ޢުމުރުން އެންމެ 02 އަހަރުން ފެށިން ލޯބިވާ މަންމައާއި ވަކިކޮށް ބައްޕައާއި ދޮންމަންމަގެ ޝިކާރައަކަށް އަހަރެންވިި. އަދި އެ ބައްޕަގެ ދަރިއަކަށް އަހަރެން ބަލިވެއިން. އަދި އެބައްޕަ ރަށުތެރެއަށް އަހަރެން ގިނަކޮށްލި. އެބައްްޕަގެ އެހެން ދެ އަންހެން ދަރިންނަށްވެސް ބައްޕަ ކަންތައް ކުރީ ހަމަ މިގޮތަށް. އެދެ ދައްތަވެސް ބައްޕަގެ ދަރިއަކަށް ބަލިވެ އިނދެ ވިހޭކަން އަހަރެންނަށް އެނގުނީ އަހަރެންނަށް މިކަން ދިމާވިފަހުން. އެއިން ކޮންމެ ދައްތައަކަށްވެސް މިފަދަ ކުއްޖަކު ލިިބިފައިވޭ“
މިއީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. މިވާހަކަ ލިޔުމުގެ ބޭނުމަކީ މުޖުތަމަޢުގައި ހިނގާ ވިޔާނުދާ ފާހިސް އާމަލުތައް ހުއްޓުވުމަށް ބާރުއަޅައި މިފަދަ މީހުން ކިބައިން ދަރިން ރައްކާތެރިކުރުމަށް ބާރު އެޅުމަށެވެ. މިވާހައިގައި ބޭނުންކޮށްފައިވާ ނަންނަމާއި ތަންތަން ވަނީ ބަދަލު ކުރެވިފައެވެ.
އަހަރެން “ނިޝްފާ“ (އަސްލުނަމެއްނޫން) ވަރަށް ކުޑައިރުއްސުރެން ފެށިގެންވެސް އަހަރެންގެެ ބައްޕަ އާއި މަންމަ ވަނީ ވަކިވެފައެވެ. މަންމަ އުޅެމުން ދަނީ މާލޭގައެވެ. އޭރު އަހަރެންގެ ޢުމުރުން އެންމެ ދެ އަހަރެވެ. ނަމަވެސް ހިތާމައަކީ އަހަރެން އެހާ ތުއްތުއިރު ބައްޕަ އަހަރެން މަންމަ އާއި ވަކިކޮށް ބައްޕަގެ ރަށަށް ގެންދިޔައެވެ. އޭރު ބައްޕަ އުޅެނީ ދޮންމަންމައަކާ އިނދެގެންނެވެ.
އެދުވަސްވަރު ދޮންމަންމަވެސް އަހަރެންނަށް ވަރަށް ރަނގަޅެވެ. ބައްޕަވެސް އެހާ ރަނގަޅެވެ. އަހަރެން ބޮޑުވަމުން ދިޔައީ އުފާވެރިކަމާއެކުގައެވެ. ނަމަވެސް އުމުރުން 07 އަހަރު ފުރުމާއެކު މި އުފާވެރިކަން މުޅިން އެހެންގޮތަކަށް ބަދަލުވެގެންދިޔައެވެ. އަހަރެން ދުވަހަކުވެސް ހީ ނުކުރާ ފަދަ ގޮތަކަށެވެ.
އެއްރެއަކު އަހަރެން ނިދާފައި އޮއްވާ އަހަރެންނަށް ހޭލެވުނީ ބައްޕަ އަހަރެންގެ ޖިންސީ ގުނަވަންތަކުގައި ބީހެމުން ދަނިކޮށެވެ. އެވަގުތު އަހަރެންނަށް ބިރުންގޮސްް ހަޅޭއްލަވައި ގަނެވުނެވެ. މިއަޑަށް ދޮންމަންމަ ތެދުވެގެން އައިސް އަހަރެންނާ ދިމާލަށް ހަޅޭއް ލަވައިގަތެވެ. އަދި ބައްޕައާއި ދެމީހުންވެގެން އަހަރެންނަށް އިންޒާރު ދިނެވެ.
