
އެމް.އައި.ބީ އިން 2026ގެ 2 ވަނަ ކުއާޓަރ ވަރުގަަކޮށްފި
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ) އިން 2026 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި މާލީގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯދައި، އެ ބޭންކުގެ މާލީ ނަތީޖާތައް އިތުރަށް ވަރުގަދަކޮށްފި އެވެ.
މިދިޔަ ކުއާޓަރުގައި ބޭންކުން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރި ފުޅާކުރުމަށާއި، ރާއްޖޭގެ ބާޒާރުގައި ބޭންކުގެ މަގާމު ވަރުގަދަކޮށް، މާލީ ޚިދުމަތްތައް ފޯރުކޮށްދިނުން އިތުރުކުރުމަށެވެ.
މީގެ އިތުރުން، ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަ ޚިދުމަތްތަކެއް ދިނުމަށާއި، ބޭންކު ހިންގުމުގެ ޤާބިލުކަން އިތުރުކުރުމުގެ އިތުރުން، ހަރުދަނާ އުސޫލުތަކެއްގެ ދަށުން ރިސްކް މެނޭޖްކޮށް، ޚިދުމަތް ހޯދާ ފަރާތްތަކަށާއި ހިއްސާދާރުންނަށް ދިގުމުއްދަތުގެ ފައިދާ ހޯދައިދިނުމަށް އެމް.އައި.ބީ އިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.
2026 ވަނަ އަހަރުގެ ދެވަނަ ކުއާޓަރު ނިމުނުއިރު، ބޭންކުގެ ޖުމްލަ މުދަލުގެ އަގު ވަނީ 19.31 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.
މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު %4.37 ގެ ކުރިއެރުމެކެވެ. އަދި 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މިއީ %43.52 ގެ ބޮޑު އިތުރުވުމެކެވެ.
ބޭންކުގެ ހިންގުމުގެ ފައިދާ ނުވަތަ އޮޕަރޭޓިންގ ޕްރޮފިޓްގެ ގޮތުގައި މި ކުއާޓަރުގައި 170 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ ކުރީ ކުއާޓަރާ އަޅާބަލާއިރު %4.29 ގެ ކުރިއެރުމެކެވެ. މިއީ ބޭންކުގެ ހަރުދަނާ މާލީ އިދާރީ ހިންގުމާއި މަސައްކަތްތެރިކަން ދޭހަކޮށްދޭ ނަތީޖާއެކެވެ.
ޚިދުމަތް ހޯދާ ފަރާތްތަކުން ބޭންކުގައި ފައިސާ ރައްކާކޮށްފައިވާ މިންވަރު މި ކުއާޓަރުގައި %5.37 އިތުރުވެ، 16.22 ބިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ. އަދި އަހަރުން އަހަރަށް ބަލާއިރު ޑިޕޮސިޓް ވަނީ %46.24 އިތުރުވެފަ އެވެ. މިއީ އެމް.އައި.ބީ އަށް ކަސްޓަމަރުން ކުރާ އިތުބާރު ބޮޑުވަމުންދާކަމުގެ ހެއްކެކެވެ.
އާމްދަނީގެ ގޮތުންވެސް ބޭންކުން ވަނީ ބޮޑު ކުރިއެރުމެއް ހޯދާފަ އެވެ. އެގޮތުން ޖުމްލަ އާމްދަނީ 284.60 މިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ ކުރީ ކުއާޓަރާ އަޅާބަލާއިރު %5.85 ގެ ކުރިއެރުމެކެވެ. އަދި 2025 ވަނަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު މިއީ %32.07 ގެ ކުރިއެރުމެކެވެ.
ބޭންކުގެ ސާފު ފައިދާގެ ގޮތުގައި 111.42 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ވަރުގަދަ ނަތީޖާއެއްގެ ގޮތުގައި ފާހަގަކުރެވެ އެވެ.



