ޓްރަމްޕްގެ އާ ޕްރެސް ސެކްރެޓަރީ ބާ އެގްޒާމުން ފޭލްވިކަމަށް އެއްބަސް ވެއްޖެ

ޓްރަމްޕްގެ އާ ޕްރެސް ސެކްރެޓަރީގެ ފެންވަރާމެދު ސުވާލު އުފެދިފައިވަނިކޮށް އޭނާ ބާ އެގްޒެމުން ފޭލްވިކަމަށް އިއުތިރާފުވެއްޖެ އެވެ.

ވައިޓް ހައުސްގެ އާ ޕްރެސް ސެކްރެޓަރީ ކޭޓީ ޒަކަރިއާގެ ގާބިލުކަމާމެދު ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް އެމެރިކާގައި ޤާނޫނީ ވަކީލުކަން ކުރުމަށް ކޮންމެހެން ފުރިހަމަކުރަންޖެހޭ ’ބާ އެގްޒެމް‘ އިން އޭނާ ފޭލްވިކަމަށް ބުރާސްފަތި ދުވަހު އެއްބަސްވެއްޖެ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޓީވީ ޕްރޮގްރާމްތަކާއި ސޯޝަލް މީޑިއާގައި ޒަކަރިއާ އަމިއްލައަށް ތައާރަފުވަމުން އައީ ޤާނޫނީ ވަކީލެއްގެ ގޮތުގަ އެވެ. އަދި އޭނާ އަކީ ކެލިފޯނިއާގެ ކޮންޒަވޭޓިވް ޖަމްޢިއްޔާއެއްގެ ޖެނެރަލް ކައުންސެލް ކަމަށްވެސް ބުނެފައިވެ އެވެ.

ނަމަވެސް ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ ހަފުތާގައި އައްޔަންކުރެއްވި ޕްރެސް ސެކްރެޓަރީ ބާ އެގްޒެމް ފުރިހަމަކުރީ ކޮން ތަނަކުންތޯ ކުރި ސުވާލަށް ސީދާ ޖަވާބެއް ނުދިނުމުން އޭނާގެ ޤާނޫނީ ފެންވަރާމެދު ވަނީ ޝައްކު އުފެދިފަ އެވެ.

އުމުރުން 41 އަހަރުގެ ޒަކަރިއާ 2011 ވަނަ އަހަރު ޕެޕަޑައިން ޔުނިވަރސިޓީގެ ލޯ ސްކޫލުން ދަސްވެނިވި ނަމަވެސް، ޤާނޫނީ ދާއިރާއިން ޑިގްރީއެއް އޮތުމަކީ އަމަލީ ގޮތުން ވަކީލުކަން ކުރުމުގެ ހުއްދަ އޮޓޮމެޓިކުން ލިބޭ ކަމެއް ނޫނެވެ.

ބުރާސްފަތި ދުވަހު ފޮކްސް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ޝޯގެ ހޯސްޓް ޝޯން ހެނިޓީ ޒަކަރިއާއާ ސުވާލުކުރީ ”ކަމަނާ ބާ އެގްޒެމްގައި ބައިވެރިވީމު ނޫންތޯ އެކަމަކު އެ އިމްތިހާނުން ފޭލްވީ އެއީ ތެދެއްތޯ؟“ އެވެ. ޖަވާބުގައި އޭނާ ބުނީ ”އާދެ“ އެވެ.

ހަމަ އެ ދުވަހު ’ރިއަލް އެމެރިކާސް ވޮއިސް‘ އަށް ދިން އެހެން އިންޓަވިއުއެއްގައި ޒަކަރިއާ ބުނީ އިމްތިހާނުގައި ބައިވެރިވާން ރަޖިސްޓްރީ ކުރި ނަމަވެސް ފިރިމީހާއާއެކު ޗައިނާއަށް ބަދަލުވުމުގެ ކަންކަމުގައި އުޅެންޖެހުމުން އިމްތިހާނަށް ސަމާލުކަން ނުދެވުނީ ކަމަށެވެ. އަދި ޗައިނާގައި ވަކީލުކަން ކުރަން ބާ އެގްޒެމް ބޭނުންނުވާނެކަން އެނގޭތީ އެ އިމްތިހާނުގެ ނަތީޖާއަކީ މާ މުހިންމު އެއްޗެއް ކަމަށް ނުދެކޭ ކަމަށްވެސް އޭނާ ބުންޏެވެ.

