
ސޫރަތުލް ބަލަދި (1)ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުއްލަޠީފު
(لَا أُقْسِمُ بِهَـٰذَا الْبَلَدِ ﴿١﴾
(لَا) ގެންނަވާފައިވަނީ ވާހަކަ ފެއްޓެވުމުގެ ގޮތުންނާއި ޔަގީންކޮށް ދެއްވުމުގެ ގޮތުންނެވެ.
މިއީ (لَا) ނާފިޔާ ނުވަތަ ނަފީކުރާ ”ލާ“ އެއް ނޫނެވެ. ސަބަބަކީ މިތަނުގައި ”ލާ“ގެ ބޭނުމަކީ ހުވާ ޘާބިތުކޮށްދެއްވުމެވެ. މާނައަކީ ”ތިމަން ﷲ މި ރަށް ގަންދެއްވާ ހުވާ ވަޙީ ކުރައްވަމެވެ.“
ބައެއް ފަހަރު (لَا) މީހުންގެ ސަމާލުކަން ހޯދުމަށް ނުވަތަ ވާހަކައިގެ ޔަގީންކަން ގެނެސްދިނުމަށްވެސް އާދެއެވެ.
(أُقْسِمُ) ހުވާކުރުން. ހުވާކުރުމުގެ މާނައަކީ އެއެއްޗެއް ގަންދީ ހުވާ ކުރާ އެއްޗެއްގެ މަތިވެރިކަމަށްޓަކައި އެބުނެދޭން އުޅޭ ވާހަކައެއް ޔަގީންކޮށްދިނުމެވެ.
އެއެއްޗެއް ގަންދީ ހުވާ ކުރެވޭ ކޮންމެ އެއްޗަކީ ހުވާކުރާ މީހާގެ ގާތުގައި މަތީ ދަރަޖައެއް ދެވިފައިވާ އެއްޗަކަށްވާންޖެހޭނެއެވެ. ބައެއް ފަހަރަށް އެއެއްޗެއް ގަންދީ ހުވާކުރެވޭ އެއްޗަކީ ޙަގީގަތުގައި އެއްވެސް އަގެއްނެތް އެއްޗަކަށްވެސް ވެދާނެއެވެ. މިޘާލަކަށް: ބުދަށް އަޅުކަންކުރާ މީހުން ”ލާތަ އާއި ޢުއްޒާ“ ގަންދީ ހުވާކުރެއެވެ. ހަގީގަތުގައި ”ލާތަ އާއި ޢުއްޒާ“ އަކީ އެއްވެސް އަގެއް ނުވަތަ ބަރުދަނެއް ހުރި އެއްޗަކަށް ނުވީނަމަވެސް، އެބުދުތަކަށް އަޅުކަންކުރާ މީހުންގެ ހިތުގައި މަތީ ދަރަޖައެއް ދެވިފައިވާ އެއްޗެއް ކަމަށްވާތީވެ އެތަކެތި ގަންދީ އެބައިމީހުން ހުވާ ކުރަނީއެވެ.
ޢަރަބި ބަހުގައި ”ޙަލަފު، ގަސަމް، ޔަމީން“ މި ހުރިހާ ކަލިމަތަކަކީ ”ހުވާ“ ގެ މާނާގައި ބޭނުންކުރެވޭ ލަފްޡުތަކެވެ. ޢަރަބި ބަހުގައި ހުވާ ކުރުމަށް ބޭނުންކުރެވޭ އަކުރުތަކަކީ ”ބާ، ތާ، އަދި ވާވް“ އެވެ. މިއާޔަތުގައި ބޭނުން ކުރައްވާފައިވަނީ ( بِهَـٰذَا الْبَلَدِ ) ”ބާ“ އެވެ.
(بِهَـٰذَا الْبَلَدِ ) ”މިރަށް“، މުރާދަކީ ”މައްކާ“ އެވެ.
”މައްކާ“ ގަންދެއްވާ ހުވާ ވަޙީ ކުރައްވާފައިވަނީ އެރަށުގެ މަތިވެރިކަމާއި ޝަރަފަށްޓަކައެވެ. އެއީ އެންމެ މަތިވެރި، އެންމެ ބޮޑަށް ޙުރުމަތްތެރިވެގެންވާ ބިމެވެ. އަދި ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ބިމެވެ. އެސަބަބަށްޓަކައި އެބިމުން މިއުއްމަތުގެ ނަބިއްޔާ، އަދި ހުރިހާ ނަބީބޭކަލުންގެ ތެރެއިންވެސް އެންމެ މާތް އެންމެ މަތިވެރި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ފޮނުއްވިއެވެ.