އަދި މިކަން މީހަކަށް އެނގިއްޖެނަމަ ދުވަސް ދުއްވާލާނެ ވާހަކަވެސް ބުންޏެވެ. އަހަރެން މިކަމާ ވަރަށް ދެރަވެ ރޮއެ ހަދަމެވެ. އަދި ތިއްތައަށް ވީގޮތް ހިތަށް އަރާފައި ގިސްލެވެއެވެ. މަންމައާއި ވާހަކަ ދެއްކޭނެގޮތެެއް ނުވެއެވެ. އަހަރެންނަށް ބޭރަށް ދެވެނީ ހަމައެކަނި ސްކޫލަށެވެ. އިތުރު ތަނަކަށް ދިއުންވެސް ބައްޕަ އޮންނަނީ މަނާކޮށްފައެވެ.
ގޭގައި ގެންގުޅޭ ޅަ ބުޅާ ގަނޑެއްފަދައިން އަހަރެން ގޭގައި ހައްޔަރުކޮށްފައި ބައިންދަނީއެވެ. ދުވަސްތައް މާޒީވަމުންދެއެވެ. މިގޮތުގައި ހޭދަކުރުން ނޫންގޮތެއް މިއަދަކު އަހަރެންނަކަށް ނެތެވެ. މިކަން މަންމައަށް ނުވަތަ އެހެން މީހަކަށް އެނގުނަސް ބައްޕަ އަހަރެން މަރާލާނެއެވެ. މިއަދު އަހަރެންނަށް ޖެހޭނީ ބައްޕަގެ އެއަމަލުތަކަށް ކެތްކުރާށެވެ.
އަހަރެންގެ އުމުރުން 11 އަހަރު ފުރިއްޖެއެވެ. އަދި ބައްޕަމެންނާ ވަގަށް އަހަރެން ކުއްޖަކާއި ލޯބީގެ ގޮތުން ގުޅުނީމެވެ. ނަމަވެސް އޭނަޔަކަށްވެސް މިވާހަކަތައް ކިޔައިދޭކަށް ނުކެރުނެވެ. އޭރު ދޮންމަންމައާއި ބައްޕަ ގުޅިގެން އެ ބައްޕަގެ ޖިންސީ ޝިކާރައަކަށް އަހަރެން ވެ ނިމިއްޖެއެވެ. އަހަރެން މިކަމަށް އިއްކާރުކޮށް ގަދަހަދަންފަށާ ކޮންމެ ފަހަރަކު އެ ދޮންމަންމަ އައިސް އަހަރެންގެ އަތްފައިގައި ހިފަހައްޓައި އެ ބައްޕައަށް ހިތްވަރު ދެމުން ގެންދެއެވެ.
އަދި އަހަރެންނަށް ދޮންމަންމަ އަނިޔާކޮށްވެސް ހަދައެވެ. އަޅެ އެ ބައްޕަގެ ހިތުގައި އަހަރެންނާ ދޭތެރޭ ދަރިއެއްގެ ކުލުނެއްވެސް ނުހުންނަނީ ބާއެވެ. މިގޮތުގައި ދުވަސްތައް ފާއިތުވަމުން ދެއެވެ. މާގިނަ ދުވަސްތަކެއް ނުވެ އަހަރެން ބޮޑު މީހަކަށް ވެއްޖެއެވެ. ޢުމުރުން އެހާ ކުޑައިރު ބޮޑުމީހަކަށް ވުމުން އަހަރެން ވަރަށް ދެރަވިއެވެ. ލަދުވަސް ގަތެވެ. ކުރާނީ ކީއްހެއްޔެވެ. ބުނާނީ ކާކުކައިރީ ހެއްޔެވެ. އަހަރެންގެ ޒަމީރު އަހަރެންނަށްވެސް މަލާމާތްކުރާ ކަހަލައެވެ.
އަހަރެން ބޮޑުމީހަކަށް ވެއްޖެކަން އެނގުމުން ދޮންމަންމަގެ ރޭވުން އިހުނަށްވުރެ ވަރުގަދަވި ކަހަލައެވެ. ބައްޕައަށް ހިއްވަރުދީ ގަދަކަމުން އަހަރެންގެ އިއްފަތްތެރިކަން ވެެއްޔާ މޮޑެލިއެވެ. އަދި އެބައްޕަގެ އުފަން ދަރިފުޅުގެ (އަހަރެންގެ) ބަނޑުން އެބައްޕައަށް ދަރިއަކަށް ބަލިވެ އިނެވެ.
