ޚަބަރު ފީތާ

25 ނުކުތާއަކަށް އެއްބަސްވެ، ޢިލްމުވެރިންގެ 4 ވަނަ މަހާސިންތާ ނިންމަވާލައްވައިފި

 

“ ﷲ ގެ އިންތައް ފަހަނައަޅައި ނުދާށެވެ. “ މިމައުޟޫއަށް ބޭއްވި ޢިލްމުވެރިންގެ 4 ވަނަ މަހާސިންތާ ނިންމަވާލައްވައިފިއެވެ.

މިމަހުގެ 19 އިން 21 ގެ ނިޔަލަށް ކުރިޔަށްދިޔަ މި މަހާސިންތާނިންމާލަފައިވަނީ މި މަހަސިންތަގައި ބައިވެރިވި ޢިލްމުވެރިންގެ މެދުގައި 25 ނުކުތާއަކަށް އެއްބަސްވުމަށް ފަހުގައެވެ.

އޭގެ ތެރޭގައި ދީނަށް އުޅުމަކީ، ހައްދުފަހަނައަޅައިދި ދިޔުން ކަމަށް ނުބުނެވޭނެ ކަމާއި، ދީނާ ދެކޮޅަށް ކުރެވޭ އަމަލުތަކަކީ އެއީ ހައްދު ފަހަނަ އަޅާ ދިއުމުގެ އަމަލުގެ ގޮތުގައި ބަލައިގަތުމާއި، ޣައިރު މުސްލިމަކަށް ރާއްޖޭގައި އަމަން އަމާންކަން އޮންނަންވާނެ ކަމަށް ޢިލްމުވެރިންގެ މެދުގައި އެއްބަސްވެފައިވެއެވެ.

އިސްލާމިކް މިނިސްޓްރީން އިންތިޒާމުކުރައްވައިގެން ބޭއްވެވި މިމަހާސިންތާގައި ރާއްޖޭގެ ޢިލްމުވެރިންނާއި، ރާއްޖެއިން ބޭރުގެ ޢިލްމުވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އިސްލާމީ މަރުކަޒުގައި ބޭއްވެވި ރަސްމިޔާތުގައި ވަނީ މަހާސިންތާގައި ބައިވެރިވަޑައިގަތް ޢިލްމުވެރިންގެ އަގުވަޒަންކޮށް ހަނދާނީ ލިޔުންވެސް ދެއްވާފައިވެއެވެ. ޢިލްމުވެރިންނަށް ހަނދާނީ ލިޔުން ދެއްވީ މިހާރު ރާއްޖެ ވަޑައިގެންއުޅުއްވާ ސޫދާނުގެ އިސްލާމީ ފިޤުހު ކައުންސިލް މެންބަރު ޑރ. މުޙައްމަދު އިބްރާހީމެވެ.

”ﷲ ގެ އިންތައް ފަހަނައަޅައި ނުދާށެވެ.“ މިމައުޟޫޢަށް ތަފާތު 8 ކަރުދަހާއެއް މަހާސިންތާއަށް ހުށަހަޅުއްވާ ބަހުސްކުރައްވާފައިވާއިރު މިކަމަށް ބަހުސްކުރެއްވި ކަންތައްތަކުގެ ތެރޭގައި ހައްދު ފަހަނައަޅައި ދިއުމަކީ ކޮބައިކަމާއި، ޖިހާދުގެ ޝަރުޢީ ޙުކުމްތަކަކީ ކޮބައިތޯއާއި، ޣައިރު މުސްލިމުންނާއި މުސްލިމުން މުޢާމަލާތް ކުރަންވީ ކިހިނެއްކަމާއި، މުސްލިމުންގެ މެދުގައި އެކަކު އަނެކަކުގެ ޙައްޤުތަކަކީ ކޮބައިކަމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވަފައިވެއެވެ.

ޢިލްމުވެރިންގެ މި މަހާސިންތާގައި ބައިވެރިވެވަޑައިގެންނެވި ރާއްޖޭގެ ފުންނާބުއުސް ދީނީ ޢިލްމްވެރިޔާ އައްޝައިޚް އަލީ ޒާހިރު ބިން ސައީދު ޤާސިމް ވިދާޅުވީ ދީނީ ގޮތުން ވިޔަސް އަދި އެނޫން ގޮތަކުންވެސް މީހުން ހައްދު ފަހަނައަޅާ ދަނީ ކޮން ކޮން ސަބަބުތަކާ ހުރެކަން ޢިލްމުވެރިންގެ މެދުގައި ވަރަށް ފުޅާކޮށް ބަހުސްކުރެއްވި ކަމަށެެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ ޢިލްމުވެރިންގެ 5 ވަނަ މަހާސިންތާ އަންނަ އަހަރުވެސް ބާއްވަވާނެކަން ޢިއުލާންކުރައްވާފައެވެ. މިނިސްޓްރީން ވިދާޅުވީ، އަންނަ އަހަރު ބޭއްވެވުމަށް ހަމަޖެހިފައިވާ މަހާސިންތާގައި މާލޭގެ އިތުރުން އަތޮޅުތެރޭގައި ތިއްބެވި ޢިލްމުވެރިންނަށް ފުރުޞަތު ދެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީގެ ނާއިބު އައްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ރަޝީދު ވިދާޅުވީ، އިސްލާމް ދީނާ ބެހޭ ގޮތުން ސައްޙަ މަޢުލޫމާތު ޢާންމުންނާ ހަމަޔަށް ފޯރުކޮށްދިނުމަށް ބޭއްވެވި މިމަހާސިންތާއަކީ ކާމިޔާބު މަހާސިންތާއެއް ކަމަށެވެ.

Rate this post