ނޯޓް: މިއީ ރައިސް އޮފީހުން ނެރެފައިވާ ޤުރްއާން ތަރުޖަމާގެ ކަހްފު ސޫރަތް އަޞްލަކަށް ބަލައިގެން އައްޝައިޚް އަބޫބަކުރުގެ ޤުރްއާން ތަރުޖަމާއާއި ތަފްސީރު އިބްނު ކަޘީރާއި ތަފްސީރުލްޖަލާލައިނާއި ތަފްސީރުލްޤުރްޠުބީއާއި ތަފްސީރުއްޠަބަރާނީއާއި ޑރ. މުޙައްމަދު މުޙްސިން ޚާންގެ އިނގިރޭސި ޤުރްއާން ތަރުޖަމާއާ އަޅާކިޔުމަށްފަހުގައި ތަހުޛީބުކޮށް އެކުލަވާލާފައިވާ ތަރުޖަމާއެކެވެ).
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
ރަޙްމާނުވަންތަ ރަޙީމުވަންތަ اللّه ގެ އިސްމުފުޅުން ފަށައިގަންނަމެވެ.
الْحَمْدُ لِلَّـهِ الَّذِي أَنزَلَ عَلَىٰ عَبْدِهِ الْكِتَابَ وَلَمْ يَجْعَل لَّهُ عِوَجًا ۜ ﴿١﴾
އެންމެހާ ޙަމްދާއި ޘަނާ ލިބިވޮޑިގެންވަނީ اللّه އަށެވެ. އެކަލާނގެއީ ، އެކަލާނގެ އަޅާއަށް ފޮތް ބާވައިލެއްވި ރަސްކަލާނގެއެވެ. އަދި އެކަލާނގެ އެފޮތަކީ ޙައްޤުމަގުން އެއްކިބާކުރަނިވި ފޮތެއްކަމުގައި ނުލައްވައެވެ.
قَيِّمًا لِّيُنذِرَ بَأْسًا شَدِيدًا مِّن لَّدُنْهُ وَيُبَشِّرَ الْمُؤْمِنِينَ الَّذِينَ يَعْمَلُونَ الصَّالِحَاتِ أَنَّ لَهُمْ أَجْرًا حَسَنًا ﴿٢﴾
(އެ ފޮތް ލައްވާފައިވަނީ) ސީދާވެގެންވާ ތެދުމަގަށް މަގުދައްކަނިވި ފޮތެއްކަމުގައެވެ. އެކަލާނގެ ޙަޟްރަތުން (ކާފިރުންނަށް) ހުރި ގަދަފަދަ ޢަޛާބަކާ މެދު އިންޛާރު ކުރެއްވުމަށެވެ. އަދި ޞާލިޙް ޢަމަލުތައްކުރާ މުއުމިނުންނަށް ، ހަމަކަށަވަރުން ހެޔޮވެގެންވާ ދަރުމަ (ސުވަރުގެ) ހުރިކަމުގެ އުފާވެރި ޚަބަރު ދެއްވުމަށެވެ.
مَّاكِثِينَ فِيهِ أَبَدًا ﴿٣﴾
އެ ދަރުމައިގައި، އެއުރެން އަބަދަށް ދެމިތިބެނިވި ގޮތުގައެވެ.
وَيُنذِرَ الَّذِينَ قَالُوا اتَّخَذَ اللَّـهُ وَلَدًا ﴿٤﴾
އަދި (އެފޮތް ބާވައިލެއްވުނީ) اللّه ތަޢާލާ ، ދަރިކަލަކު ހިއްޕެވިކަމަށް ބުނި މީހުންނަށް އިންޛާރު ކުރެއްވުމަށްޓަކައެވެ.
مَّا لَهُم بِهِ مِنْ عِلْمٍ وَلَا لِآبَائِهِمْ ۚ كَبُرَتْ كَلِمَةً تَخْرُجُ مِنْ أَفْوَاهِهِمْ ۚ إِن يَقُولُونَ إِلَّا كَذِبًا ﴿٥﴾
އެއުރެންނަކަށް ، އަދި އެއުރެންގެ ކާބަފައިންނަކަށްވެސް (އެއުރެން އެބުނާ ބަހާމެދު) އެއްވެސް ޢިލްމެއް ލިބިގެނެއް ނުވެއެވެ. އެއުރެންގެ އަނގަތަކުން އެނުކުންނަ ބަހެއްގެ ބޮޑުކަމާއެވެ! އެއުރެން އެ ބުނަނީ ، ދޮގެއްކަމުގައިނޫނީ ނުވެއެވެ.