ކަންތައްތައް މިގޮތަށް ދިމާވުމުން އަހަރެން ވިސްނީ ބައްޕައާއި ދޮންމަންމަގެ ކައިރިން ސަލާމަތްވާނެ ގޮތަކާއި މެދުގައެވެ. އެހެންކަމުން އަހަރެން ނިންމީ ދޮންމަންމަ އަހަރެންނަށް އަނިޔާކުރާ ވަހަކަ ރައްޓެހިވެގެން އުޅޭ ކުއްޖާއަށް ކިޔައިދޭށެވެ. އަދި ބައްޕަމެންނާއި ވަގަށް އޭނާގެ ގެއަށް ބަދަލުވާށެވެ. ނަސީބަކުން އަހަރެންގެ ރައްޓެހިވެގެން އުޅޭކުއްޖާ މިކަން ޤަބޫލުކޮށް އަހަރެން އެގެއަށް ބަދަލުވީމެވެ.
އަދި އޭނާގެ ކައިރީ އެއްވެސް މީހަކަށް އަހަރެންވީތަން ނޭންގުމަށް ބުނީމެވެ. އޭގެ ދެދުވަހެވެ. ބައްޕަ އަހަރެން ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރިއެވެ. އަދި ފުލުހުން އަހަރެން ގެއްލިގެން އިއުލާންކުރަން ފެށިއެވެ. މިކަން އަހަރެންނަށް އެނގިއްޖެއެވެ. އެހެންކަމުން އަހަރެން ދެން ގަސްތުކުރީ ރައްޓެހިވެގެން އުޅޭ ކުއްޖާއަށްވެސް މިކަން ނާންގައި އެގެއިން ނިކުމެގެން ފިލައިގެން މާލެ ދިއުމަށެވެ.
ﷲ އިރާދަފުޅުން މިކަން ވެއްޖެއެވެ. އެއަށްފަހު މަންމައާއި ބައްދަލުކޮށް މަންމައަށް މިވާހަކަތައް ކިޔައިދިނީމެވެ. އެވަގުތ މަންމައަށް ލިބުނީ ވަރަށް ބޮޑު ހައިރަންކަމެކެވެ. ދެރަވެ ހިތާމަކުރިއެވެ. އަދި އަހަރެންނަށް ހިތްވަރުދީ އަހަރެން ގޮވައިގެން ޕޮލިހަށްގޮސް މިވާހަކަތައް ފުލުހުންނަށް ކިޔައިދިނީމެވެ. ފުލުހުންނަށް އަހަރެންނަކީ ފިލައިގެން އުޅޭ މީހެއް ނޫންކަމަށާއި އެއީ އެ ބައްޕައާއި ދޮންމަންމަގެ ރޭވުންކަންވެސް ވަރަށް ސާފްކޮށް ބުނެދިނީމެވެ. އެވަގުތު ފުލުހުން އެބައްޕަގެ ރެކޯޑަށް ބަލައިލިއެވެ.
ކަމަކުދާކަށް ނެތެވެ. އެ ބައްޕައަކީ އެބައްޕަގެ އެހެން ބަނޑަކަށް ލިބިފައިތިބި ދެއަންހެން ކުދިންވެސް ނަހަލާލަށް ބަލިވެ ދެ ކުދިން ލިބިފައިވާ މައްސަލާގައި ހުކުމް ކޮށްފައިވާ މީހެއްކަން އެނގުނެވެ. އަހަރެންނަށް މިކަން އެނގުމުން ވަރަށް ހައިރާންވިއެވެ. އަދި އަހަރެންގެ ހާލާމެދު ވިސްނާފައި ރޮވުނެވެ.
މާގިނަދުވަސްތަކެއް ނުވެއެވެ. މިމައްސަލައާއި ގުޅިގެން ދޮންމަންމަ އާއި ބައްޕަ ފުލުހުން ހައްޔަރުކުރިއެވެ. އަދި އެދެމީހުންނަށް މިކުށުގެ އަދަބަކަށް ޖަލަށް ލެވުނެވެ.