”މައްކާ“ އަކީ ކިތަންމެ މަތިވެރި ކިތަންމެ މާތް ބިމެއް ކަމުގައިވީނަމަވެސް، ”މައްކާ“ ގަންދީ ހުވާ ކުރުމަކީ އަޅުގަޑުމެން މަޚްލޫގުންނަށް ހުއްދަވެގެންވާ ކަމެއް ނޫނެވެ. ސަބަބަކީ އެއީ މަޚްލޫގަކަށްވާތީވެއެވެ. އެއްވެސް މަޚްލޫގެއް ގަންދީ ހުވާ ކުރުމަކީ މަޚްލޫގުންނަށް ހުއްދަވެގެންވާ ކަމެއް ނޫނެވެ. މަޚްލޫގުން ހުވާކުރާނަމަ ކުރަންވާނީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ އިސްމުފުޅެއް ނުވަތަ ޞިފަފުޅެއް ގަންދެއްވައެވެ. އެއްވެސް މަޚްލޫގެއް ގަންދީ ހުވާ ކުރުން ހުއްދަވެގެން ނުވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ( مَنْ كَانَ حَالِفًا فَلْيَحْلِفْ بِاللَّهِ أَوْ لِيَصْمُتْ )[1] މާނައަކީ: ”ހުވާ ކުރާނަމަ ﷲ ގަންދީ ހުވާ ކުރާށެވެ. ނޫންނަމަ ހަނު ހުންނާށެވެ.“ އަދިވެސް ޙަދީޘް ކުރައްވާފައިވެއެވެ. (مَنْ حَلَفَ بِغَيْرِ اللَّهِ ، فَقَدْ كَفَرَ ، أَوْ أَشْرَكَ )[2] މާނައަކީ: ”ﷲ ފިޔަވާ އެހެން ފަރާތެއް ގަންދީ ހުވާކޮށްފިމީހާ ކާފިރުވެއްޖެކަން ކަށަވަރެވެ. ނުވަތަ އޭނާ ޝިރްކުކޮށްފި ކަން ކަށަވަރެވެ.“
ނަމަވެސް، ﷲ ސުބްޙާނަހޫ ވަތަޢާލާ އެކަލާންގެ އިރާދަކުރެއްވި ކޮންމެ އެއްޗެއް ގަންދެއްވާ ހުވާ ވަޙީ ކުރައްވައެވެ.
(وَأَنتَ حِلٌّ بِهَـٰذَا الْبَلَدِ ﴿٢﴾) ”ކަލޭގެފާނު މިރަށުގައި ހުންނަވާ ޙާލު މިރަށް ގަންދެއްވާ ހުވާ ވަޙީ ކުރައްވަމެވެ.“ ސަބަބަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެރަށުގައި ހުންނެވުމަކީ އެރަށުގެ ޝަރަފުގެ މައްޗަށް ޝަރަފުވެރިކަން އިތުރުވެގެންދާ ކަމެކެވެ.