فَلَعَلَّكَ بَاخِعٌ نَّفْسَكَ عَلَىٰ آثَارِهِمْ إِن لَّمْ يُؤْمِنُوا بِهَـٰذَا الْحَدِيثِ أَسَفًا ﴿٦﴾
ފަހެ އެއުރެން މި ޤުރްއާނަށް އީމާންނުވެ، އެއުރެން ކަލޭގެފާނަށް މޫނު އަނބުރާލައި ދިޔަކަމުގެ މައްޗަށް ހިތާމައިން ކަލޭގެފާނުގެ ނަފްސު ހަލާކު ނުކުރައްވާށެވެ.
إِنَّا جَعَلْنَا مَا عَلَى الْأَرْضِ زِينَةً لَّهَا لِنَبْلُوَهُمْ أَيُّهُمْ أَحْسَنُ عَمَلًا ﴿٧﴾
ހަމަކަށަވަރުން ، ބިންމަތީގައިވާހާ ތަކެތި ، އެބިމުގެ ޒީނަތެއް ކަމުގައި ތިމަން އިލާހު ލެއްވީމެވެ. އެއީ އެއުރެންކުރެ ޢަމަލުގައި ރަނގަޅީ ކާކުތޯ ތިމަން އިލާހު އެބައިމީހުން އިމްތިޙާނު ކުރެއްވުމަށްޓަކައެވެ.
وَإِنَّا لَجَاعِلُونَ مَا عَلَيْهَا صَعِيدًا جُرُزًا ﴿٨﴾
އަދި ހަމަކަށަވަރުން ، އެ ތަނުގައި ވާހާ ތަކެތި ނެތިކުރައްވައި، އެއްވެސް އެއްޗެއް ނެތް، ހަނަފަސް ތަނެއް ކަމުގައި ތިމަންރަސްކަލާނގެ (އެބިން) ލައްވާހުށީމެވެ.
أَمْ حَسِبْتَ أَنَّ أَصْحَابَ الْكَهْفِ وَالرَّقِيمِ كَانُوا مِنْ آيَاتِنَا عَجَبًا ﴿٩﴾
ހަމަކަށަވަރުން ކަހްފު (ހޮހޮޅަ) ބާގައިމީހުންނާއި ، އެއުރެންގެ ނަންތަކާއި އެއުރެންގެ ޚަބަރުތައް ލިޔެވިފައިވާ ފިލާގެ ވާހަކައަކީ ، ތިމަންރަސްކަލާނގެ އާޔަތްތަކުގެ ތެރެއިންވާ ޢަޖައިބެއް ކަމުގައި، ކަލޭގެފާނު ހީފުޅު ކުރައްވަނީ ހެއްޔެވެ؟
(އެބަހީ: اللّه ތަޢާލާގެ އާޔަތްތަކުގެ ތެރޭގައި އެއަށްވުރެ މާ ޢަޖައިބުކުރަނިވި ކަންތައްތައްވެސް ވެއެވެ).
إِذْ أَوَى الْفِتْيَةُ إِلَى الْكَهْفِ فَقَالُوا رَبَّنَا آتِنَا مِن لَّدُنكَ رَحْمَةً وَهَيِّئْ لَنَا مِنْ أَمْرِنَا رَشَدًا ﴿١٠﴾
އެ ޒުވާނުން ، އެ ހޮހަޅައިގެ ތެރެއަށް ވަދެ އެތަނުން ރައްކާތެރިކަން ހޯދި ހިނދު ، ހަނދުމަފުޅުކުރާށެވެ! ފަހެ ، އެ ޒުވާނުން ދެންނެވިއެވެ: “އަޅަމެންގެ ރައްބު! އިބަރަސްކަލާނގެ ޙަޟްރަތުން އަޅަމެންނަށް ރަޙްމަތެއް ދެއްވާނދޭވެ! އަދި އަޅަމެންގެ މިކަންތަކުގައި އަޅަމެންނަށް ސީދާގޮތެއް ފަހިކޮށްދެއްވާންދޭވެ!”
فَضَرَبْنَا عَلَىٰ آذَانِهِمْ فِي الْكَهْفِ سِنِينَ عَدَدًا ﴿١١﴾
ފަހެ ، ގިނަ އަހަރުތަކެއް ވަންދެން ، އެހޮހަޅައިގައި ތިމަންރަސްކަލާނގެ އެއުރެންގެ ކަންފަތްތަކަށް އަޑުނީވޭނެހެން، (ގަދަ ނިންޖެއްގައި) އެއުރެން ބައިތިއްބެވީމެވެ.
