
2030 ވަނަ އަހަރުގެ ވޯލްޑް ކަޕް 64 ޓީމަށް ބޮޑުކުރުމަށް ދިރާސާކުރަނީ
ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ވޯލްޑް ކަޕްގެ 2030 ވަނަ އަހަރުގެ މުބާރާތް، 48 ޓީމުގެ ބަދަލުގައި 64 ޓީމަށް ބޮޑުކުރެވިދާނެތޯ ބެލުމަށް ފީފާއިން ދިރާސާއެއް ކުރަން ފަށައިފި އެވެ.
2026 ވަނަ އަހަރުގެ މުބާރާތުގައި 32 ޓީމުގެ ބަދަލުގައި 48 ޓީމު ވަނީ ވާޑަކޮށްފަ އެވެ.
މީގެ އިތުރުން، އިތުރު 16 ޤައުމު ހިމަނައިގެން މުބާރާތް އިތުރަށް ފުޅާކުރުމުގެ ޕްލޭނަށް މުސްތަޤިއްލު އޭޖެންސީއެއް ހަމަޖައްސަން ފުޓުބޯޅައިގެ މައި އިދާރާއިން ބޭނުންވެ އެވެ.
ވޯލްޑް ކަޕް 64 ޓީމަށް ބޮޑުކުރުމަކީ ރަނގަޅު ޚިޔާލެއް ނޫން ކަމަށް ޔުއެފާގެ ރައީސް އެލެގްޒެންޑަރ ސެފެރިން މިދިޔަ އަހަރު ވަނީ ވިދާޅުވެފައެވެ.
އެއަށްފަހު ޔޫރަޕްގެ ފުޓުބޯޅަ އިދާރާގެ ސްޓޭންޑަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެ އެވެ. އަދި އޭޝިއަން ފުޓުބޯޅަ ކޮންފެޑެރޭޝަންގެ ރައީސް ޝައިޚް ސަލްމާން ބިން އިބްރާހީމް އަލް ޚަލީފާވެސް ވަނީ މިކަމާ ދެކޮޅު ހައްދަވާފަ އެވެ.
މިގޮތަށް މުބާރާތް ފުޅާކުރަމުން ގޮސް ނިމޭނީ ކޮން ހިސާބަކުންތޯ އެ މަނިކުފާނު ވަނީ ސުވާލުކޮށްފައެވެ.
މި ދިރާސާ މިކުރަނީ، ވޯލްޑް ކަޕާއި އެހެނިހެން މުބާރާތްތައް ހިންގުމަށް 20 ބިލިއަން ޑޮލަރުގެ ސަބްސިޑިއަރީއެއް އުފެއްދުމަށް ފީފާއިން ގެންގުޅޭ ރޭވުމާ ގުޅިގެން ފާޑުކިޔުންތައް އަމާޒުވެ، ޔުއެފާއިން ފީފާގެ މުބާރާތްތައް ބޮއިކޮޓްކުރުމަށް ނިންމާފައިވާ ދަނޑިވަޅެއްގަ އެވެ.



