ﷲގެ މަގުގައި ޞަދަގާތް ކުރުމަކީ ނުވަތަ ހޭދަކުރުމަކީ އެކަމެއް ކުރުމަށް އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ ކަމަކެވެ. އެގޮތުން ކީރިތި ގުރްއާނުގައްޔާއި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގައި ޞަދަގާތް ކުރުމަށް ބާރުއަޅުއްވާ، އަދި ޞަދަގާތް ކުރާ މީހުންނަށް މާތް ﷲ ދެއްވާ ދަރުމަ އާއި ޘަވާބުގެ ވާހަކަ ބަޔާން ކުރައްވާފައިވެއެވެ. ކީރިތި ގުރްއާނުގައި ވާރިދުވެފައިވާ އާޔަތްތަކުގެ ތެރޭގައި:
ސޫރަތުލް ބަގަރާގެ 254 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. (يَا أَيُّهَا الَّذِينَ آمَنُوا أَنفِقُوا مِمَّا رَزَقْنَاكُم مِّن قَبْلِ أَن يَأْتِيَ يَوْمٌ لَّا بَيْعٌ فِيهِ وَلَا خُلَّةٌ وَلَا شَفَاعَةٌ ) މާނައަކީ: ”އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ދެއްވި ތަކެތިން ތިޔަބައިމީހުން ހޭދަކުރާށެވެ! (އެއީ) ދުވަހެއް އައުމުގެ ކުރިންނެވެ. އެ ދުވަހުގައި ވިޔަފާރި ކުރުމެއް (އެބަހީ: فدية ދީގެން ސަލާމަތްވާނެ މަގެއް) ނުވެއެވެ. އަދި، (މަންފާޔެއް ކޮށްދެނިވި) رحمة ތެރިކަމެއްވެސް ނުވެއެވެ. އަދި، (އެކަލާނގެ إذن ފުޅުން މެނުވީ) شفاعة ތެރިކަމެއްވެސް ނުމެވޭމެއެވެ.“
ސޫރަތުލް ބަގަރާގެ 267 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. (يَا أَيُّهَا الَّذِينَ آمَنُوا أَنفِقُوا مِن طَيِّبَاتِ مَا كَسَبْتُمْ وَمِمَّا أَخْرَجْنَا لَكُم مِّنَ الْأَرْضِ) މާނައަކީ: ”އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ހޯދިތަކެތީގެ ތެރެއިން ރަނގަޅު ތަކެތިން ތިޔަބައިމީހުން ހޭދަކުރާށެވެ! އަދި، ތިޔަބައިމީހުންނަށްޓަކައި ބިމުން ތިމަންރަސްކަލާނގެ ނެރެދެއްވި ތަކެތިންވެސް މެއެވެ.“
ސޫރަތުއް ތަޣާބުންގެ 16 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (فَاتَّقُوا اللَّـهَ مَا اسْتَطَعْتُمْ وَاسْمَعُوا وَأَطِيعُوا وَأَنفِقُوا خَيْرًا لِّأَنفُسِكُمْ ۗ وَمَن يُوقَ شُحَّ نَفْسِهِ فَأُولَـٰئِكَ هُمُ الْمُفْلِحُونَ ) މާނައަކީ: ”ފަހެ، ތިޔަބައިމީހުންނަށް ކުޅަދާނަވީވަރަކުން، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި ތިޔަބައިމީހުން އަހާށެވެ! އަދި ތިޔަބައިމީހުން ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުން ހޭދަކުރާށެވެ! ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް އެގޮތް ހެޔޮކަން ބޮޑުވެގެންވެއެވެ. އަދި އެމީހެއްގެ އަމިއްލަ نفس ގެ ދަހިވެތިކަމުން މިންޖުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ ހަމަ ދިންނަވާނޭ މީހުންނެވެ.“
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގައި އައިސްފައިވާ ދަލީލުތަކުގެ ތެރޭގައި:
(اَلصَّدَقَةُ تُطْفِئُ الْخَطِيْئَةَ كَمَا يُطْفِئُ الْمَاءُ النَّارَ) رواه الإمام أحمد
”ފެނުން އަލިފާން ނިވާލާ ފަދައިން، ޞަދަގާތުން ނުބައިކަންތައް ފޮހެލައެވެ.“
(اتَّقُوا النَّارَ وَلَوْ بِشِقِّ تَمْرَةٍ) رواه الإمام البخاري
”ކަދުރު ފަޅި އެއްގެ މިންވަރުން ނަމަވެސް ތިޔަބައިމީހުންގެ ނަފްސުތައް ނަރަކައިން ސަލާމަތް ކުރާށެވެ.“
މިނޫންވެސް އެތައް ޙަދީޘެއް މި މައުޟޫޢުގައި ވާރިދުވެފައިވެއެވެ.
