަހީކޮށް، މަނާކުރާ މީހާ ތިބާ ދުށީމުހެއްޔެވެ.”
އެބަހީ: އެފަދަ މީހެއްގެ ޙާލުފެނި ކަލޭގެފާނު އަޖައިބުވެވަޑައިނުގަންނަވާތޯއެވެ.
މިއާޔަތުގައި ނަހީކުރާފަރާތަކީ ނަހީކުރެވޭ ފަރާތެއްވެއެވެ. ފަހެ ނަހީކުރަނީ ނުވަތަ ނަމާދު ކުރުން މަނާ ކުރަނީ ޤުރައިޝުންގެ ޠާޣޫތުކަމުގައިވާ އަބޫ ޖަހުލެވެ. މި މަނާކުރާ މީހާ އަށް ގުރައިޝުން ކިޔައި އުޅުނީ އަބުލް ޙަކަމްއެވެ.
އެހެނީ މައްސަލަތަކުގައި ޙުކުމްކުރަން އޭނާގެ ގާތަށް އެމީހުން ދާތީއެވެ. އޭނާގެ ގާތަށް އެފަދައިން މީސްތަކުން ދާތީވެ އޭނާގެ އަމިއްލަ ނަފްސު އޭނާއަށް ފެނުނީއެވެ. އަދި އެކަމަށް އޭނާ ބޮޑާވެގަތީއެވެ. އިސްލާމްދީނާ ދެކޮޅުވެރިވެ މަރުވެގެން ދިޔައީވެސް އެގޮތުގައެވެ. މިއީ އެންމެންވެސް ރަނގަޅަށް ދަންނަ ކަމެކެވެ.
މިމީހާއަށް ނަބިއްޔާ صلى الله عليه وسلم ދެއްވި ނަމަކީ އަބޫ ޖަހުލެވެ. (ޖާހިލުންގެ ބައްޕަ)އެވެ. އެއީ އޭނާގެ ޤައުމުގެ މީހުން އޭނާއަށް ކިޔައިއުޅުނު ނަމުގެ އިދިކޮޅު ނަމެވެ.
މިތަނުގައި ނަހީ ކުރެވޭ ފަރާތަކީ ނުވަތަ އެފަރާތަކަށް ނަމާދު ކުރުން މަނާ ކުރެވޭ ފަރާތަކީ މިއުއްމަތުގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އެވެ.
ނުނިމޭ…….


