ދިވެހިރާއްޖެ އާއި ކުދި ޖަޒީރާ ޤައުމުތަކުގެ މައްސަލަތަކާއި ބެހޭގޮތުން ޢަބްދުﷲ މަޖީދު ވާހަކަފުދައްކަވައިފިއެވެ.
އޭޝިއާ ޕެސިފިކް ސަރަޙައްދުގެ ރީޖަނަލް އެސޯސިއޭޝަން 2 ގެ 16 ވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓްރީ އޮފް އެންވައިރަންމަންޓް އެންޑް އެނަރޖީގެ ސްޓޭޓް މިނިސްޓަރ ޢަބްދުﷲ މަޖީދު ވަނީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ދިވެހިރާއްޖެ އާއި ކުދި ޖަޒީރާ ޤައުމުތަކަށް ލިބެމުންދާ ގެއްލުންތަކާއި ކުރިމަތިވެދާނެ މައްސަލަތަކަށް އަލިއަޅުވާލައްވާފައެވެ.
މި މަހުގެ 12 ވަނަ ދުވަހު ޔޫ.އޭ.އީ ގެ އަބޫދާބީގައި ފަށައިގެން ކުރިއަށް ގެންދާ ބައްދަލުވުމުގައި ދުނިޔޭގެ މޫސުމާބެހޭ ޖަމްޢިއްޔާގެ އަސާސީ ޕްރޮގްރާމްތަކަށް މުހިއްމު ބޮޑެތި ބަދަލުތަކެއް ގެނައުމަށް ބައެއް ފަރާތްތަކުން ވަނީ ގޮވާލާފައެވެ.
ރީޖަނަލް އެސޯސިއޭޝަން 2 ގެ ރައީސް ޢަބްދުﷲ މުޙައްމަދު އަލް މަންރައި ހުޅުވައިދެއްވި މި ބައްދަލުވުމުގައި 23 މެމްބަރ ޤައުމާއި 02 އޮބްޒާވަރ ޤައުމުން 100 މަންދޫބުން ބައިވެރިވެއެވެ.
މި ބައްދަލުވުމުގައި ދުނިޔޭގެ މޫސުމާއިބެހޭ ޖަމްޢިއްޔާ ރިފޯރމް ކުރުމާއި ބެހޭގޮތުން ސެކްރެޓަރީ ޖެނެރަލް ޕްރޮފެސަރ ޕެޓްރީޓަލަސް ދެއްކެވި ވާހަކަފުޅާއި ގުޅިގެން ސްޓޭޓް މިނިސްޓަރ ޢަބްދުﷲ މަޖީދު ވެސް ބައެއް ޚިޔާލުތައް ފާޅުކުރެއްވިއެވެ.
މީގެ އިތުރުން ދުނިޔޭގެ މޫސުމާއިބެހޭ ޖަމްޢިއްޔާގެ ސެކްރެޓަރީ ޖެނެރަލް އާއި ސްޓޭޓް މިނިސްޓަރ ޢަބްދުﷲ މަޖީދު ވަނީ އާދީއްތަ ދުވަހު މެންދުރުފަހު ބޭއްވި ބައްދަލުކުރެއްވުމުގައި މީޓިއޮރޮލޮޖިކަލް ސަރވިސް އަށް ބޭނުންވާ މީހުން ތަމްރީން ކުރުމާއި ފަންނީ އެހީތަކާއި ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.