ޞަދަގާތް ކުރުމުގައި ހުރި ފައިދާތައް:
- ޞަދަގާތުގެ ސަބަބުން ﷲ ގެ ކޯފާ ފޮހެވިގެންދާ ކަން. عَنْ أَبِي سَعِيدٍ الْخُدْرِيِّ ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، قَالَ : “ صَدَقَةُ السِّرِّ تُطْفِئُ غَضَبَ الرَّبِّ تَبَارَكَ وَتَعَالَى)[1] މާނައަކީ: މާތް ﷲ ރުއްސުންލެއްވި އަބޫސަޢީދުލް ޚުދްރީގެ ކިބައިން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ”ސިއްރުގައި ކުރެވޭ ޞަދަގާތުން ﷲ ތަބާރަކަ ވަތަޢާލާގެ ކޯފާ ނިއްވަވާލަދެއެވެ.“
- ޞަދަގާތުގެ ސަބަބުން އަޅާގެ ފާފަ ފޮހެވިގެންދާކަން. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ބަސްފުޅުގައިވެއެވެ. (اَلصَّدَقَةُ تُطْفِئُ الْخَطِيْئَةَ كَمَا يُطْفِئُ الْمَاءُ النَّارَ)[2] މާނައަކީ: ”ފެނުން އަލިފާން ނިވާލާ ފަދައިން، ޞަދަގާތުން ނުބައިކަންތައް ފޮހެލައެވެ.“
- ޞަދަގާތަކީ ނަރަކައިން ސަލާމަތް ވުމަށް އޮތް މަގެއްކަން. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (اتَّقُوا النَّارَ وَلَوْ بِشِقِّ تَمْرَةٍ)[3] މާނައަކީ: ”ކަދުރު ފަޅި އެއްގެ މިންވަރުން ނަމަވެސް ތިޔަބައިމީހުންގެ ނަފްސުތައް ނަރަކައިން ސަލާމަތް ކުރާށެވެ.“
- ޞަދަގާތް ކުރާ މީހާ ގިޔާމަތް ދުވަހުގައި އަޅުތަކުންގެ ޙިސާބު ބެއްލެވި ނިމެންދެން އެމީހެއްގެ ޞަދަގާތުގެ ހިޔަލުގައި ވާނެކަން. މާތް ﷲ ރުއްސުންލެއްވި ޢުގްބާ ބިން ޢާމިރު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާތީ އަޑު އެއްސެވީމެވެ. “ كُلُّ امْرِئٍ فِي ظِلِّ صَدَقَتِهِ حَتَّى يُفْصَلَ بَيْنَ النَّاسِ “ مسند أحمد بن حنبل » مُسْنَدُ الْعَشَرَةِ الْمُبَشَّرِينَ بِالْجَنَّةِ … » مُسْنَدُ الشَّامِيِّينَ » حَدِيثُ عُقْبَةَ بْنِ عَامِرٍ الْجُهَنِيِّ عَنِ النَّبِيِّ …މާނައަކީ: ”މީސްތަކުންގެ ޙިސާބު ބެއްލެވި ނިމެންދެން ކޮންމެ މީހަކުވެސް ގިޔާމަތް ދުވަހުން ވާހުށީ އެމީހަކު ކުރި ޞަދަގާތެއްގެ ހިޔަލުގައެވެ.“
- ޞަދަގާތް ކުރުމަކީ ހަށިގަނޑުގައިވާ ބަލިތަކެއް ހުރި ފަރުވާ އެއް ކަން. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (دَاوُوا مَرْضَاكُمْ بِالصَّدَقَةِ ) المعجم الأوسط للطبراني » بَابُ الْأَلِفِ » مَنِ اسْمُهُ أَحْمَدُ މާނައަކީ: ”ތިޔަބައިމީހުންގެ ބަލިމީހުންނަށް ޞަދަގާތް ކުރުމުން ފަރުވާ ކުރާށެވެ.“
- ޞަދަގާތް ކުރުމަކީ ހިތުގެ ބަލިތަކަށް ހުރި ޝިފާ އެއްކަން. އެއްދުވަހަކު މީހަކު ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަގެ އަރިހަށް އައިސް އެމީހެއްގެ ހިތްހަރު ކަމާއި މެދުގައި ޝަކްވާ ކުރެއްވިއެވެ. އެހިނދު ޙަދީޘް ކުރެއްވިއެވެ. (إِنْ أَرَدْتَ أَنْ يَلِينَ قَلْبُكَ فَأَطْعِمِ الْمِسْكِينَ وَامْسَحْ رَأْسَ الْيَتِيمِ ) މާނައަކީ: ”ތިބާގެ ހިތް މަޑުމައިތިރި އޯގާތެރި ހިތެއްކަމުގައި ލެއްވުމަށް އެދޭނަމަ، މިސްކީނުންނަށް ކާންދޭށެވެ. އަދި ޔަތީމުންގެ ބޮލުގައި ފިރުމާލާށެވެ.“
- ޞަދަގާތް ކުރުމަކީ ގިނަގުނަ އުނދަގޫތަކުން މީހާ ސަލާމަތްވާ ކަމެއްކަން މީސްތަކުންގެ ތަޖްރިބާ އިން އެނގެން އޮތުން.
