ކުޑަ ސިކުންތުކޮޅެއްގެ ތެރޭގައި މީހުންގެ އަބުރަށް އަރައިގަނެ މުޅި ދުނިޔެއަށް ފަޟީޙަތްކުރަނީ ފާފައިގެ ބޮޑުކަމާމެދު ފިކުރުމެއްނެތި: ހުކުރު ޚުތުބާ

މިއަދުގެ ކުރިއަރާފައިވާ ދުނިޔޭގައި، ކުރެވޭ ފާފައިގެ ބޮޑުކަމާ މެދު އެއްވެސް ޚިޔާލެއް ފިކުރެއްނެތި، ކުޑަ ސިކުންތުކޮޅެއްގެ ތެރޭގައި މީހުންގެ އަބުރަށް އަރައިގަނެ މުޅި ދުނިޔެއަށް މީހުން ފަޟީޙަތްކުރަމުންދާ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައި ވަނީ ”މުސްލިމުންގެ އަބުރާއި ޢިއްޒަތް“ މި މަޢުޟޫއަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޚުތުބާގައި ފާހަގަކުރި ގޮތުގައި، މާތް ﷲ އިންސާނާ މާތްކުރައްވައި މަތިވެރިކުރެއްވި އިރު، އޭނާގެ ޤަދަރާއި ޢިއްޒަތް ގެއްލިދާނެ ކޮންމެ ކަމެއް ވަނީ ނަހީކުރައްވައިފައެވެ. އަދި އިންސާނާގެ އަބުރާއި ޢިއްޒަތް ރައްކާތެރިކުރުމަކީ އިސްލާމީ ޝަރީޢަތް ބާވައިލެއްވުމުގެ މައިގަނޑު ފަސް މަޤުޞަދުގެ ތެރޭގައި ހިމެނޭ މުހިންމު އެއް ކަންކަމަށް ވާއިރު، އިސްލާމްދީން މިކަމަށް ވަރަށް ބޮޑަށް ބާރުއަޅައެވެ. އަބުރު ރައްކާތެރިކުރުމަށް މިހައި ބޮޑު އަހައްމިއްޔަތުކަމެއް ދީފައިވަނީ، އަބުރު ގެއްލުވައިލުމުގެ ސަބަބުން ވަކިވަކި ފަރުދުންނަށް ގެއްލުންވުމުގެ އިތުރުން މުޅި މުޖުތަމަޢުގެ އެއްބައިވަންތަކަން ގެއްލި، އިޖުތިމާޢީ ފޭރާން ވީދިގެންދާނެތީއެވެ.

މީހެއްގެ ގައިގައި ޖެހުމާއި ޖިސްމާނީ ގޮތުން ގެއްލުން ދިނުމަކީ ބޮޑުވެގެންވާ އަނިޔާއެއް ނަމަވެސް، އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ ޖިސްމާނީ އަނިޔާއަށް ވުރެ ވެސް މާބޮޑު ކަމުގައި ޚުތުބާގައި ބަޔާންކުރިއެވެ. އަބުރު ގެއްލުވައިލުމުން މުޖުތަމަޢު ދެކޭގޮތް ބަދަލުވެ، އެ މީހަކު އެކަހެރިވެގެންދާ ހިނދު، ބޭރުފުށުން އެއްވެސް ޒަޚަމެއް ނުފެނުނަސް އެ މީހާގެ ހިތާއި ނަފުސުގައި އަޅާ ވޭނަކީ ބަޔާންކުރަން ވެސް ދަތި ބޮޑު އަނިޔާއެކެވެ.