ثُمَّ بَعَثْنَاهُمْ لِنَعْلَمَ أَيُّ الْحِزْبَيْنِ أَحْصَىٰ لِمَا لَبِثُوا أَمَدًا ﴿١٢﴾
ދެން ތިމަންރަސްކަލާނގެ އެއުރެން ނިދީން ހޭލައްވައި (އަލުން މީހުން އުޅޭ ހިސާބަށް) ފޮނުއްވީމެވެ. އެއީ އެއުރެން ނިދާފައި ތިބި މުއްދަތު އެންމެ ރަނގަޅަށް ހިމަނަނީ ، ދެބައިމީހުންކުރެ ކޮންބަޔެއްކަން ތިމަންރަސްކަލާނގެ ބައްލަވައިވޮޑިގަތުމަށެވެ.
نَّحْنُ نَقُصُّ عَلَيْكَ نَبَأَهُم بِالْحَقِّ ۚ إِنَّهُمْ فِتْيَةٌ آمَنُوا بِرَبِّهِمْ وَزِدْنَاهُمْ هُدًى ﴿١٣﴾
ތިމަންރަސްކަލާނގެ ، ކަލޭގެފާނަށް އެއުރެންގެ ޚަބަރު ތެދަށް ކިޔައިދެއްވަމެވެ. ހަމަކަށަވަރުން ، އެއުރެންނީ އެއުރެންގެ ރައްބަށް އީމާންވި، ޒުވާން ފިރިހެނުން ތަކެކެވެ. އަދި އެއުރެންނަށް ތިމަންރަސްކަލާނގެ ތެދުމަގު އިތުރުކޮށްދެއްވީމެވެ.
وَرَبَطْنَا عَلَىٰ قُلُوبِهِمْ إِذْ قَامُوا فَقَالُوا رَبُّنَا رَبُّ السَّمَاوَاتِ وَالْأَرْضِ لَن نَّدْعُوَ مِن دُونِهِ إِلَـٰهًا ۖ لَّقَدْ قُلْنَا إِذًا شَطَطًا ﴿١٤﴾
އަދި އެއުރެން ތެދުވެ: “ތިމަންމެންގެ ރައްބަކީ ، އުޑުތަކާއި ބިމުގެ ރައްބެވެ. ތިމަންމެން އެކަލާނގެ ނޫން އިލާހަކަށް ދުޢާކޮށް އަޅުކަން ނުކުރާނަމޭ” ބުނިހިނދު ، ތިމަންރަސްކަލާނގެ އެއުރެންގެ ހިތްތަކަށް (ހިތްވަރުގަދަކަމާއި އީމާންތެރިކަމުގައި) ޘާބިތުކަން ދެއްވީމެވެ. (އަދި އެއުރެން ބުންޏެވެ: “އެނޫން ގޮތަކަށް ތިމަންމެން ބުނެފިނަމަ) ތިމަންމެން އޭރުން އެބުނީ ، އަނިޔާވެރިކަމާއި ، ބާޠިލާއި ކުފުރުގެ ނިހާޔަތަށް ގޮސްފައިވާ ބަހެއްކަން ކަށަވަރެވެ.
هَـٰؤُلَاءِ قَوْمُنَا اتَّخَذُوا مِن دُونِهِ آلِهَةً ۖ لَّوْلَا يَأْتُونَ عَلَيْهِم بِسُلْطَانٍ بَيِّنٍ ۖ فَمَنْ أَظْلَمُ مِمَّنِ افْتَرَىٰ عَلَى اللَّـهِ كَذِبًا ﴿١٥﴾
މިތިބީ އެކަލާނގެ ފިޔަވައި އަޅުކަންކުރުމަށް އިލާހުންތަކެއް ހަދައިގެންތިބި ، އަހުރެމެންގެ ޤައުމުގެ މީހުންނެވެ. (އެއުރެން އެކުރާ އަޅުކަންކުރުމަށް) ފާޅުވެގެންވާ ޙުއްޖެތެއް، އެއުރެން ނުގެންނަނީ ކީއްވެ ހެއްޔެވެ؟ ފަހެ اللّه އާ މެދު ދޮގެއް އުފައްދައިގަތް މީހަކަށްވުރެ ، އަނިޔާވެރިކަންބޮޑީ ފަހެ ކާކު ހެއްޔެވެ؟
وَإِذِ اعْتَزَلْتُمُوهُمْ وَمَا يَعْبُدُونَ إِلَّا اللَّـهَ فَأْوُوا إِلَى الْكَهْفِ يَنشُرْ لَكُمْ رَبُّكُم مِّن رَّحْمَتِهِ وَيُهَيِّئْ لَكُم مِّنْ أَمْرِكُم مِّرْفَقًا ﴿١٦﴾
(އަދި އެ ޒުވާނުން އެއްބަޔަކު އަނެއްބަޔަކަށް ބުންޏެވެ:) “ތިޔަބައިމީހުންގެ ޤައުމުގެ މީހުންނާއި ، އަދި اللّه ފިޔަވައި އެއުރެން އަޅުކަންކުރާ ތަކެއްޗާ ވަކިވެގަންނަ ހިނދު، ތިޔަބައިމީހުން ހޮހަޅައިގެ ހިޔާވަހިކަން ލިބިގަންނާށެވެ! އޭރުން ، ތިޔަބައިމީހުންގެ ރައްބު ، ތިޔަބައިމީހުންނަށް އެކަލާނގެ ރަޙްމަތް ތަނަވަސްކޮށްދެއްވައި، ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ ކަންތަކުގައި ، މަންފާހުރި ހެޔޮގޮތް އެކަލާނގެ ފަސޭހަކޮށްދެއްވާނެތެވެ”.