- ޙަގީގީ ހެޔޮކަމާއި ހަމައަށް ވާޞިލުވެވެނީ ޞަދަގާތް ކުރުމުން ކަމަށް ވާކަން. ސޫރަތު އާލުޢިމްރާންގެ 92 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (لَن تَنَالُوا الْبِرَّ حَتَّىٰ تُنفِقُوا مِمَّا تُحِبُّونَ ۚ وَمَا تُنفِقُوا مِن شَيْءٍ فَإِنَّ اللَّـهَ بِهِ عَلِيمٌ ) މާނައަކީ: ”ތިޔަބައިމީހުން، ލޯބިވާ އެއްޗަކުން ތިޔަބައިމީހުން ހޭދަކޮށްފުމަށްދާނދެން، ތިޔަބައިމީހުންނަކަށް ހެވެއް ނުލިބޭނެތެވެ. އަދި، ތިޔަބައިމީހުން ހޭދަކުރާ ކޮންމެ އެއްޗެއް، ފަހެ، ހަމަކަށަވަރުން، اللَّه އެ އެއްޗެއް މޮޅަށް ދެނެވޮޑިގެންވެތެވެ.“
- ﷲ ގެ މަގުގައި ހޭދަކުރާ މީހާގެ މުދަލުގައި ﷲ ބަރަކާތް ލައްވާކަން. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (مَا نَقَصَتْ صَدَقَةٌ مِنْ مَالٍ) މާނައަކީ: ”ޞަދަގާތުގެ ސަބަބުން މުދަލަށް އުނިކަމެއް ނާދެއެވެ.“
- ހޭދަ ކުރާ މީހުންގެ އަޖްރު ﷲ ގިނަގުނަ ކުރައްވައެވެ. ސޫރަތުލް ޙަދީދްގެ 18 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (إِنَّ الْمُصَّدِّقِينَ وَالْمُصَّدِّقَاتِ وَأَقْرَضُوا اللَّـهَ قَرْضًا حَسَنًا يُضَاعَفُ لَهُمْ وَلَهُمْ أَجْرٌ كَرِيمٌ ) މާނައަކީ: ”ހަމަކަށަވަރުން، صدقات ކުރާ ފިރިހެނުންނާއި، صدقات ކުރާ އަންހެނުންނާއި، އަދި ހެޔޮވެގެންވާ ދަރަނި ދިނުމަކުން اللَّه އަށްޓަކައި ދަރަނި ދިން (އެބަހީ: اللَّه އަށްޓަކައި ހޭދަކުރި) މީހުން (ދަންނާށެވެ!) އެއުރެންނަށް (އެކަންކަމުގެ) ދަރުމަ ގިނަގުނަ ކުރައްވާނެތެވެ. އަދި އެއުރެންނަށް ދީލަތިވެގެންވާ ދަރުމަ ހުށްޓެވެ.“ ސޫރަތުލް ބަގަރާގެ 245 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (مَّن ذَا الَّذِي يُقْرِضُ اللَّـهَ قَرْضًا حَسَنًا فَيُضَاعِفَهُ لَهُ أَضْعَافًا كَثِيرَةً ۚ وَاللَّـهُ يَقْبِضُ وَيَبْسُطُ وَإِلَيْهِ تُرْجَعُونَ ) މާނައަކީ: ”ހެޔޮވެގެންވާ ދަރަންޏަކުން اللَّه އަށް ދަރަނި ދޭހުށީ (އެބަހީ: اللَّه އަށްޓަކައި ހޭދަކުރާހުށީ) ކާކުހެއްޔެވެ؟ ފަހެ، ގިނަވެގެންވާ ގުނަތަކަކަށް، اللَّه، އެ ދަރަނީގެ ހެޔޮ ޖަޒާ އެމީހަކަށް އިތުރުކޮށް ދެއްވާނެތެވެ. رزق ދަތިކުރައްވަނީ، އަދި، ތަނަވަސްކުރައްވަނީވެސް اللَّه އެވެ. އަދި، ތިޔަބައިމީހުން އެނބުރި رجوع ކުރައްވާހުށީ ހަމައެކަލާނގެ حضرة އަށެވެ.“
- ﷲ ގެ މަގުގައި ހޭދަކުރާ މީހުންނަށް ޚާއްޞަ ކުރެވިފައިވާ ދޮރުކޮޅެއް ސުވަރުގޭގައިވާކަން. އެދޮރު ކޮޅުގެ ނަމަކީ ”ބާބުއް ޞަދަގާ“ އެވެ.
