ޚަބަރު ފީތާ

ދެމެހެއްޓެނިވި ތަރައްޤީއަށް ވާސިލްވުމަށް މަސްވެރިކަމާއި ދަނޑުވެރިކަން އިތުރަށް ފުޅާކުރަންޖެހޭ: ސަބްރާ

ވެށި ޙިމާޔަތްކުރުމުގެ ޒިންމާ އުފުލުމުގައި އެންމެން އެކުއެކީ، އެއްވާނެއްގައި މަސައްކަތްތަކެއްކޮށް، ކުރިއަށް އޮތް ޖީލުތަކަށް އޭގެ މަންފާ ލިބިގެންދާނެކަން ކަށަވަރު ކުރުމަށް އުއްމީދު ކުރައްވާ ކަމުގައި ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް ޞަބްރާ އިބްރާހީމް ނޫރައްދީން ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއި ސަރުކާރާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ހިންގާ ނޫރާއްޖެ ޕްރޮގްރާމާއި ގުޅިގެން ކައުންސިލަރުންނަށް މަޢުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ނެވެ.

ސަބްރާ ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަން މުޅި ދުނިޔެ ތަޙައްމަލު ކުރަމުންދާއިރު، އެހެން ގައުމުތަކެކޭ އެއްފަދައިން، ދިވެހި އިޤްޠިޞާދަށްވެސް އޭގެ ނުރަނގަޅު އަސަރުކޮށް ހީނަރުވެފައިވާ ކަމަށެވެ. އަދި މި ބަލިމަޑުކަމުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ލާމަރުކަޒީ ނިޒާމެއްގެ މުހިންމުކަން އިތުރަށް ތަޞައްވަރު ކުރެވިފައިވާކަން ވަނީ ފާހަގަ ކުރައްވާފަ އެވެ.

އެގޮތުން ރާއްޖޭގެ އިޤްޠިޞާދު ސިންދަފާތުކޮށް، ދެމެހެއްޓެނިވި ތަރައްޤީއަށް ވާސިލްވުމަށްޓަކައި، ދިވެހިންގެ ލޭނާރު ކަމަށްވާ މަސްވެރިކަމާއި، ކާބޯތަކެތި ކަށަވަރުކުރުމަށްޓަކައި ދަނޑުވެރިކަމުގެ ދާއިރާ އިތުރަށް ފުޅާކޮށް، ކަނޑުފަޅުގެ ވަސީލަތްތައް ކުރިއަށް އޮތް ޖީލުތަކަށް ދަމަހައްޓައިދިނުމުގެ މުހިންމުކަން އިތުރަށް އެނގިގެންދިޔަކަމުގައި ޞަބްރާ ވިދާޅުވި އެވެ.

ސަބްރާ އިތުރަށް ވިދާޅުވީ ހުޅަނގުގެ ގައުމުތަކަށް މިއަހަރު އިރުވައިމޫސުމުގައި ރެކޯޑް އަދަދަކަށް ހޫނުމިން މައްޗަށް ދާއިރު، ކުރިއާ އަޅާބަލާއިރު ރާއްޖޭގައި، ރަށްގިރުމާއި ވާރޭގެ ސަބަބުން ގެއްލުން ލިބިގެން އެހީތެރިކަން ފޯރުކޮށްދޭ ރަށްރަށުގެ އަދަދު އިތުރުވަމުން ދިއުމާއި މިކަމުގެ “ސިވިއަރރިޓީ އަދި ފްރިކުއެންސީ” އިތުރުވުމަކީ މޫސުމީ ބަދަލުތަކުގެ ނުރައްކާ ބޮޑެތި ޤައުމުތަކެކޭ އެއްގޮތަށް ރާއްޖެއަށްވެސް އޮތްކަމުގެ ހެއްކެއްކަން އެކަމަނާ ފާހަގަކުރެއްވި އެވެ.

މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާއި ގުޅިގެން ސަރުކާރުން ކުރައްވަމުން ގެންދަވާ ބައެއް މަސައްކަތްތަކަށް އިޝާރާތް ކުރައްވަމުން، 2020 ޑިސެންބަރުގައި، ކްލައިމެޓް އެމްބިޝަން ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ތަޤްރީރުގައި، ބޭރުގެ މާލީ އެހީއާއެކު 2030 ވަނަ އަހަރަށް ދިވެހިރާއްޖެ ނެޓް-ޒީރޯ ޤައުމަކަށް ހެދުމަށް ވެވަޑައިގެންފައިވާ ވަޢުދުގެ މައްޗަށް ޞަބްރާ އަލިއަޅުއްވާލެއްވި އެވެ.

އެގޮތުން ނެޓް-ޒީރޯ ޤައުމަކަށް ރާއްޖެ ހެދުމަށްޓަކައި ޑީސަލުން ހަކަތަ އުފައްދައިގެން ޖައްވަށް ވިހަގޭސް ބޭރުކުރެވޭ މިންވަރާ އެއްވަރަށް، އިޢާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ހަކަތަ އުފެއްދުމުގެ މި އަމާޒަށް ވާސިލްވުމަށް، މި އަހަރުގެ މޭ މަހު ކްލައިމެޓް އެމަރޖެންސީ ބިލު ރައްޔިތުންގެ މަޖިލީހުން ފާސް ކުރައްވާ ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވާފައިވާކަން އެކަމަނާ ފާހަގަކުރެއްވި އެވެ.

ޞަބްރާގެ ވާހަކަފުޅުގައި، އިޢާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާކަމަށާއި އެގޮތުން ފާއިތުވި 2 އަހަރު ތެރޭ، ބޭރުގެ މަޝްރޫޢުތަކުގެ ތެރެއިން 26 ރަށުގައި 2.86 މެގަވޮޓް ގެ ކަރަންޓު އުފެއްދޭ ވަރުގެ ސޯލާ ޕެނަލް ހަރުކުރެވިފައިވާ ކަމުގައި ވިދާޅުވި އެވެ.

މިކަމުގެ ނަތީޖާއެއްގެ ގޮތުން މިހާރު ޖައްވަށް ބޭރުވާ ކާބަންޑައިއޮކްސައިޑްގެ ތެރެއިން، އަހަރަކު 72،178 ޓަނުގެ ކާބަންޑައިއޮކްސައިޑް މަދުކުރެވިފައިވާ ކަމަށާއި އިންޖީނުގެތަކުން ތެލަށް ކުރާ ޚަރަދުން އަހަރަކު 147.8 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

 

Like
Like Love Haha Wow Sad Angry