ބައެއް މުފައްސިރުން ވިދާޅުވާ ގޮތުގައި މިއާޔަތުގެ މާނައަކީ ”ކަލޭގެފާނަށް މިރަށް ޙަލާލު ކުރެވޭ ވަގުތެއް އަންނާނެއެވެ. މައްކާ ފަތަޙަކުރެއްވި އަހަރުގައި މާތް ﷲ ވަނީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް މިރަށް ޙަލާލު ކުރައްވާފައެވެ. އެކަލޭގެފާނުގެ ކުރިން އަދި ފަހުންވެސް އެއްވެސް މީހަކަށް މިރަށް ޙަލާލެއް ނުކުރެވޭނެއެވެ. ”ޙަލާލު“ ކުރުމޭ ބުނެވޭ ބަހުގެ މާނައަކީ ހަނގުރާމަ ކުރުން ހުއްދަވުމެވެ. މައްކާގެ އަހްލުވެރިންނާއި ދެކޮޅަށް ހަނގުރާމަ ކުރުމަކީ އެއްވެސް ޙާލެއްގައި ކުރެވޭނެ ކަމެއް ނޫނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (إِنَّ مَكَّةَ حَرَّمَهَا اللَّهُ وَلَمْ يُحَرِّمْهَا النَّاسُ ، فَلا يَحِلُّ لامْرِئٍ يُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ أَنْ يَسْفِكَ بِهَا دَمًا وَلا يَعْضُدَ بِهَا شَجَرًا ، فَإِنْ تَرَخَّصَ أَحَدٌ لِقِتَالِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِيهَا ، فَقُولُوا لَهُ : إِنَّ اللَّهَ أَذِنَ لِرَسُولِهِ وَلَمْ يَأْذَنْ لَكُمْ ، وَإِنَّمَا أَذِنَ لِي فِيهَا سَاعَةً مِنْ نَهَارٍ وَقَدْ عَادَتْ حُرْمَتُهَا الْيَوْمَ كَحُرْمَتِهَا بِالأَمْسِ ، وَلْيُبَلِّغِ الشَّاهِدُ الْغَائِبَ ) މާނައަކީ: ”ހަމަކަށަވަރުން ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ މައްކާ ޙުރުމަތްތެރި ކުރައްވާފައެވެ. އެއީ އެއްވެސް މީހަކު ޙުރުމަތްތެރިކުރި ބިމެއް ނޫނެވެ. ﷲ އާއި އާޚިރަތްދުވަހަށް އީމާންވެގެންވާ އެއްވެސް މީހަކު އެބިމުގައި ލޭއޮހޮރުވުމާއި ގަސްކެނޑުން ހުއްދަވެގެން ނުވެއެވެ. އެއްވެސް މީހަކު މާތް ﷲ ގެ ރަސޫލާ އާއި ދެކޮޅަށް ހަނގުރާމަ ކުރަން ގަޞްދުކޮށްފިނަމަ، އެމީހަކު ގާތުގައި ބުނާށެވެ. ”ހަމަކަށަވަރުން، މާތްﷲ އެކަމުގެ އިޛްނަ އެކަލާންގެ ރަސޫލާ އަށް ދެއްވިއެވެ. ނަމަވެސް ތިޔަބައިމީހުންނަށް އެކަމުގެ އިޛްނަ ދެއްވާފައެއް ނުވެއެވެ. ތިމަންކަލޭގެފާނަށް އަކަމުގެ އިޛްނަ ދެއްވާފައިވަނީ ދުވާލުގެ ވަގުތުކޮޅަކަށެވެ. އެއަށްފަހު ކުރިންވެސް އެރަށް ޙުރުމަތްތެރިވީ ފަދައިން އެކަން އެނބުރި އަތުވެއްޖެއެވެ. (އެރަށް ޙުރުމަތްތެރިވެއްޖެއެވެ.) ތިޔަބައިމީހުންކުރެ މިތަނަށް ޙާޟިރުވެތިބި މީހުން ޙާޟިރުނުވާ މީހުންނަށް މިޚަބަރު ފޯރުކޮށްދޭށެވެ.“
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް މައްކާ ޙަލާލުކުރެވޭ ވަގުތު ގަންދެއްވާ ހުވާ ވަޙީ ކުރެއްވުމުގެ ބޭނުމަކީ އެވަގުތަކީ މައްކާގެ ޝަރަފުގެ މައްޗަށް ޝަރަފު އިތުރުވެގެންދާ ވަގުތަކަށްވާތީވެއެވެ. ސަބަބަކީ ބުދުތައް ތަޅާލެވި، މުޝްރިކުން ބަލިކުރެވި، މައްކާ ފަތަޙަކުރެވުނީތީވެއެވެ. އަދި މިރަށަކީ ކާފިރު ދައުލަތެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި އިސްލާމީ ދައުލަތަކަށް ބަދަލުވެގެން ދިޔުމެވެ. އެހެންކަމުން، މައްކާ އަށް އެންމެ ޝަރަފުވެރި ވަގުތަކީ އެރަށް ފަތަޙަކުރެވުނު ވަގުތެވެ.
ނުނިމޭ………..
[1] صحيح البخاري » كِتَاب الشَّهَادَاتِ » بَاب كَيْفَ يُسْتَحْلَفُ، رقم الحديث: 2495
[2] المستدرك على الصحيحين، رقم الحديث: 7880