(وَسَيُجَنَّبُهَا الْأَتْقَى ﴿١٧﴾ الَّذِي يُؤْتِي مَالَهُ يَتَزَكَّىٰ ﴿١٨﴾ وَمَا لِأَحَدٍ عِندَهُ مِن نِّعْمَةٍ تُجْزَىٰ ﴿١٩﴾ إِلَّا ابْتِغَاءَ وَجْهِ رَبِّهِ الْأَعْلَىٰ ﴿٢٠﴾ وَلَسَوْفَ يَرْضَىٰ ﴿٢١﴾)
މި އާޔަތްތައް ބާވާލެއްވުނު ސަބަބު:
މުޝްރިކުންގެ ބޮޑެއްކަމުގައިވާ އުމައްޔާ ބިން ޚަލަފް ބިލާލް ބިން ރަބާޙް ރަޟިޔަﷲ ޢަންހު އިސްލާމްވެ ވަޑައިގަތުމާއި ގުޅިގެން އެކަލޭގެފާނަށް ނުހަނުބޮޑު އަނިޔާތައް ކުރަމުން ގެންދިޔައެވެ. އޭރު ބިލާލަކީ އުމައްޔާގެ އަޅެކެވެ. އުމައްޔާ އަށް ނޭނގި ބިލާލް އިސްލާމްވެ ވަޑައިގަތީއެވެ. އެއްދުވަހަކު މައްކާގެ މުޝްރިކުންގެ މީހަކު އުމައްޔާ ގުރައިޝުންގެ މަޖްލިހެއްގައި ހުއްޓާ ގޮސް ގޮވާފައި ބުންޏެވެ. ”ކަލެ އަށް ޚަބަރު ލިބިފައެއް ނުވޭ ހެއްޔެވެ؟ ކަލޭގެ އަޅު ބިލާލު މުޙައްމަދުގެ ފާނާއި އެކަލޭގެފާނުގެ އަޞްޙާބުންނާއި އެކުގައި އުޅޭތަން އަހަންނަށް ފެނިއްޖެއެވެ. އެހިނދު އުމައްޔާ ރުޅި އައިސްގެން މަޖްލިސް ދޫކޮށް ގެއަށް ގޮސް ބިލާލުގެ އިންތިޡާރުގައި ހުއްޓެވެ. އެދުވަހުގެ އިރުއޮއްސެން ކައިރިވެފައިވަނިކޮށް ބިލާލު ގެއަށް ވަޑައިގަތުމުން އުމައްޔާ ބިލާލަށް ގޮވާލިއެވެ. އަދި ބުންޏެވެ. ”އޭ މިހިރަ ޙަބްޝީ އަޅުކަލޭގެ އެވެ. ކަލެ އާއި ބެހޭ ގޮތުން އަހަންނަށް ލިބިގެން މިއުޅެނީ ކޮންފަދަ ޚަބަރެއް ހެއްޔެވެ؟ ކަލޭ މުޙައްމަދުގެ ފާނުގެ ދީނަށް ވަނީ ހެއްޔެވެ؟“ އެހިނދު ބިލާލު ޖަވާބު ދެއްވިއެވެ. ”އަހަރެން ޞާހިބާ އަށް އެއްވެސް ކަމެއް ވަންހަނާ ކުރާކަށް ބޭނުމެއް ނޫނެވެ. އަހަރެން މިހުރީ ﷲ ގެ އެއްކައުވަންތަކަން ގަބޫލުކޮށްގެންނެވެ. އަދި މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ނަބީކަންވެސް ގަބޫލުކޮށްގެންނެވެ. އަހަންނަކީ ﷲ ގެ ލަޝްކަރުގެ ބައިވެރިޔަކީމެވެ.