
”ޢީދު އަންނަނީ ފޭލިގެތަކަކަށް ނޫން“: ޣައްޒާގެ ފަލަސްޠީނު ރައްޔިތުންނަށް ހިތާމަވެރި ޢީދެއް
މީގެ ކުރީގެ ޢީދުތަކުގައި، ބަރޫދުގެ ޢާއިލާއިން ފަތިސް ނަމާދަށްފަހު ޢީދުގެ އުފާފާޅުކުރުންތައް ފަށަނީ ވަރަށް ފޯރިއާއެކުގައެވެ. ޣައްޒާ ސިޓީގެ ޝާޠީ ރެފިއުޖީ ކޭމްޕުގެ މަގުތަކުގައި ދުއްވާފައި ގޮސް، ތިމާގެ މީހުންގެ ގެތަކަށް ޒިޔާރަތްކޮށް، ގުރުބާންކުރި ޖަނަވާރުގެ މަސް ޢާއިލާގެ މެދުގައި ބަހައި ހެދުމަކީ އެމީހުންގެ އާދައެކެވެ.
ކޮންމެ ޢީދެއްގެ ނިމުމުގައި، މުޅި ޢާއިލާ އެކުގައި ފޮޓޯއެއް ނެގުމަކީ އެމީހުން ދޫނުކޮށް ކުރަމުން އައި ކަމެކެވެ. އަދި މި ފޮޓޯ ބޭރު ގައުމުތަކުގައި ތިބޭ ތިމާގެ މީހުންނާ ހިއްސާކޮށް އުޅެއެވެ.

ނަމަވެސް، އިސްރާއީލުން ޣައްޒާގެ ފަލަސްޠީނު ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުޢާންމުގެ ތެރޭގައި މިއަދު ފެންނަނީ މުޅިން ތަފާތު، އަސަރުގަދަ މަންޒަރެކެވެ. ވަލާއު ބަރޫދު މިއަދު އިނީ އެންމެ ފަހުން ނެގި ޢާއިލީ ފޮޓޯއަށް ބަލަހައްޓައިގެންނެވެ. އެއީ މާޒީގެ އުފާވެރި ދުވަސްތަކުގެ ހަނދާންތައް އާކޮށްދޭ ހަމައެކަނި ނިޝާނެވެ.
އެ ފޮޓޯއިން ފެންނަ 22 މީހުންގެ ތެރެއިން 13 މީހަކު މިއަދު މިދުނިޔެއަކު ނެތެވެ. އިސްރާއީލުގެ ރަޙުމުކުޑަ ޙަމަލާތަކުގައި އެ ޢާއިލާގެ 80 އަށްވުރެ ގިނަ މެންބަރުން ވަނީ ޝަހީދުވެފައެވެ.
ކުރިން އުފާވެރި ޢާއިލީ ފޮޓޯއަކަށް ޖަމާވި މީހުންގެ ތެރެއިން މިއަދު ދުނިޔޭގައި ތިބި މީހުން ޖަމާވެފައިވަނީ، އެމީހުންގެ ކޮއްކޮ ބަހާއު ބަރޫދުގެ ވަކިވުމުގެ ހިތާމައިގައެވެ. ބަހާއު ޝަހީދުވީ މީގެ މަދު ދުވަސްކޮޅެއް ކުރިން އިސްރާއީލުން ދިން ޙަމަލާއެއްގައެވެ. އޭނާގެ ޢާއިލާއަށް މިއަދުގެ ޢީދު ފެށުނީ އޭނާގެ ތަޢުޒިޔާ ކިޔުމަށް ޖަހާފައިވާ ފޭލިގެއަކުންނެވެ. އަދި އޭނާގެ ހަށިގަނޑު އަދިވެސް އޮތީ ހޮސްޕިޓަލުގައެވެ.
”މި ހަނގުރާމަ އަހަރެމެންގެ ލޯބިވާ މީހުން މިދަނީ ބަލިކޮށް ހުސްކުރަމުން. ހަނގުރާމަ މެދުކަނޑާލާފައިވާ ދަނޑިވަޅެއްގައި، މީހަކު މަރުވެގެން ތަޢުޒިޔާ ކިޔުމުގެ ފޭލިގެއެއް ޖަހަންޖެހިދާނެ ކަމަކަށް ދުވަހަކުވެސް އުންމީދެއް ނުކުރަން،“ ވަލާއު އަލްޖަޒީރާއަށް ކިޔައިދިނެވެ. ”އަހަރެމެން މިތިބީ އުފާވެރި މާޒީއާއި ހިތްދަތި މިއަދުގެ ދެމެދުގައި ތާށިވެ، ވޭނީ ހަނދާންތަކުގެ ތެރެއަށް ޣަރަޤުވެފައި.“
ޣައްޒާގެ ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، އިސްރާއީލުން ހިންގަމުންދާ މި ގަތުލުޢާންމުގައި މިހާތަނަށް ގާތްގަނޑަކަށް 73,000 މީހުން ވަނީ ޝަހީދުވެފައެވެ.