وَتَرَى الشَّمْسَ إِذَا طَلَعَت تَّزَاوَرُ عَن كَهْفِهِمْ ذَاتَ الْيَمِينِ وَإِذَا غَرَبَت تَّقْرِضُهُمْ ذَاتَ الشِّمَالِ وَهُمْ فِي فَجْوَةٍ مِّنْهُ ۚ ذَٰلِكَ مِنْ آيَاتِ اللَّـهِ ۗ مَن يَهْدِ اللَّـهُ فَهُوَ الْمُهْتَدِ ۖ وَمَن يُضْلِلْ فَلَن تَجِدَ لَهُ وَلِيًّا مُّرْشِدًا ﴿١٧﴾
އަދި އިރުއަރައިގެން އަންނަހިނދު ، އެއުރެންގެ ހޮހަޅައިގެ ކަނާތްފަރާތަށް ، އިރު ލެނބިގެންދާތީ ، ކަލޭގެފާނަށް ފެނިވަޑައިގަންނާނެތެވެ. އަދި އިރުއޮއްސެން ދާހިނދު ، ވާތްފަރާތަށް އެއުރެން ދޫކޮށް ފަހަނަޅައިދެއެވެ. އޭރު އެއުރެންވަނީ ، ހޮހަޅައިގެ ތަނަވަސް ތަނެއްގައެވެ. އެކަންތައްވަނީ ، اللّه ގެ އާޔަތްތަކުގެ ތެރެއިންނެވެ. اللّه ތެދުމަގު ދެއްކެވި މީހާ (ދަންނައެވެ!) ފަހެ ، އެމީހަކީ ތެދުމަގު ލިބިފައިވާ މީހެކެވެ. އަދި އެކަލާނގެ މަގުފުރައްދަވައިފި މީހާ (ދަންނައެވެ!) ފަހެ ، އެމީހަކަށް ތެދުމަގު ދައްކާނޭ އެހީތެރިޔަކު ކަލޭގެފާނު ފެނިވަޑައިނުގަންވަނާނެއެވެ.
وَتَحْسَبُهُمْ أَيْقَاظًا وَهُمْ رُقُودٌ ۚ وَنُقَلِّبُهُمْ ذَاتَ الْيَمِينِ وَذَاتَ الشِّمَالِ ۖ وَكَلْبُهُم بَاسِطٌ ذِرَاعَيْهِ بِالْوَصِيدِ ۚ لَوِ اطَّلَعْتَ عَلَيْهِمْ لَوَلَّيْتَ مِنْهُمْ فِرَارًا وَلَمُلِئْتَ مِنْهُمْ رُعْبًا ﴿١٨﴾
އަދި އެއުރެން ނިދާފައި ތިބިއިރު ، ކަލޭގެފާނަށް ހީފުޅުކުރެއްވޭނީ ، ހޭލައިތިބި ބަޔެއްހެންނެވެ. އަދި ތިމަންރަސްކަލާނގެ އެއުރެން ކަނާތްފަރާތަށާއި ، ވާތްފަރާތަށް ފުރޮޅުއްވަމެވެ. އަދި އެއުރެންގެ ކުއްތާ އޮތީ ، އެސޮރުގެ ދެއަތް ދަމާލައިގެން (ހޮހަޅައިގެ) ދޮރުމަތީގައެވެ. އެއުރެންނަށް ކަލޭގެފާނު ބައްލަވާލައްވައިފި ނަމަ ، ހަމަކަށަވަރުން ، ކަލޭގެފާނު އެއުރެންނާ ދުރަށްދުވެ ފިއްލެވީހެވެ. އަދި ހަމަކަށަވަރުން ، ކަލޭގެފާނު އެއުރެންދެކެ ބިރުން ފިތްކަނޑައިގެން ދިޔައީހެވެ.
ނުނިމޭ………