ނަޖިސްކަން ބޮޑު ޖަނަވާރެއް ކަމަށްވާ ކުއްތާއަކަށް ފެންދިން މީހެއްގެ ފާފަ މާތް ﷲ ފުއްސަވައި ސުވަރުގެ ވެއްދެވި ޙާދިޘާ ހަނދާންކޮށްދެމުން ޚުތުބާގައި ބުނީ، އެފަދަ ޖަނަވާރަކަށް ހެޔޮކޮށް ހިތުމުން ދަރުމަ ލިބޭއިރު، ﷲ މާތްކުރެއްވި އާދަމުގެ ދަރިއެއްގެ އަބުރު ކަތިލައި ނިކަމެތިކުރުމުގެ ފާފަ ކިހާ ބޮޑުވާނެތޯ ވިސްނައިލަން ޖެހޭ ކަމަށެވެ. އަދި ގެފުޅުގެ ޙުރުމަތަށް ވުރެ ވެސް މުއުމިނެއްގެ ލެޔާއި، މުދަލާއި، އަބުރުގެ ޙުރުމަތް ﷲގެ ޙަޟުރަތުގައި މާ މަތިވެރިވެގެންވާކަން ކީރިތި ރަސޫލާ ﷺ ގެ ޙަދީޘް ބަސްފުޅުން އެނގޭކަން ވެސް ފާހަގަކުރިއެވެ.

އަބުރު ރައްކާތެރިކުރުމަށްޓަކައި އިސްލާމްދީނުގައި އެޅުއްވި ފިޔަވަޅުތަކުގެ ތެރޭގައި، ޢިއްފަތްތެރިންގެ ބޮލުގައި ހަތަރު ހެކިންނާ ނުލައި ޒިނޭގެ ތުހުމަތު އެޅުވުމަކީ ލަޢުނަތް ލެއްވިގެންވާ ބޮޑު ފާފައެއް ކަމުގައި ލައްވައި، އެފަދަ މީހުންގެ ގައިގައި 80 އެތިފަހަރުން ޙައްދު ޖެހުމަށާއި އެއީ ފާސިޤުން ކަމުގައި ކަނޑައަޅުއްވާފައިވާކަން ޚުތުބާގައި ހަނދާންކޮށްދިނެވެ. އަދި މީހުންނާ މެދު ގޯސްކޮށް ހީކުރުމާއި، މީސްމީހުންގެ ޒާތީ ކަންކަން ބަލައި ޖާސޫސްކުރުމަކީ ވެސް ޙަރާމް ކުރައްވާފައިވާ ކަންކަމެވެ.

މީސްމީޑިއާގެ ޒަރީޢާއިން މީހުންގެ އަބުރު ކަތިލުމުގެ ނުރައްކާތެރިކަމަށް އަލިއަޅުވާލަމުން ޚުތުބާގައި ބުނީ، ޒާތީވުމާއި ހަސަދައިގެ ސަބަބުން ތެދުދޮގު ބެލުމެއް ނެތި މީސްމީޑިއާގައި މިފަދަ ޢަމަލުތައް ހިންގަނީ ތިމާމެންގެ ޅަދަރިންގެ ކުރިމަތީގައި ކަމަށެވެ. މާދަމާ ޤައުމާ ޙަވާލުވާން ތިބި ދަރިންނަށް ދެއްކޭ މި ނަމޫނާއާ މެދު ފުންކޮށް ވިސްނައިލަން ޖެހެއެވެ.

މީގެއިތުރުން، އިންސާނާގެ ދުލުން ބޭރުކުރާ ކޮންމެ ލަފުޒަކީ ހިސާބު ކުރެވޭނެ އެއްޗެއް ކަމަށާއި، ގިނަ މީހުން ނަރަކައަށް އެއްލައިލެވެނީ ދުލުގެ ނުބައިކަމުން ކަމުގައި ކީރިތި ރަސޫލާ ﷺ ބަޔާންކުރައްވާފައިވާކަން ޚުތުބާގައި ހަނދާންކޮށްދިނެވެ. އަދި އަމިއްލަ ނަފުސުގެ އަބުރު ރައްކާތެރިކުރުމުގެ މުހިންމުކަން ބަޔާންކޮށް، ކީރިތި ރަސޫލާ ﷺ އިޢުތިކާފުގައި އިންނަވަނިކޮށް އަނބިކަނބަލުން ޞަފިއްޔާ رضي الله عنها ގެންގޮސްދެއްވި ވަގުތު، ދެ ޞަޙާބީއަކު ފެނިވަޑައިގަތުމުން އެއީ އަނބިކަނބަލުންކަން ވަގުތުން ބަޔާންކޮށްދެއްވައި ޝައްކުތައް ފިލުއްވައިދެއްވި ޙާދިޘާ ވެސް މިއަދުގެ ޚުތުބާގައި ވަނީ ގެނެސްދީފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.