މިއީ މައްކީ ސޫރަތެކެވެ. މިސޫރަތުގައި ހިމެނިގެން ވަނީ 8 އާޔަތެވެ.
(وَالتِّينِ وَالزَّيْتُونِ ﴿١﴾) މާނައަކީ: “ ވައްތީންޏާއި، ޒައިތޫނި ގަންދެއްވަމެވެ.“
ތީނާއި ޒައިތޫނި ގަންދެއްވާ ހުވާ ކުރައްވާފައިވަނީ: އެދެގަހާއި އެދެމޭވާގެ ފައިދާ ބޮޑު ކަމުންނެވެ.
ތީން ގަންދެއްވާ ހުވާ ކުރައްވާފައިވުމުގެ ސަބަބަކީ: އާދަމް އާއި ޙައްވާ ޢަލައިހިމައްސަލާމްގެ ޢައުރަ ކަޝްފު ކުރެއްވުނު ހިނދުގައި އެދެކަނބަލުން ޢައުރަ ނިވާ ކުރެއްވީ ތީނުގެ ގަހުގެ ފަތުން ކަމަށްވީތީވެއެވެ. (يَخْصِفَانِ عَلَيْهِمَا مِن وَرَقِ الْجَنَّةِ) މާނައަކީ: “ އަދި އެ ދެކަނބަލުން ސުވަރުގޭގެ (ގަހުގެ) ފަތްތަކުން (عورة) ނިވާކުރެއްވުމަށް އަވަސްވެވަޑައިގަތެވެ.“ އެފަތަކީ ތީނުގެ ފަތެވެ.
ޒައިތޫނި ގަންދެއްވާ ހުވާ ކުރައްވާފައިވުމުގެ ސަބަބަކީ: އޭގައި އެކުލެވިގެންވާ މަންފާތައް ގިނަކަމުންނެވެ. (يُوقَدُ مِن شَجَرَةٍ مُّبَارَكَةٍ زَيْتُونَةٍ ) މާނައަކީ: ”އެ ބައްތި ދިއްލެނީ، بركات ތެރި ޒައިތޫނި ގަހަކުންނެވެ.“
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (كلوا الزيت وادهنوا به فإنه من شجرة مباركة ) މާނައަކީ: ”ތިޔަބައިމީހުން ޒައިތޫނި ކައި އެއިން ތެޔޮ ހާނާ ހަދާށެވެ. ހަމަކަށަވަރުން އެއީ ބަރަކާތްތެރި ގަހަކުން އައިސްފައިވާ މޭވާ އެކެވެ.“
ޒައިތޫނީގެ ވާހަކަ ކީރިތި ގުރްއާނުގައި ވަރަށް ގިނައިން އައިސްފައިވެއެވެ. ސޫރަތުލް އަންޢާމްގެ 99 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (وَهُوَ الَّذِي أَنزَلَ مِنَ السَّمَاءِ مَاءً فَأَخْرَجْنَا بِهِ نَبَاتَ كُلِّ شَيْءٍ فَأَخْرَجْنَا مِنْهُ خَضِرًا نُّخْرِجُ مِنْهُ حَبًّا مُّتَرَاكِبًا وَمِنَ النَّخْلِ مِن طَلْعِهَا قِنْوَانٌ دَانِيَةٌ وَجَنَّاتٍ مِّنْ أَعْنَابٍ وَالزَّيْتُونَ وَالرُّمَّانَ مُشْتَبِهًا وَغَيْرَ مُتَشَابِهٍ ۗ انظُرُوا إِلَىٰ ثَمَرِهِ إِذَا أَثْمَرَ وَيَنْعِهِ ۚ إِنَّ فِي ذَٰلِكُمْ لَآيَاتٍ لِّقَوْمٍ يُؤْمِنُونَ ﴿٩٩﴾ ) މާނައަކީ: ”އަދި އެކަލާނގެއީ، އުޑުން ފެންވެއްސެވި ރަސްކަލާނގެއެވެ. އެފެނުން ތިމަންރަސްކަލާނގެ ހުރިހާ ބާވަތެއްގެ ގަސް ފެޅުއްވީމެވެ. އަދި އެ ގަސްގަހާގެހިން ރޯ ފެހިކުލައިގެ ގޮފިތައް ނެރުއްވައި، އެއިން މަތިމައްޗަށް ހުންނަ އޮށްޓަރުތައް ނެރުއްވަމެވެ. އަދި ކަދުރުރުކުގެ އެތްތަކުން ގާތްގާތުން އިހާތައް ނެރުއްވަމެވެ. އަދި މޭބިސްކަދުރާއި، ޒައިތޫންޏާއި، އަންނާރުގެ ބަގީޗާތައް ނެރުއްވަމެވެ. (އެތަކެތި) އެއްވައްތަރުވެގެންވާ حال ގައްޔާއި، އެއްވައްތަރު ވެގެންނުވާ حال ގައެވެ. ތިޔަބައިމީހުން އޭގެ މޭވާ ނުކުންނަހިނދު އެ މޭވާއަށާއި، އެ މޭވާ ފައްކާވާ ފައްކާވުމަށް (عبرة ގެ نظر އަކުން) ބަލާށެވެ! ހަމަކަށަވަރުން، إيمان ވާ ބަޔަކަށް އެކަންތަކުގައި ދަލީލުތަކެއް ވެއެވެ.“
ސޫރަތުލް މުއިމިނޫންގެ 20 ވަނަ އާޔަތުގައި ވަޙީ ކުރައްވައެވެ. (وَشَجَرَةً تَخْرُجُ مِن طُورِ سَيْنَاءَ تَنبُتُ بِالدُّهْنِ وَصِبْغٍ لِّلْآكِلِينَ ﴿٢٠﴾) މާނައަކީ: ”އަދި طُورسَينَاء އެވެ ކިޔާ ފަރުބަދައިން ނުކުންނަ ގަހެއް ހެއްދެވީމެވެ. (އެއީ ޒައިތޫނިގަހެވެ.) ތެލާއި، ކާމީހުންނަށްހުރި، ލައިގެންކާއެއްޗެއްގެ ގޮތުގައި އެ ގަސް ހެދެތެވެ.“
މާތް ﷲ ބިމުގައި އިންސާނުންނަށް ޓަކައި ލައްވަވާފައިވާ ގަސްގަހުގެ ވާހަކަ ބަޔާން ކުރައްވަމުން ސޫރަތުލް ޢަބަސަގެ 27، 28، އަދި 29 ގައި ވަޙީ ކުރައްވައެވެ. (فَأَنبَتْنَا فِيهَا حَبًّا ﴿٢٧﴾ وَعِنَبًا وَقَضْبًا ﴿٢٨﴾ وَزَيْتُونًا وَنَخْلًا ﴿٢٩﴾ ) މާނައަކީ: ”ދެން ތިމަންރަސްކަލާނގެ އެ ބިމުގައި ގޮވާން (ގަސްތައް) ފެޅުއްވީމެވެ. އަދި މޭބިސްކަދުރާއި ފަތްޕިލާވެއްޔެވެ. އަދި ޒައިތޫނި ގަހާއި ކަދުރު ރުކެވެ.“
މި ބިންމަތީގައި ލައްވާފައިވާ އެންމެ ޚާއްޞަ ގަހަކީ ޒައިތޫނި ގަސްކަމުގައި ބަޔާން ކުރައްވާފައިވެއެވެ. (اللَّـهُ نُورُ السَّمَاوَاتِ وَالْأَرْضِ ۚ مَثَلُ نُورِهِ كَمِشْكَاةٍ فِيهَا مِصْبَاحٌ ۖ الْمِصْبَاحُ فِي زُجَاجَةٍ ۖ الزُّجَاجَةُ كَأَنَّهَا كَوْكَبٌ دُرِّيٌّ يُوقَدُ مِن شَجَرَةٍ مُّبَارَكَةٍ زَيْتُونَةٍ لَّا شَرْقِيَّةٍ وَلَا غَرْبِيَّةٍ يَكَادُ زَيْتُهَا يُضِيءُ وَلَوْ لَمْ تَمْسَسْهُ نَارٌ ۚ نُّورٌ عَلَىٰ نُورٍ ۗ يَهْدِي اللَّـهُ لِنُورِهِ مَن يَشَاءُ ۚ وَيَضْرِبُ اللَّـهُ الْأَمْثَالَ لِلنَّاسِ ۗ وَاللَّـهُ بِكُلِّ شَيْءٍ عَلِيمٌ ﴿٣٥﴾) މާނައަކީ: ”اللَّه އީ، އުޑުތަކާއި، ބިމުގެ نور އެވެ. އެކަލާނގެ نور ފުޅުގެ مثال އަކީ، އެއްފަރާތުން އަނެއްފަރާތަށް ފޫވެއްޓިފައިނުވާ، އާނގެއްގެ مثال އެވެ. އެ އާނގުގެ ތެރޭގައި، ބައްތިއެއްވެއެވެ. އެ ބައްތިވަނީ ބިއްލޫރިގަނޑެއްގެ ތެރޭގައެވެ. އެ ބިއްލޫރިގަނޑު، ރަންމުތުގެ ތަރިއެއްފަދައެވެ. އެ ބައްތި ދިއްލެނީ، بركات ތެރި ޒައިތޫނި ގަހަކުންނެވެ. އިރުމަތީގެ ގަހެއްނޫނެވެ. ހުޅަނގުގެ ގަހެއްވެސް ނުމެނޫންމެއެވެ. އެ ގަހުގެ ތެޔޮ، އޭގައި އަލިފާން ނުބީހުނަސް އަލިކުރާން ގާތްވެފައިވެއެވެ. އަލިކަމެއްގެ މައްޗަށްހުރި އަލިކަމެކެވެ. އަދި اللَّه، އެކަލާނގެ އިރާދަކުރެއްވި މީހަކަށް، އެކަލާނގެ نور ފުޅަށް މަގުދައްކަވަތެވެ. އަދި اللَّه، މީސްތަކުންނަށް مثال ތައް ޖައްސަވައިދެއްވަތެވެ. اللَّه އީ، ކޮންމެކަމެއްމެ، މޮޅަށްދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.“
(وَطُورِ سِينِينَ ﴿٢﴾) މާނައަކީ: “ އަދި طورسينا ގަންދެއްވަމެވެ.“
މިއީ މާތް ﷲ ގެ ނަބިއްޔާ މޫސާ ޢަލައިހިއްސަލާމްގެ ނުބުއްވަތުގެ މަޙައްލުކަމުގައިވާ ޠޫރު ފަރުބަދަ އެވެ. ސޫރަތު މަރްޔަމްގެ 52 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَنَادَيْنَاهُ مِن جَانِبِ الطُّورِ الْأَيْمَنِ وَقَرَّبْنَاهُ نَجِيًّا ﴿٥٢﴾) މާނައަކީ: ”އަދި ތިމަންރަސްކަލާނގެ طور ފަރުބަދައިގެ ކަނާތްފަރާތުން އެކަލޭގެފާނަށް ނިދާ އިއްވެވީމެވެ. އަދި ބަސް وحى ކުރެއްވުމަށްޓަކައި އެކަލޭގެފާނު ކުއްތަން ކުރެއްވީމެވެ.“
ސޫރަތުއް ޠޫރިގެ 1 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (وَالطُّورِ ﴿١﴾) މާނައަކީ: ”طور ފަރުބަދަ ގަންދެއްވާ ހުވާ ވަޙީ ކުރައްވަމެވެ.“
ނުނިމޭ………