
ސޫރަތުލް ބަލަދި (2)ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުއްލަޠީފު، 5 ޖަަނަވަރީ 2017 އާ ގުޅޭ
(وَوَالِدٍ وَمَا وَلَدَ ﴿٣﴾) ”އަދި އުފަންކުރި މީހާއާއި، އޭނާޔަށް އުފަންވީހާ ބަޔަކު ގަންދެއްވަމެވެ.“
(وَالِدٍ) ގެ މުރާދަކީ އާދަމް ޢަލައިހިއްސަލާމް އެވެ.
(وَلَدَ) ގެ މުރާދަކީ އާދަމްގެ ދަރިންނެވެ. އެހެންކަމުން، (مَا) ގެންނަވާފައި އެވަނީ (مَنْ) ގެ މާނާގައެވެ. ސަބަބަކީ (مَا) ބޭނުންކުރެވެނީ ބުއްދި ނުކުރާ އެއްޗިއްސަށް ކަމަށްވާތީވެއެވެ.
ބައެއް މުފައްސިރުން ވިދާޅުވާ ގޮތުގައި (وَوَالِدٍ وَمَا وَلَدَ) ގެ މުރާދަކީ ކޮންމެ ބައްޕަ އަކާއި އޭނާ އަށް އުފަންވާ ދަރިންނެވެ. އެއީ އިންސާނުންކަމުގައިވީނަމަވެސް، ނުވަތަ ޖަނަވާރުން ކަމުގައިވީނަމަވެސް އެވެ. ސަބަބަކީ ބައްޕަ އާއި ދަރިންނަކީ މާތް ﷲ ގެ ކުޅަދުންވަތަކަމުގެ ހެކިތަކުގެ ތެރޭގައި ހިމެނޭ ކަމަކަށްވާތީވެއެވެ. ފެންތިއްކެއްގެ ޛަރީޢާއިން ދިރިހުރި އިންސާނަކު އުފެދޭތީވެއެވެ. ސޫރަތު ޔާސީންގެ 77 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (أَوَلَمْ يَرَ الْإِنسَانُ أَنَّا خَلَقْنَاهُ مِن نُّطْفَةٍ فَإِذَا هُوَ خَصِيمٌ مُّبِينٌ ﴿٧٧﴾ ) މާނައަކީ: “ ހަމަކަށަވަރުން، މަނިތިއްކަކުން ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވިކަން، އެ އިންސާނާއަށް ނޭނގެނީ ހެއްޔެވެ؟ ފަހެ، އެހާރުން އޭނާވަނީ ފާޅުވެ ބަޔާންވެގެންވާ ދެކޮޅުވެރިޔަކު ކަމުގައެވެ.“
ޖަނަވާރާއި އެނޫންވެސް ދިރޭތަކެތިވެސް ހަމައެފަދައެވެ. ދުނިޔެއަށް އުފަންވަނީ ކުޑަކުޑަކޮށެވެ. އެއަށްފަހު ﷲ އިރާދަކުރެއްވި މިންވަރަކަށް އެތަކެތި ބޮޑެތިވެއެވެ.
(لَقَدْ خَلَقْنَا الْإِنسَانَ فِي كَبَدٍ ﴿٤﴾)
(لَقَدْ) މިތަނުގައި ”ލާމް“ ގެންނަވާފައިވަނީ ޖުމްލަ ވަރުގަދަ ކުރުމަށެވެ.
(قَدْ) ހަމަކަށަވަރުން، މި ކަލިމާގެ ބޭނުމަކީވެސް ޖުމްލަ ވަރުގަދަކޮށް ދިނުމެވެ.