މިއީ އަހަރެންގެ ހަޔާތުގެ ކަޅުފޮއެ ދުވަސްތަކެވެ. މިހާރު އަހަރެން އުމުރު ހޭދަކުރަމުން މިދަނީ އަހަރެންގެ ބަނޑުން އުފަން އެދަރިފުޅާއެކުގައެވެ. މިއީ އެބައްޕަގެ އުފަން އަންހެން ދަރިންނަށް ލިބުނު މިފަދަ 3 ވަނަ ދަރިފުޅެވެ. މިހާރު އަހަރެން މީހުންގެ ކުރިމައްޗަށް ނިކުމެ އުޅެންވެސް ލަދުގަނެއެވެ. އަހަރެން މިހާރު މިއިނީ ދުނިޔޭގެ ލަދަށް މޫނު ބުރުގާވެސް އަޅައިގެންނެވެ.
އަހަރެން ހެއްދެވިފަރާތަށް ހަމްދުކުރުމެވެ. ކުރާނެކަމެއް ނެތެވެ. ކޮންމެކަމެއްވެސް މޮޅަށް ދެނެވޮޑިގެންވާނީ ﷲ އެވެ. އަހަރެންނަށް ކުށެއް ކުރެވިފައިވާނަމަ، އެކުށަށް ތަޢުބާވެ، މަޢާފަށް އެދެމެވެ. ނަމަވެސް ދެން ދުވަހަކުވެސް އެ ބައްޕަ ފެންނަ ހިސާބަކަށްވެސް އަހަރެން ނުދާނަމެވެ. މިއީ އަހަރެންގެ ތަޤްދީރެވެ.
ބައްޕަގެ ފަރާތުން ދަރިންނަށް ޖިންސީ ހާނިކައެއް ލިބޭނަމަ ދަރިންވެސް އެކަން ސިއްރު ކޮށްގެން ނުވާނެއެވެ. އަދި މިކަން މަންމައަށް ނުވަތަ އާއިލާގެ އެހެން މީހަކަށްވެސް ހިއްސާކުރެވިދާނެއެވެ. އަދި މަންމައަށް މިކަން އެގިއްޖެނަމަ ބައްޕަގެ ކައިރިން ދަރިން ސަލާމަތްކުރުމަކީ މަންމަގެ ވާޖިބެކެވެ. އަދި ބައްޕަދެކެ ގަންނަ ބިރެއްގެ ސަބަބުން ނުވަތަ ބައްޕަ ވަރިކޮށްފާނެތީވެ މިކަން ވަންހަނާކޮށްގެން ތިބުމަކީ ދަރިންނަށް ލިބޭ އިތުރު ހާނިކައެވެ. ބައްޕައަށް ލިބޭ އިތުރު ހިތްވަރެކެވެ.
އަދި ހަމަ އެހެންމެ އެއް އަންހެން ދަރިއަކަށް މިފަދަ ގޮތެެއް ދިމާވާއިރު އެހެން އަންހެން ކުދިންވެސް އެބައްޕައާއި ދުރަށް ގެންދިއުމަށް މަންމަ މަސައްކަތްކުރަން ޖެހޭނެއެވެ. އެހެނީ އެދަރިފުޅަށް ލިބުނު ކަހަލަ އަނިޔާއެއް އެހެން ކުދިންނަށް ލިބުނަ ނުދިނުމަށެވެ. އަދި ކުދިންނަށްވެސް މިފަދަ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތުދީ އެކުދިންނަށްވެސް ރަނގަޅާއި ނުބައި އޮޅުންފިލުވައިދިނުމަކީ މިއަދު ހަމަ ކޮންމެ މަންމައަކާއި ބައްޕައެއްގެ ވާޖިބެކެވެ. ތިމާގެ އުފަންދަރިންނަށް މިފަދަ ކަމެއް ދިމާވާކަށް މިއަދު ހަމަ އެއްވެސް މަޔަކު ނުވަތަ ބަފަޔަކު ނޭދޭނެއެވެ.