ބޭރު ޤައުމުތަކުގެ މީހުންނަށް ޗައިނާގެ ބާ އެގްޒާމްގައި ބައިވެރިއެއް ނުވެވޭނެ އެވެ.

ނަމަވެސް އެ ޤައުމުގެ ލޯ ފާމްތަކުގައި ޤާނޫނީ ބައެއް މަސައްކަތްތައް ކުރެވިދާނެ އެވެ.

ފަހުން ހެނިޓީ ކުރި ސުވާލަކަށް ޖަވާބު ދެމުން ޒަކަރިއާ ބުނީ ދެވަނަ ފަހަރަށް އެ އިމްތިހާނު ހަދާފައިނުވާނެ ކަމަށެވެ. ”ހަ އަހަރު ތެރޭގައި ހަތަރު ކުދިން ލިބުނު. އަމަލީ ގޮތުން ޤާނޫނީ ވަކީލުކަން ކުރުމަކީ ދުވަހަކުވެސް އަޅުގަނޑުގެ މަޤްޞަދެއް ނޫން،“ އޭނާ ބުންޏެވެ.

ޒަކަރިއާ އިތުރަށް ބުނި ގޮތުގައި، ޤާނޫނީ ދާއިރާގެ ގިނަ ބަޔަކު އޭނާއަށް ލަފާދީފައިވަނީ، ޤާނޫނީ ދާއިރާގެ ފުރަތަމަ ޑިގްރީއެއް އޮތުމުންނާއި ޗައިނާގެ ލޯ ފާމެއްގައި މަސައްކަތްކޮށްފައިވާތީ އަމިއްލައަށް ’ލޯޔަރ‘ އެއްގެ ނަން ބޭނުންކުރެވިދާނެ ކަމަށެވެ. އޭނާ ބުނީ އޭނާއަށް ދެވޭނީ ޤާނޫނީ ދިރާސާ (ލީގަލް އެނަލިސިސް) ކަމަށާއި ޤާނޫނީ ލަފާ ނޫން ކަމަށެވެ. ”މިކަމުގައި އަޅުގަނޑު ވަރަށް ބޮޑަށް ސަމާލުވި“ ކަމަށްވެސް އޭނާ ބުންޏެވެ.

މި މައްސަލައާ ގުޅިގެން ސިޔާސީ އަޚްލާގީ މިންގަނޑުތައް ބަލާ ޖަމްޢިއްޔާއެއް ކަމަށްވާ ’ކެމްޕޭން ފޯ އެކައުންޓަބިލިޓީ‘ އިން ވަނީ، މި މައްސަލަ ތަޙްޤީޤް ކުރުމަށް ކެލިފޯނިއާ ބާ އެސޯސިއޭޝަނަށް ގޮވާލާފަ އެވެ.

އެ ޖަމްޢިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކެލިފޯނިއާގައި ހުއްދަ ނެތި އަމިއްލައަށް ވަކީލެއް ކަމަށް ބުނުމަކީ ހަމައެކަނި ބޮޑާކަމެއް ނޫން ކަމަށާއި އެއީ ޖިނާއީ ކުށެއް ކަމަށެވެ.

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީގެ ގޮތުގައި ޒަކަރިއާ ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކުރީ އަންގާރަ ދުވަހު އެވެ.

އެ ބައްދަލުވުން އާދަޔާ ޚިލާފަށް ކުރުކޮށް ކުރިއަށްދިޔައިރު ސުވާލު ކުރުމުގެ ފުރުސަތު ދީފައިވަނީ އެންމެ ތިން ނޫސްވެރިންނަށެވެ.

ޒަކަރިއާ މި މަގާމާ ހަވާލުވީ ޓްރަމްޕަށް ވަފާތެރި އަދި ނޫސްވެރިންނާ ކުރިމަތިލުމުގައި ހަރުކަށި އުސޫލެއް ގެންގުޅުނު ކެރޮލީން ލީވިޓްގެ ބަދަލުގަ އެވެ.

ލީވިޓް މަގާމުން ވަކިވީ އޭނާގެ ކުޑަކުދިން ބެލުމަށް ވަގުތު ދިނުމަށްޓަކައި އޮގަސްޓް މަހުގަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.