( لَقَدْ خَلَقْنَا الْإِنسَانَ فِي كَبَدٍ ) މި ޖުމްލަ އަށް ތިންކަމަކުން ވަރުގަދަކަން ގެނެސްދެއްވާފައިވެއެވެ. އެއީ: ”ލާމް، ގަދް، އަދި ހުވާވަޙީ ކުރެއްވުމެވެ.“
(الْإِنسَانَ) ހުރިހާ އިންސާނުން،
(كَبَدٍ ) މިކަލިމާގައި ދެމާނައެއް ވެއެވެ. އެއީ:
- އަލްއިސްތިގާމާ، ނުވަތަ ސީދާ ކަމާއި ތެދުކަމެވެ. މާނައަކީ: ”ހަމަކަށަވަރުން ތިމަން ﷲ އިންސާނާ ހައްދަވާފައިވަނީ އެންމެ ފުރިހަމަ ގޮތުގައެވެ. ދެފައިމަތީގައި ހިނގޭ ގޮތަށެވެ. ބޯކޮޅު މައްޗަށެވެ. ރަގަޅު ހަށިގަނޑެކެވެ. ނަމަވެސް، ޖަނަވާރު ހައްދަވާފައިވަނީ ބޯކޮޅު ތިރިއަށްވާ ގޮތަށެވެ. އާދަމްގެ ދަރިންގެ ބޯވަނީ ހަށިގަނޑުގެ އެންމެ މައްޗަށްވާގޮތަށެވެ. ސޫރަތުއް ތީންގެ 4 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (لَقَدْ خَلَقْنَا الْإِنسَانَ فِي أَحْسَنِ تَقْوِيمٍ ﴿٤﴾) މާނައަކީ: ”ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، އެންމެ ރިވެތި صورة ގައި އިންސާނާ ހެއްދެވީމެވެ.“
- (كَبَدٍ ) ގެ މުރާދަކީ ދަތިއުނދަގޫ ޙާލަތު ކުރިމަތިވުމެވެ. ދުނިޔަވީ ކަންތައްތަކުގައި އިންސާނުންނަށް ތަފާތު އުނދަގޫތަކާއި ކުރިމަތިލާން ޖެހޭނެއެވެ. ރިޒްގު ހޯދުމުގައިވެސް ތަފާތު އުނދަގޫތައް ކުރިމަތިވާނެއެވެ. ހަމައެފަދައިން ﷲ އަށް ކިޔަމަންގަތުމުގެ މަތީގައި ދެމިހުރެ، ނަހީކުރެއްވިކަންތައްތަކުން ދުރުހެލިވުމަށްވެސް ތަފާތު އުނދަގޫތަކާއި ކުރިމަތިލާން ޖެހޭނެއެވެ. މިއީ ރިޒްގު ހޯދުމަށް މަސައްކަތްކުރާ އިރު ދިމާވާ ދަތިތަކަށްވުރެވެސް އުނދަގޫ ކަމެކެވެ. ޚާއްޞަގޮތެއްގައި އެމީހަކު ދިރިއުޅޭ މުޖްތަމަޢަކީ ދީނީކަންކަމަށް ޙުރުމަތްތެރިކޮށް ނުހިތާ މުޖްތަމަޢެއްނަމަ ދިމާވާ ދަތިއުނދަގޫތައް މާބޮޑުވާނެއެވެ.
މި ދެމާނަވެސް މިއާޔަތުން ނެގެއެވެ. އެގޮތަކީ ”ހަމަކަށަވަރުން ތިމަން ﷲ އިންސާނާ ހައްދަވާފައިވަނީ އެންމެ ފުރިހަމަ ޞިފާގައެވެ. އަދި ދަތިއުނދަގޫތަކާއި ކުރިމަތިލާންޖެހޭ ގޮތަށެވެ.“
(أَيَحْسَبُ أَن لَّن يَقْدِرَ عَلَيْهِ أَحَدٌ ﴿٥﴾) އިންސާނާ އަށް ބާރުލިބުމުން ހީކުރަނީ އޭނާގެ މައްޗަށް ބާރުގަދަވެވޭނެ އެހެން އެއްވެސް ފަރާތެއް ނެތްކަމަށެވެ. އޭނާ ބުނާކަހަލައެވެ. އަހަރެން ކުރާނެ ކަމެއް ކުރާނަމެވެ. އަހަރެންގެ މައްޗަށް ބާރުދެއްކޭނެ ހަމައެއްވެސް ފަރާތެއް ނުވެއެވެ. ޢާދު ބާގައިގެ މީހުންގެ ވާހަކަ ބަޔާން ކުރައްވަމުން ސޫރަތު ފުއްޞިލަތްގެ 15 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ( فَأَمَّا عَادٌ فَاسْتَكْبَرُوا فِي الْأَرْضِ بِغَيْرِ الْحَقِّ وَقَالُوا مَنْ أَشَدُّ مِنَّا قُوَّةً ۖ أَوَلَمْ يَرَوْا أَنَّ اللَّـهَ الَّذِي خَلَقَهُمْ هُوَ أَشَدُّ مِنْهُمْ قُوَّةً ۖ وَكَانُوا بِآيَاتِنَا يَجْحَدُونَ ﴿١٥﴾ ) މާނައަކީ: ”ފަހެ، عاد ބާގައިމީހުން ދަންނާށެވެ! އެއުރެން حق އަކާ ނުލައި ބިމުގައި ބޮޑާވެގަތޫއެވެ. އަދި އެއުރެން ބުނޫއެވެ. ތިމަންމެންނަށްވުރެ ބާރުގަދައީ ކާކުހެއްޔެވެ؟ އެއުރެން ހެއްދެވި اللَّه، އެއުރެންނަށްވުރެ ބާރުގަދަކަން އެއުރެންނަށް ނޭނގެނީހެއްޔެވެ؟ އަދި ތިމަންރަސްކަލާނގެ آية ތަކަށް ދެކޮޅުހަދާ ބަޔަކުކަމުގައި އެއުރެންވޫއެވެ.“
(يَقُولُ أَهْلَكْتُ مَالًا لُّبَدًا ﴿٦﴾)
( يَقُولُ ) އިންސާނާ އަށް ތަނަވަސްކަން ލިބި ބާރުލިބިފައިވާ ވަގުތުގައި ބުނެއެވެ.
(أَهْلَكْتُ مَالًا لُّبَدًا) ”ގިނަވެގެންވާ މުދާ ތިމަން خرد ކޮށް ނެތިކޮށްފީމެވެ.“ އެއީ އޭނާގެ މަޖާކުރުމުގައެވެ.
(أَيَحْسَبُ أَن لَّمْ يَرَهُ أَحَدٌ ﴿٧﴾ ) އޭނާ އަށް ދެއްވާފައިވާ މުދާ ބޭކާރުގޮތުގައި ޚަރަދުކުރާ ކަމާއި، ފައިދާ އެއް ނުކުރާ ކަންތަކުގައި ތަޅާ ބުރުވާކަން، ﷲ ބައްލަވާ ވޮޑިގެންވާކަން އޭނާ ހަނދާންނެތުނީ ހެއްޔެވެ؟ މިއީ، އިންސާނުންނަށް މުދަލާއި ތަނަވަސްކަން ދެއްވި ނަމަވެސް ހިތުހުރި ގޮތަކަށް ނޫޅުމަށް ދެވިފައިވާ އިންޛާރެކެވެ.
(أَلَمْ نَجْعَل لَّهُ عَيْنَيْنِ ﴿٨﴾ وَلِسَانًا وَشَفَتَيْنِ ﴿٩﴾ وَهَدَيْنَاهُ النَّجْدَيْنِ ﴿١٠﴾) “ ތިމަންރަސްކަލާނގެ އޭނާޔަށް، ދެލޮލާއި، ދުލަކާއި، ދެތުންފަތް ނުލައްވަން ހެއްޔެވެ؟ އަދި ދެމަގަށް ތިމަންރަސްކަލާނގެ އޭނާޔަށް މަގުދެއްކެވީމެވެ.“ މިއީ އިންސާނުންނަށް ދެއްވާފައިވާ އެންމެ އަގުބޮޑު ތިން ނިޢްމަތެވެ. އިންސާނާ އަށް ދެއްވާފައިވާ ދެލޮލުގެ ޛަރީޢާ އިން ތަކެތި ބެލުމުގެ ކުޅަދާނަކަން އޭނާ އަށް ދެއްވިއެވެ. އެދެލޮލުން ޙަރާމްތަކެއްޗަށް ބަލައިފިނަމަ އޭނާ ފާފަވެރިވެއެވެ. އަދި ހުއްދަތަންތަނަށް ބަލައިފިނަމަ ޘަވާބުލިބެއެވެ. ދުލުގެ ޛަރީޢާއިން ބަސްބުނެ އުޅެވެއެވެ. އަދި ދެތުންފަތުން ބަސްބުނުން ފަސޭހަކޮށްދެއެވެ. މިއީ ވަރަށް ބޮޑު ނިޢްމަތެކެވެ. ސަބަބަކީ ދުލާއި ދެތުންފަތުގެ ޛަރީޢާއިން އޭނާގެ ހިތުގައިވާ ވާހަކަތައް އެހެން މީހުންނާއި ހަމައަށް ތިލަކޮށްދެއެވެ. މިނިޢްމަތް ދެއްވާފައިވާ ނުވާނަމަ އޭނާގެ ހިތުގައިވާ ކަންތައްތައް އެހެން މީހުންނަށް ހާމާކޮށްދޭނެ ގޮތެއް ނޯންނާނެއެވެ. ފަހަރުގައި އިޝާރާތުން ބުނެދެވިދާނެއެވެ. ނަމަވެސް، އިޝާރާތުން ބުނެދިނުމަށް ބޮޑުތަކްލީފެއް އުފުއްލަން ޖެހެއެވެ. އަދި އިޝާރާތުން ބުނެދެވޭ މީހާ އަށް އެބުނާ އެއްޗެއް ވިސްނައިގަތުމުގައި ގިނަ އުނދަގޫތަކެއް ކުރިމަތިވެއެވެ. މިއިންވެސް ދޭހަވަނީ ﷲ ގެ ކުޅަދުންވަންތަކަމެވެ.
