
ހެޔޮކަމުގެ ފުރުސަތު ދޫކޮށްނުލާ!
މިއީ އަހަރެމެންގެ އަޚަކަށް ދިމާވި ވަރަށް އަސަރުގަދަ ހާދިސާއެކެވެ. އޭނާ ކިޔައިދިން ގޮތުގައި، އެދުވަހަކީ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހެވެ (ކްރިސްމަސް ދުވަހެވެ). އެ ދުވަހު އޭނާ މިސްކިތަށް ގޮސް، ޤުރްއާން ކިޔަވައި، ދުޢާކޮށް، ވަރަށް ހިތްހަމަޖެހިފައި ހުރެ މިސްކިތުން ނުކުތެވެ.
މިސްކިތުން ނުކުތްތަނާހެން، ފަގީރު މީހަކު އޭނާގެ އިންތިޒާރުގައި ބޭރުގައި ހުއްޓާ ފެނުނެވެ. އެވަގުތު އޭނާގެ ހިތަށް އެރިއެވެ. ”މިމީހާ މިހުރީ އަހަރެން ނުކުންނަންދެން އަހަރެންނަށް އުނދަގޫކުރަން މަޑުކޮށްގެންނެވެ.“ އެމީހާ އައިސް ފައިސާގެ އެހީއަކަށް އެދުމުން، މި އަޚު ބުންޏެވެ. ”އަހަރެން ފައިސާއެއް ނުދޭނަމެވެ. އެކަމަކު ކާނެ އެއްޗެއް ގަނެދީފާނަމެވެ.“
ނަމަވެސް އެ ދުވަހަކީ ބަންދު ދުވަހަކަށް ވުމުން، ހުރިހާ ރެސްޓޯރެންޓްތަކެއް ހުރީ ބަންދުކޮށްފައެވެ.
ހުޅުވާފައި ހުރީ އެންމެ ތަނެކެވެ. އެއީ ވަރަށް އަގުބޮޑު ތަނެކެވެ. އޭނާގެ އަމިއްލަ އާއިލާ ގޮވައިގެންވެސް ނުދާހާ އަގުބޮޑު ތަނެކެވެ. އޭނާގެ ވޮލެޓް ބަލާލިއިރު އޮތީ 20 ޕައުންޑުގެ ނޫޓެކެވެ. އޭނާގެ ހިތަށް އެރިއެވެ. ”މިއީ މާ ގިނަ ފައިސާއެވެ.“ އެހެންނަމަވެސް، އެ ފައިސާ އެމީހާއަށް ދެމުން ބުންޏެވެ. ”މި ރެސްޓޯރެންޓަށް ގޮސް ކުޑަ އެއްޗެއް ކައިގެން، ބާކީ ފައިސާ ހިފައިގެން ބޭރަށް އަންނާށެވެ.“
އެމީހާ އެތެރެއަށް ދިޔަ ގޮތަށް ބޭރަކަށް ނުނިކުމެ އެތައް އިރެއް ވެއްޖެއެވެ. މި އަޚު ވަރަށް ބޮޑަށް ރުޅިގަދަވި އެވެ. ”އޭނާ އެދިޔައީ އަހަރެންގެ ފައިސާ ހިފައިގެންނެވެ. އަދި އަހަރެންގެ ވަގުތުވެސް އެ ބޭކާރުކުރަނީއެވެ.“ އޭނާ ރުޅިއައިސްގެން އެ ރެސްޓޯރެންޓް ތެރެއަށް ވަދެގަތީ އެމީހާއާ ޒުވާބުކުރާށެވެ. ވަދެ ބަލާލިއިރު، އެ ފަގީރު މީހާ އިނީ މޭޒެއްގެ ދޮށުގައި ތަފާތު ވައްތަރުގެ މީރު ކާތަކެތިން މޭޒު ފުރާލައިގެން ކާށެވެ.
އޭނާ ގޮސް އެމީހާއާ ދިމާލަށް ބުންޏެވެ. ”ކަލޭ ބުނީމެއްނު ބާކީ ފައިސާ ހިފައިގެން ބޭރަށް އަންނާނަމޭ؟ ކޮބާ އަހަރެންގެ ފައިސާ؟“
އެ ފަގީރު މީހާ އޭނާގެ އަތް އުފުލާލާފައި ބުންޏެވެ. ”މިހިރީ ކަލޭގެ 20 ޕައުންޑެވެ. އަހަރެން އެތެރެއަށް ވަނުމުން، މިތަނުގެ ވެރިމީހާއަށް އަހަރެންނަކީ ފަގީރެއްކަން އެނގިގެން، ބޭނުންވަރަކަށް ހިލޭ ކާން ބުންޏެވެ. އެހެންވެ ކަލޭގެ ފައިސާ އަނބުރާ މިދެނީއެވެ.“
މި އަޚު ވަރަށް އުފަލުން ގެއަށް ގޮސް އޭނާގެ އަންހެނުން ގާތު ބުންޏެވެ. ”ބަލާބަލާށެވެ! ރަސޫލާ ﷺ ޙަދީޘްކުރެއްވި ފަދައިން، ޞަދަޤާތުގެ ސަބަބުން މުދަލެއް އުންޏެއް ނުވެއެވެ. އަހަރެން އެމީހާއަށް 20 ޕައުންޑު ދިނީމެވެ. އެކަމަކު ހަމަ އެވަގުތުން ވަގުތަށް އެ ފައިސާ އަހަރެންނަށް އަނބުރާ ލިބިއްޖެއެވެ. މިއީ ކިހާ އަޖައިބު ކަމެއް ހެއްޔެވެ؟“
އޭނާގެ އަންހެނުން ބުންޏެވެ. ”ނޫނެކެވެ. ކަންތައްވީ އެހެންނެއް ނޫނެވެ. ﷲ ތަޢާލާ ކަލެއަށް ހެޔޮކަމެއް ކުރުމުގެ ފުރުސަތެއް ދެއްވިއެވެ.
އެހެންނަމަވެސް ކަލޭ އެކަމާ މޫނު ކުނިކޮށް، އެކަމަށް ފޫހިވީއެވެ. އެހެންކަމުން، ﷲ ތަޢާލާ އެ ހެޔޮކަމުގެ ފުރުސަތު ކަލޭގެ އަތުން އަތުލައްވައި، އެހެން މީހަކަށް (އެ ރެސްޓޯރެންޓްގެ ވެރިމީހާއަށް) ދެއްވީއެވެ. އަދި ކަލޭގެ 20 ޕައުންޑު، ކަލޭގެ މޫނުމައްޗަށް އެއްލާލައްވައި، އަނބުރާ ދެއްވީއެވެ.“
މި ވާހަކަ ކިޔައިދެމުން އެ އަޚު ރޮމުން ބުންޏެވެ. ”އެދުވަހު އަހަރެންނަށް ވަރަށް ބޮޑު ފިލާވަޅެއް ލިބުނެވެ. އެއީ ﷲ ތަޢާލާ ހެޔޮކަމުގެ ފުރުސަތެއް ދެއްވައިފިނަމަ، އެއީ ކިތަންމެ ކުޑަ ކަމެއް ކަމުގައިވީނަމަވެސް، އެކަން ދޫކޮށްނުލާށެވެ. އުފަލާއެކު ޝުކުރުވެރިވެ ހުރެ އެކަން ކުރާށެވެ.“