“ އެހިނދު އުމައްޔާ ރުޅިގަދަވެފައި ބުންޏެވެ. ”އޭ ޙަބްޝީ އަޅުކަލޭގެއެވެ. ކަލޭތީ ނިކަމެތި އަޅެއް ފިޔަވާ އެހެން މީހެއް ނޫނެވެ. ކަލޭ އަމިއްލަ އަށް ކަލޭގެ އެއްވެސް ކަމެއް ނުނިންމޭނެއެވެ.“ ދެން ބިލާލު އެނބުރި ކާބަފައިންގެ ދީނަށް ބަދަލުކުރުމަށް މަޖްބޫރު ކުރުމުގެ ގޮތުން ގިނަގުނަ ދުއްތުރާތަކާއި ބޮޑުގެންވާ ޢަޛާބު ދައްކާނެކަމުގެ އިންޛާރު އުމައްޔާ ދިނެވެ. އެގޮތުން މެންދުރު އެންމެ ހޫނުގަދަވާ ގަޑީގައި ހަތަރެސްފައި ބަނދެފައި މައްކާގެ ރަށުތެރެއަށް ދަމާފައި ނެރެ އެކަލޭގެފާނުގެ މޭފުޅުގެ މަތީގައި ބޮޑު ހިލައެއް ބާއްވާ އަނިޔާކުރަމުން ގެންދިޔައެވެ. އެގޮތުގައި ދުވާލުގެ މެންދުރުވަގުތު ވީއްސުރެ އިރުއޮއްސުމަށްދާންދެން ބިލާލު ބާއްވައެވެ. އަދި އުމައްޔާ ބުންޏެވެ. ”ކަލޭ މުޙައްމަދުގެ ފާނަށް ކާފިރުވަންދެން ނުވަތަ މަރުވުމަށްދާންދެން ތިޔަގޮތުގައި ދެމި އޮންނާށެވެ.“ އެހިނދު ބިލާލްގެ ހަމައެކަނި ބަހަކަށްވީ ”އަޙަދުން އަޙަދު“ ”އެއްކައުވަންތަ އިލާހޭ، އެއްކައުވަންތަ އިލާހޭ.“ މިއެވެ. ކޮންމެއަކަސް ބިލާލަށް އަނިޔާކުރެވެމުންދާ މަންޡަރު އަބޫބަރު ރަޟިޔަﷲ ޢަންހަށް ފެނިވަޑައިގެން އެކަމާ ވަރަށް ބޮޑަށް ހިތަށް އަޘަރު ކުރައްވައިގެން އުމައްޔާގެ ގާތުގައި ވިދާޅުވިއެވެ. ”މިމިސްކީން ދޫކޮށްލާނީ ކޮން އިރަކުން ހެއްޔެވެ؟“ އެހިނދު އުމައްޔާ ބުންޏެވެ. ”އެއީ އަހަރެންގެ އަޅެކެވެ. އަހަރެންގެ މިލްކެކެވެ. ކަލޭގެފާނު އޭނާ އާއި މެދުގައި ހަމްދަރްދީ ވެލައްވާނަމަ އޭނާ ބައްލަވައިގަންނާށެވެ. އެހިނދު އަބޫބަކުރު ރަޟިޔަﷲ ޢަންހު ބިލާލު ބައްލަވައިގަތެވެ. އަދި ﷲ އަށް ޓަކައި ބިލާލު މިނިވަން ކުރެއްވިއެވެ. އެކަމާ ގުޅިގެން މިއާޔަތްތައް ބާވާލެއްވިއެވެ.
بغية الباحث عن زوائد مسند الحارث » كِتَابُ الزَّكَاةِ » بَابُ : صَدَقَةِ السِّرِّ وَفِعْلِ الْخَيْرِ [1]
[2] رواه الإمام أحمد
ނިނުނީ.