
އަލްޖަޒީރާގެ މުވައްޒަފުންގެ ފޯނުތަކަށް ޖާސޫސީ ސޮފްޓްވެއަރ ފޮނުވުމުގައި އިސްރާއީލުގެ އެޑް-ޓެކް ކުންފުނިން އެހީތެރިވެފައިވާކަން ހާމަވެއްޖެ
އަލްޖަޒީރާ އާއި އެނޫންވެސް ބައެއް ކުންފުނިތަކުގެ މުވައްޒަފުން ބޭނުންކުރާ ގިނަ އަދަދެއްގެ ފޯނުތަކާއި އިލެކްޓްރޯނިކް އާލާތްތަކަށް ޖާސޫސީ ސޮފްޓްވެއަރ (ސްޕައިވެއަރ) ފޮނުވުމުގައި އިސްރާއީލުގެ އިޝްތިހާރު ކުރާ ޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ ’ޑިސްކަވަރ-ޓެކް‘ އިން އެހީތެރިވެދީފައިވާކަން ހާމަވެއްޖެއެވެ.
މިކަމާ ގުޅިގެން އަލްޖަޒީރާ މީޑިއާ ނެޓްވޯކުން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި، އެ ކުންފުނީގެ މުވައްޒަފުންނަށް އަމާޒުކޮށް ދީފައިވާ މި ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، މުވައްޒަފުންނާއި ކުންފުނީގެ ނިޒާމުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ދެމިތިބޭނެ ކަމަށް ބުނެފައިވެއެވެ. އަދި ނޫސްވެރިންނަށް އަމާޒުކޮށް މިފަދަ ހަމަލާތައް ދިނުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް އަރައިގަތުން ކަމަށާއި، މިކަމުގައި ޒިންމާވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށްވެސް އަލްޖަޒީރާއިން ވަނީ ގޮވާލާފައެވެ.
އަލްޖަޒީރާގެ އެތެރޭގެ ތަހުގީގަކަށްފަހު ’ސިޓިޒަން ލެބް‘ އިން ކުރިއަށްގެންދިޔަ ދިރާސާއަކުން ކަށަވަރުވެފައިވާ ގޮތުގައި، މި އާލާތްތަކަށް ފޮނުވާފައިވަނީ އިސްރާއީލުގެ ޖާސޫސީ ކުންފުންޏެއް ކަމަށްވާ ’ކެންޑިރޫ‘ ގެ ސްޕައިވެއަރއެވެ. މިއީ ސައިބަރ ހަމަލާތައް ދޭތީ 2021 ވަނަ އަހަރު އެމެރިކާ ސަރުކާރުން ބްލެކްލިސްޓްކޮށްފައިވާ ކުންފުންޏެކެވެ. މި ހަމަލާގައި ބޭނުންކޮށްފައިވަނީ ”ޒީރޯ-ކްލިކް“ ޓާގެޓެޑް އެޑްވަަޓައިޒިންގް ނަމަކަށް ކިޔާ އުކުޅެކެވެ.
މި ސްޕައިވެއަރ އިންސްޓޯލްވާ ގޮތަކީ، ފޯނުން ފެންނަ އިޝްތިހާރެއްގެ ޒަރީއާއިން، އެއްވެސް ތަނަކަށް ފިތާނުލި ކަމުގައިވިޔަސް، އެ އާލާތެއް މި ވައިރަހުން ތަޣައްޔަރުވެ، އޭގައި ހުންނަ ހުރިހާ މައުލޫމާތެއް ހަމަލާދޭ ފަރާތަށް ފޯރުކޮށްދިނުމެވެ. މި ސޮފްޓްވެއަރ ފަރުމާކޮށްފައިވަނީ ފޯނުގައި ހުންނަ ފައިލްތަކާއި، ލިޔެކިޔުންތަކާއި، ބްރައުޒާގެ މައުލޫމާތުތަކާއި، ސޭވްކޮށްފައި ހުންނަ ޕާސްވޯޑްތައް ފަދަ ނާޒުކު މައުލޫމާތުތައް ވަގަށް ނެގުމަށެވެ. މީގެ އިތުރުން ފޯނުން ޓައިޕްކުރާ ތަކެއްޗާއި، ސްކްރީންޝޮޓް ނެގުމާއި، މައިކްރޯފޯން އަދި ކެމެރާ މެދުވެރިކޮށް އަޑާއި މަންޒަރު ރެކޯޑުކުރުމުގެ ގާބިލުކަންވެސް މީގައިވެއެވެ.
