
ދައުލަތުގެ އިދާރާތައް އެންމެ ފުރިހަމަ ގޮތުގައި ހިންގުމަށް ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ވަރަށް މުހިއްމު: މިނިސްޓަރ ޝައުނާ
ދައުލަތުގެ އިދާރާތައް އެންމެ ފުރިހަމަ ގޮތުގައި ހިންގުމަށް ޑިޖިޓަލް އިންފްރާސްޓްރަކްޗަރ މިއަދު ވަރަށް މުހިއްމުކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.
އެކަމަނާ މިހެން ވިދާޅުވީ ދައުލަތުގެ އިދާރާތަކުގައި މަސައްކަތްކުރާ 20،000 މުވައްޒަފުންނަށް މައިކްރޯސޮފްޓް 365 ގެ ޚިދުމަތް ފޯރުކޮށްދިނުމަށް މައިކްރޯސޮފްޓް އާއިއެކު 3 އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއި ކުރެއްވުމަށް ފަހު ވާހަކަ ދައްކަވަމުން ނެވެ.
މިނިސްޓަރ ޝައުނާ ވިދާޅުވީ ޑިޖިޓަލް ޓްރާންސްފޮމޭޝަނަކީ ހަމައެކަނި އައު ޓެކްނޯލޮޖީތައް ބޭނުންކުރުން އެކަނި ނޫން ކަމަށެވެ.
އެގޮތުން ޑިޖިޓަލް ޓްރާންސްފޮމޭޝަނަކަށް އިދާރާތަކުގެ ސްޓްރަކްޗަރ، ހިންގުން އަދި މަސައްކަތް ކުރާ އިދާރާއެއްގެ ސަގާފަތާއި އެތަނެއްގައި މަސައްކަތް ކުރާ ބައެއްގެ ވިސްނުންވެސް ބަދަކުރަންޖެހޭނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މި ޚިދުމަތް ސަރުކާރުގެ އިދާރާތަކާއި ހަމައަށް ފޯރުކޮށްދިނުމުގައި ސަރުކާރާއެކު މަސައްކަތްކުރެއްވި މައިކްރޯސޮފްޓްގެ އޭޝިއާ ޕެސިފިކް، ސްރީލަންކާ އަދި ދިވެހިރާއްޖޭގެ ޓީމަށް ވަރަށް ބޮޑު ޝުކުރެއް އަދާކުރައްވާ ކަމަށް ވެސް މިނިސްޓަރ ޝައުނާ ވިދާޅުވި އެވެ.
”މިފަދަ ޕްލެޓްފޯމަކަށް އިދާރީ ހިންގުންތައް ބަދަލުކުރުމަކީ އޭގެއިން އެތައް ފައިދާއެއް ލިބޭނެކަމެއް. ޚާއްސަގޮތެއްގައި ދިވެހިރާއްޖެއަކީ ކުދި ޖަޒީރާ ޤައުމަކަށްވެފައި މައިކްރޯސޮފްޓް ކްލައުޑްގެ އެހީގައި ރަށްތަކުގެ އިދާރީ ހިންގުން ގުޅާލެވި ސަރުކާރުގެ މުވައްޒަފުންނަށް ގުޅިގެން މަސައްކަތްކުރެވޭނެ ގޮތް މަގުފަހިވެގެންދާނެ.“ މިނިސްޓަރ ވިދާޅުވި އެވެ.
ދައުލަތުގެ އިދާރާތަކުގައި ޚިދުމަތްކުރައްވާ މުވައްޒަފުންގެ މަސައްކަތް ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ އެހީގައި އިތުރަށް ހަރުދަނާކުރުމަށް އަބަދުވެސް ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭ ކަމެއް ކަމަށާއި މިގޮތުން ނޭޝަނަލް ރެސިލިއެންސީ އެންޑް ރިކަވަރީ ޕްލޭންގެ ދަށުން މަސައްކަތްތައް ޑީސެންޓްރަލައިޒް ކުރެވި ގެއިން މަސައްކަތް ކުރެވޭނެ ގޮތް ހަމަޖެއްސުމަށް ގިނަ މަސައްކަތްތައް ކުރެވިފައިވާކަން މިނިސްޓަރ ޝައުނާ ވަނީ ފާހަގަކުރައްވާފަ އެވެ.
މީގެ އިތުރުން މިފަދަ ބަދަލަކާއިއެކު ސައިކަލު، ކާރު އަދި ފެރީ ދަރުތުތައް މަދުވެ، މާހައުލީ ނިޒާމަށް ގެއްލުންވާ ކަރބަންޑައިއޮކްސައިޑް ފަދަ ގޭސްތައް މާހައުލަށް ބޭރުވާ މިންވަރު ކުޑަވެގެންދާނެ ކަމަށް ވެސް މިނސްޓަރ ވިދާޅުވި އެވެ.
މިނިސްޓްރީގެ އުއްމީދަކީ މައިކްރޯސޮފްޓް 365 ގެ އެހީގައި ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންނަށް ފަސޭހަކަމާއިއެކު މަސައްކަތް މެނޭޖްކުރެވި، މަސައްކަތްކުރާ ޓީމާއި ބައްދަލުކުރެވި، ހަވާލުކުރެވޭ ޓަރގެޓްތައް ފުރިހަމަކުރެވޭނެ މާހައުލެއް ޤާއިމުކޮށްދިނުމެވެ.