(وَهَدَيْنَاهُ النَّجْدَيْنِ) މިއާޔަތުގެ މާނަ ދެގޮތަކަށް ކުރެވެއެވެ.
- އޭނާ އަށް ހެޔޮމަގާއި ނުބައިމަގު އަންގަވައި ދެއްވީމެވެ.
- އޭނާގެ މަންމަގެ އުރަމަތީގައި އޭނާ އަށް ބޭނުންވާ ކާނާ ލައްވާފައިވާކަން އެންގެވީމެވެ. އުރަމައްޗަށް ”ނަޖްދައިން“ ކިޔިފައިވާ ސަބަބަކީ މެޔަށްވުރެ އުފުލިފައި ހުންނާތީވެއެވެ. ކުއްޖާ ދުނިޔެއަށް އުފަންވުމާއި އެކު ބުއްބުއިމަށްޓަކައި މަންމަގެ ދެއުރަމަތި ހޯދަން މަސައްކަތް ކުރެއެވެ. އެކުއްޖާގެ މަންމަގެ އުރަމަތީގައި އެކުއްޖާ އަށް ޓަކައި ތައްޔާރު ކުރައްވާފައިވާ ކިރު ހުންނާނެކަން ﷲ ވަނީ އެކުއްޖާ އަށް އަންގަވައިދެއްވާފައެވެ. އެހެންކަމުން، އިންސާނާ އެކައްޗެއްވެސް ނޭނގޭ ނިކަމެތި ޙާލުގައިވަނިކޮށްވެސް އޭނާ އަށް ބޭނުންވާނެހާ ކަންތައް ﷲ ވަނީ އޭނާ އަށް އަންގަވައި ދަސްކޮށްދެއްވާފައެވެ. މިއީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ މިންނަތާއި ފަޟްލުވަންތަކަމެވެ. މަންމަގެ ބަނޑުގައި އޮތް އިރުގައި ފޫޅުގެ ޛަރީޢާއިން ކާނާލިބޭނެ ގޮތް މެދުވެރިކޮށްދެއްވިއެވެ. އެނޫން ގޮތަކަށް ގަނޑުގައި އޮންނަ ދަރިފުޅަށް ކާނާ ލިބޭނެ ގޮތެއް ނޯންނާނެއެވެ. އެކުއްޖާ އަނގައިން ކައިބޮއި ހަދާނަމަ ކުޑަކަމުގޮސް އަދި ބޮޑުކަމު ދިޔުމަށް ބޭނުންވާނެއެވެ. ނަމަވެސް ފޫޅުގެ ޛަރީޢާއިން މަންމަގެ ލޭ ކުއްޖާ އާއި ހަމައަށް ވާޞިލުވެއެވެ. އަދި އެލޭތައް ކުއްޖާގެ ނާރުތަކުގެ ތެރޭ ދަތުރުކުރަން ފަށައެވެ. ﷲ ގެ އިޛްނަފުޅާއި އެކު ދުނިޔޭގެ އަލިކަން ދެކެންދެން އެގޮތުގައި އޭނާ ދެމިއޮވެއެވެ.