ސެކިއުރިޓީ ނިޒާމުތަކަށް ނުފެނި މިކަން ކުރުމަށްޓަކައި، މި ސްޕައިވެއަރ ބޭނުންކުރަނީ އެންކްރިޕްޓްކޮށްފައިވާ މުވާސަލާތީ ވަސީލަތްތަކެވެ. އަދި ވަގަށް ނަގާ މައުލޫމާތުތައް ފޮނުވަނީ ކުދިކުދި ބައިތަކަށް ބަހާލައިގެން ވަކި ވަގުތުތަކެއްގައެވެ. މި ހަމަލާ ދިނުމަށް ބޭނުންކުރި ވަސީލަތަކީ އެތައް މިލިއަން ޑޮލަރެއްގެ އަގުބޮޑު އެއްޗެއް ކަމަށް ބެލެވެއެވެ.
ޓޮރޮންޓޯ ޔުނިވަރސިޓީގެ ރިސާޗް ޔުނިޓެއް ކަމަށްވާ ސިޓިޒަން ލެބުން ބުނި ގޮތުގައި، ’ޑިސްކަވަރ-ޓެކް‘ އިން ވަނީ ސްޕައިވެއަރ ހިމެނޭ އިޝްތިހާރުތައް ގަނެ، އެ މެދުވެރިކޮށް ’ކެންޑިރޫ‘ ގެ ވައިރަސް ފޯނުތަކަށް ފޮނުވާފައެވެ. މި ހަމަލާގެ ޝިކާރައަކަށްވި މީހުންގެ ތެރޭގައި ނާޒުކު މައުލޫމާތުތައް ރިޕޯޓުކުރާ އަލްޖަޒީރާގެ ނޫސްވެރިންވެސް ހިމެނެއެވެ.
އަލްޖަޒީރާގެ އައިޓީ ޓީމަށް މިކަމުގެ ހިލަމެއް ފުރަތަމަ ވީ 2024 ވަނަ އަހަރުއެވެ. އަދި 2025 ވަނަ އަހަރާ ހަމައަށް މިކަން ކުރިއަށްދިއުމުން، އިތުރު ތަހުގީގަށް ސިޓިޒަން ލެބްގެ އެހީތެރިކަމަށް އެދުނީއެވެ. ސިޓިޒަން ލެބުން ބުނި ގޮތުގައި ނެޓްވޯކް ލޮގްތައް ދިރާސާކުރުމުން މި ހަމަލާ ދީފައިވާ ގޮތުގެ ސާފު ހެކިތައް ވަނީ ފެނިފައެވެ.
މީގެ އިތުރުން، ނިއުޔޯކުގެ އެޑްވަަޓައިޒިންގް ސެކިއުރިޓީ ކުންފުންޏެއް ކަމަށްވާ ’ކޮންފިއަންޓް‘ އިން ބުނި ގޮތުގައި، ’ޑިސްކަވަރ-ޓެކް‘ ގެ މިފަދަ އިޝްތިހާރުތައް އެމެރިކާގެ ޕެންޓަގަން، އދ. ގެ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ އަދި އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައި.ސީ.ސީ) ފަދަ ނާޒުކު އިދާރާތަކުގެ ނެޓްވޯކްތަކުންވެސް ވަނީ ފެނިފައެވެ. ’ކެންޑިރޫ‘ ގެ ސްޕައިވެއަރ މީގެ ކުރިންވެސް އެކި ގައުމުތަކުގެ މަދުވެގެން 100 ނޫސްވެރިންނާއި ސިޔާސީ ގޮތުން އިދިކޮޅު ފަރާތްތަކަށް ފާރަލުމަށް ބޭނުންކޮށްފައިވެއެވެ.



