
އޭޝިއަން ކަޕް ފަސްކޮށްފާނެ ކަމުގެ އިޝާރާތެއް
ސަޢޫދީ ޢަރަބިއްޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ކަޕް ފަސްކޮށްފާނެ ކަމުގެ އިޝާރާތެއް އޭއެފްސީން ދީފި އެވެ.
ސަޢޫދީ ޢަރަބިއްޔާއަށް އަމާޒުވަމުންދާ ހޫޘީންގެ ހަމަލާތަކާ ގުޅިގެން، ޖެނުއަރީ މަހު އެ ޤައުމުގައި ބޭއްވުމަށް ތާވަލުކޮށްފައިވާ އޭޝިއަން ކަޕް 2028 ވަނަ އަހަރަށް ފަސްކުރަން ޖެހިދާނެ ކަމަށް އޭޝިއާގެ ފުޓްބޯޅަ އިދާރާގެ އެންމެ އިސްވެރިޔާ ވިދާޅުވެއްޖެ އެވެ.
އޭއެފްސީގެ ރައީސް ޝައިޚް ސަލްމާން ބިން އިބްރާހީމް އަލްޚަލީފާ ވިދާޅުވީ އޭޝިއާގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތާ މެދު ގޮތެއް ނިންމުމުގައި ”އަވަސް އަރުވާލުމެއް ނެތް“ ކަމަށެވެ.
2027 ވަނަ އަހަރުގެ އޭޝިއަން ކަޕް ފެށުމަށް ކުރިން ހަމަޖެހިފައިވަނީ ޖެނުއަރީ 7 ވަނަ ދުވަހު، ސަޢޫދީގެ ޖިއްދާ، ރިޔާދު އަދި އަލްޚޯބަރުގަ އެވެ.
ނަމަވެސް އީރާނުގެ ތާއީދު އޮންނަ ހޫޘީންނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ވަރުގަދަވެ ފާއިތުވި ދުވަސްތަކުގައި ސަޢޫދީއަށް ދެވޭ ހަމަލާތައް ވަނީ އިތުރުވެފަ އެވެ.
ބުދަ ދުވަހު ޒިއުރިކްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން އޭއެފްސީގެ ރައީސް ވިދާޅުވީ މުބާރާތް ބޭއްވުމާ މެދު ވަކި ގޮތެއް ނިންމުމަށް ނޮވެމްބަރު މަހުގެ ނިޔަލަށް މަޑުކުރެވިދާނެ ކަމަށެވެ.
”ސަރަހައްދުގެ ހާލަތު ވަރަށް އަވަހަށް ބަދަލުވެދާނެ. އެހެންކަމުން ކަންތައްތައް ވާގޮތް ބަލަންޖެހޭ،“ އޭނާ ވިދާޅުވި އެވެ.
ޝައިޚް ސަލްމާން އިތުރަށް ވިދާޅުވީ ކޮންމެހެން ނިންމުމެއް ނިންމަން ޖެހިއްޖެ ހާލަތެއްގައި 2028 ވަނަ އަހަރަށް މުބާރާތް ފަސްކުރެވިދާނެ ކަމަށާއި، ނަމަވެސް މިވަގުތު ހާލަތު ބަލަމުންދާކަމަށާއި ހުރިހާ ކަމެއްވެސް ކުރިއަށްދަނީ ތާވަލާ އެއްގޮތަށް ކަމަށެވެ.
ސަލާމަތީ ސަބަބުތަކަށްޓަކައި މިހާރުވެސް ބައެއް ކުޅިވަރު ހަރަކާތްތަކަށް ވަނީ ބަދަލު އައިސްފަ އެވެ.
އެގޮތުން، ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅޭ އަލް ނަޞްރުގެ އޭޝިއަން ޗެމްޕިއަންސް ލީގު މެޗު ވަނީ ލަސްކޮށްފަ އެވެ. އަދި ސަޢޫދީގެ ލޯކަލް ލީގުގެ ތިން މެޗަކާއި، ދުނިޔޭގެ މޮޅު ޓެނިސް ކުޅުންތެރިން ބައިވެރިވާ ”ސިކްސް ކިންގްސް ސްލޭމް“ މުބާރާތްވެސް ވަނީ ފަސްކޮށްފަ އެވެ.
އޭޝިއަން ކަޕްގައި ވާދަކުރާ އޮސްޓްރޭލިއާ އާއި ދެކުނު ކޮރެއާއިން ވެސް ވަނީ ސަލާމަތީ ކަންކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ދެކުނު ކޮރެއާގެ ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިންގެ ޖަމްޢިއްޔާގެ ރައީސް ލީ ކުން-ހޯ ވިދާޅުވީ ކުޅުންތެރިންނާއި ސަޕޯޓަރުންގެ ފުރާނައަށްވުރެ މުބާރާތުގެ އަގު ބޮޑުނުވާނެ ކަމަށާއި މެދުއިރުމަތީގެ ހަމަނުޖެހުންތަކަކީ ލުއިކޮށް ބެލޭނެ ކަންތައްތަކެއް ނޫން ކަމަށެވެ.



