
ދަރިވަރުންނަށް އަދަބު ދީގެން މައްސަލަ ހައްލެއް ނުވާނެ – މޯދީ
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ، ފާއިތުވި މަހު ކުރިއަށްދިޔަ މުޒާހަރާތަކުގައި މޯދީއަށް ފުރައްސާރަކޮށް ގޯނާކުރި ދަރިވަރުންނަށް މާފުދޭން ބޭނުންފުޅުވާ ކަމަށް މޯދީ ހާމަކޮށްފި އެވެ.
މޯދީ ފާހަގަ ކުރިގޮތުގައި މުޒާހިރާގެ ބައިވެރިންނަށް އަދަބުދީ ކޯޓުތަކަށް ޙާޟިރުކުރުމަކީ މައްސަލައަށް ޙައްލެއް ހޯދައިދޭނެ ކަމެއް ނޫންކަމަށެވެ.
މޯދީގެ ތިންވަނަ ދައުރުގައި ކުރިމަތިވި އެންމެ ބޮޑު ސިޔާސީ ކާރުބާރު އިންތިހާއަށް ދިޔައީ، ޤައުމީ އިމްތިޙާނު ކަރުދާސްތަކެއް ލީކުވުމާ ގުޅިގެން 2 މިލިޔަން ދަރިވަރުން އަލުން އިމްތިޙާނު ހަދަން މަޖުބޫރުވުމުންނެވެ.
މިއީ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް މަދުވުމުގެ ސަބަބުން އުފެދިފައިވާ ނުރުހުންތައް އިތުރަށް ބޮޑުވެގެންދިޔަ ކަމެކެވެ.
މުޒާހަރާގެ ބައެއް ބައިވެރިން ސަލާމަތީ ބާރުތަކާ ކުރިމަތިލައި، ބޮޑުވަޒީރާ ދެކޮޅަށް ހުތުރު ބަހުރުވައިން ވާހަކަދެއްކުމާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ވަނީ އެތައް ސަތޭކަ ދަރިވަރުންގެ މައްޗަށް ދަޢުވާ އުފުލާފަ އެވެ.
”މިއީ މަގުއުރެދިފައިވާ ކުދިންތަކެއް. އެ ކުދިންނަށް ރަނގަޅު މަގު ދެއްކުމަކީ އަޅުގަނޑުމެންގެ ވާޖިބެއް. އެ ކުދިންނަށް އަދަބުދީ، ކޯޓުތަކަށް ހާޒިރުކޮށް، ނުވަތަ މުޖުތަމައުގެ ތެރޭގައި އުނދަގޫތަކާ ކުރިމަތިލާންޖެހޭގޮތަށް ކަންކަން ކުރުމަކުން ހާލަތެއް ބަދަލެއް ނުވާނެ، އަޅުގަނޑު ބޭނުންވަނީ އެ ކުދިންނަށް މާފުދޭން. އަޅުގަނޑު އުންމީދުކުރަން މުޖުތަމަޢުންވެސް އަޅުގަނޑުގެ މި ވިސްނުން ބަލައިގަންނާނެ ކަމަށް.“ މޯދީ
ޢާންމުކޮށް ނިއުދިއްލީ ހިމެނޭ ގޮތަށް ޤައުމުގެ އެކި ކަންކޮޅުތަކުގައި މުޒާހަރާކުރާ ފަރާތްތަކާއި ސަލާމަތީ ބާރުތަކާ ދެމެދު ހަމަނުޖެހުންތައް ހިންގާފައިވެ އެވެ.
އޭގެ ތެރޭގައި ޕާލަމެންޓަށް ޖަމާވާން މަސައްކަތްކުރި މީހުންނަށް ކަރުނަ ގޭހާއި، ބާރުގެ ބޭނުންކޮށްފައިވެ އެވެ.
”ކޮކްރޯޗް ޖަންތާ ޕާޓީ“ ގެ ނަމުން ނަންދީފައިވާ، މި ޙަރަކާތް އިސްވެ ހިންގި ޖަމްޢިއްޔާއިން ހޯމަ ދުވަހު ބުނީ، މުޒާހަރާކުރި ފަރާތްތަކާ ދެކޮޅަށް އުފުލާފައިވާ ފުލުހުންގެ މައްސަލަތައް އަނބުރާ ގެންދާނެ ކަމަށް ސަރުކާރުން ވެފައިވާ ވަޢުދާ ޚިލާފަށް އެކި ސްޓޭޓްތަކުން އެތައް ސަތޭކަ ދަރިވަރުންނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މުޒާހަރާތަކާ ގުޅިގެން މޯދީގެ ސަރުކާރުން ވަނީ، ޢާންމު އިމްތިހާނުތަކާ ބެހޭ ޤާނޫނަށް ބަދަލުގެނައުމުގެ ބިލެއް ޕާލަމެންޓަށް ހުށަހަޅާފަ އެވެ.
އެ ބިލުގައި އިމްތިހާނު ކަރުދާސް ލީކުކުރުމުގައި ބައިވެރިވާ ފަރާތްތަކަށް ދިގު މުއްދަތުގެ ޖަލު ޙުކުމާއި ބޮޑެތި ޖޫރިމަނާތައް ކަނޑައެޅުން ހިމެނެ އެވެ.