މިއީ ހަމަ ތިމާގެ ލެއެވެ. ތިމާގެ އުފަންދަރިންނެވެ. މިފަދަ ތުއްތު ކުދިންނަށް ޖިންސީ ގޮތުންނާއި ނަފްސާނީ ގޮތުން އަނިޔާތައް ދެމުން ގެންދާކަމީ މިއަދު އަޅުގަނޑުމެން ހިތާމަކޮށް ކަންބޮޑުވާންޖެހޭ ފަދަ މައްސަލައެކެވެ. އަދި މިފަދަ ކަމެއް ދިމާވެއްޖެނަމަ ވީ އެންމެ އަވަހަށް ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުމަކީ މިފަދަ މައްސަލަތައް މަދުކުރުމަށް ކުރުން ވަރަށް މުހިންމު ކަމެކެވެ. އަދި ހަމައެހެންމެ މިފަދަ އަމަލުތައް ހުއްޓުވުމަށް މަސައްކަތް ކުރުމަކީވެސް ހަމަ ކޮންމެ ދިވެހި ދަރިއެއްގެވެސް ޒިންމާއެކެވެ.
މި ފަދަ މައްސަލަތަކާއި ބެހޭގޮތުން ދީނީޢިލްމުވެރިން ވިދާޅުވަނީ ބަފައިންގެ ފަރާތުން އެފަދަ ޢަމަލެއް ފެންނަ ހިނދު އެކުދިން އެބަފައިންނާއި ވަކިކޮށް އެކަމަށް އިންޒާރުކޮށް އެމީހުންނަށް ނަޞޭޙަތްތެރިވެ އިޞްލާޙް ކުރަން މަސައްކަތްކުރުމަށެވެ. އެގޮތުން ނުހުއްޓިއްޖެނަމަ އެކަން ޝަރީޢަތަށް ގެންދިއުމަށެވެ. ޝަރީއަތުން އެފަދަ މީހުންނަށް ދެވެން އޮތް އެންމެ ހަރުކަށި އަދަބެއް ދިނުމަށެވެ.
އަދި އެއަދަބުތައް ތަންފީޒުކޮށް ހިނގަންޖެހޭ ފަރާތަތްކުން އެކަމުގައި އިހުމާލު ނުވުމަށެވެ. އަދި ބައްޕަގެ ފަރާތުން މިފަދަ ޖިންސީ އަނިޔާތައް ލިބޭކުދިންނަށް ދޭން ބޭނުންވާ މަސެޖެއް އެބައޮތެވެ. ބައްޕަގެ ފަރާތުން އެފަދަ ކަމެއް ފެނިއްޖެ ހިނދު އެކަން ފުރަތަމަ މަންމަގެ ގާތުގައި ބުނާށެވެ. މަންމަގެ ގާތުގައި ބުނެގެން ނުހުއްޓުނު ނަމަ ބޮޑުބޭބެ ނުވަތަ ބޮޑުދައިތަ އާއި ވާހަކަ ދައްކައިގެން ހުއްޓުވާށެވެ. އެއްވެސް ޙާލެއްގައި ހަނުހުރެގެން ނުވާނެއެވެ.
އެފަދަ ކަމަކަށް ރުހިގެން ނުވާނެއެވެ. ބައްޕަގެ ގާތުގައި އޮވެގެން ނުވާނެއެވެ. ބައްޕަގެ އެފަދަ ޢަމަލުތަކަށް އިންކާރު ކުރެވެން އޮތްގޮތަކަށް އިންކާރު ކުރަންވާނެކަމަށްވެސް ދީނީ ޢިލްމުވެރިން ވިދާޅުވެއެވެ. އެހެންކަމުން ކުޑަކުދިންނަށްކުރާ މިފަދަ ހާނިއްކަތައް ހުއްޓުވުމަށް ހުރިހާ ދިވެހި ރައްޔިތުންނަށްވެސް އަޅުގަނޑު ގޮވާލަމެވެ. (ނިމުނީ)
ނޯޓް:
މިލިޔުމަށް އެހީތެރިވި ފަރާތްތައް:
އައްޞައިހް އުޝްމާން އަބްދުﷲ