އުއްމު ސަލަމާ ރަޟިޔަﷲ ޢަންހާ

އެކަމަނާގެ ނަސަބުފުޅު:

ހިންދު ބިންތި އުމައްޔާ ބިން އަލްމުޣީރާ ބިން ޢަބްދިﷲ ބިން ޢުމަރު ބިން މަޚްޒޫމް އެވެ. ދުނިޔޭގެ އަލިކަން ދެނެވަޑައިގަތީ 598މ ގައެވެ. އެކަމަނާގެ ބައްޕާފުޅު މަޝްހޫރުވެ ވަޑައިގެންފައިވަނީ ގުރައިޝުންގެ ތެރޭގައި ހުންނެވި އެންމެ ދީލަތި އެއްބޭފުޅާގެ ގޮތުގައެވެ. މަންމާފުޅަކީ ޢާތިކާ ބިންތި ޢާމިރު ބިން ރަބީޢާ ބިން ޢަބްދިލް މުއްޠަލިބެވެ.

އިޝްތިހާރު Below Header ad

 

ކައިވެނި ބައްލަވައިގަތުމާއި ހިޖްރަ ކުރެއްވުން:

އެކަމަނާގެ ބޮޑުބޭބެގެ ދަރިފުޅު އަބޫސަލަމާ އާއި ކައިވެނި ބައްލަވައިގަތެވެ. އެއީ، ޢަބްދުﷲ ބިން ޢަބްދިލް އަސަދި ބިން ހިލާލި ބިން މަޚްޒޫމިލް ގުރަޝީ އެވެ. އެކަލޭގެފާނަކީ އިސްލާމްދީނަށް ޓަކައި ބޮޑެތި ގުރްބާނީތައް ވެވަޑައިގެންފައިވާ ޞަޙާބީ އެކެވެ. އެކަލޭގެފާނުގެ މަންމާފުޅަކީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބައްޕަ ފަރާތުގެ ބޮޑުދައިތަ އެކެވެ.

އުއްމު ސަލަމާ އެކަމަނާގެ ފިރިކަލުންނާއި އެކު ޙަބަޝާ އަށް ހިޖްރަ އަށް ވަޑައިގަތެވެ. މަދީނާ އަށް ހިޖްރަ ކުރެއްވުމުގެ އިޛްނަ ލިބިވަޑައިގަތުމާއި އެކު ބަނީ މަޚްޒޫމް ވަންހައިން އެންމެ ފުރަތަމަ ހިޖްރަ އަށް ވަޑައިގަތީ އެކަމަނާގެ ފިރިކަލުންނެވެ. ބައިޢަތުލް ޢަގަބާގެ އެއް އަހަރު ކުރިން ހިޖްރަ އަށް ވަޑައިގަތެވެ. އެދެކަނބަލުން ޙަބަޝާ އިން މައްކާ އަށް އައުމާއި އެކު ގުރައިޝުންގެ ދުއްތުރާތަކާއި ގޯނާތަކާއި ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ. އެހެންކަމުން، މަދީނާ އަށް ހިޖްރަ އަށް ވަޑައިގަތީއެވެ. ހިޖްރަ އަށް ވަޑައިގެންނެވި މަގުމަތީގައިވެސް ގުރައިޝުންގެ ގިނަގުނަ ދުއްތުރާތައް ތަޙައްމުލް ކުރަން ޖެހިވަޑައިގަތެވެ.

އަބޫ ސަލަމާ ވަނީ ބަދުރު ހަނގުރާމާގައި ބައިވެރިވެ ވަޑައިގެންފައެވެ. އަދި އުޙުދުގެ ދުވަހުގައި ބޮޑެތި ޒަޚަމްތަކާއި ކުރިމަތިވެ ވަޑައިގަތެވެ. އެކަލޭގެފާނު އަވަހާރަވީ ހިޖްރައިން ތިން ވަނަ އަހަރުގެ ޖިމާދުލް އާޚިރާ މަހުގައެވެ.

އުއްމު ސަލަމާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެން ވެއެވެ. އެއްދުވަހަކު އަބޫސަލަމާ ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ހުންނަވާފައި ވަޑައިގެން ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ތިމަން ކަލޭގެފާނު ވަރަށް އުފާވަ ކަހަލަ ވާހަކަ އެއް ޙަދީޘް ކުރައްވާތީ އަޑު އެއްސެވީމެވެ. “މުސްލިމަކަށް މުޞީބާތެއް ކުރިމަތިވެ، އެއާއި ވިދިގެން އަންނަނިވި ދުޢާ ކިޔައިފި މީހަކަށް އެކަމެއް ފުއްދަވައިދެއްވާނެއެވެ. (اللَّهُمَّ أْجُرْنِي فِي مُصِيبَتِي، وَاخْلُفْ لِي خَيْرًا مِنْهَا  ) މާނައަކީ: “ހައްދަވައިގެންގުޅުއްވާ އިލާހެވެ. މިއަޅާ އަށް ދިމާވެފައިވާ މުޞީބާތުން ސަލާމަތް ކުރައްވައިފާންދޭވެ. އަދި އެޔަށްވުރެ ހެޔޮ ރަގަޅު ގޮތެއް މިއަޅާ އަށް މެދުވެރި ކުރައްވާފާންދޭވެ.”

އުއްމު ސަލަމާ ވިދާޅުވިއެވެ. ތިމަންކަމަނާ އެޙަދީޘް ރަގަޅަށް ދަސްކުރީމެވެ.

އަބޫ ސަލަމާ އަވަހާރަ ވުމާއި އެކު ތިމަންކަމަނާ އެދުޢާ ކީމެވެ. އަދި ތިމަންކަމަނާގެ ހިތުގައި ސުވާލު އުފެދުނެވެ. “އަބޫ ސަލަމާ އަށް ވުރެ ރަގަޅު މީހަކު ތިމަންކަމަނާ އަށް ލިބިދާނެބާއެވެ؟” ތިމަންކަމަނާގެ ޢިއްދާ ހަމަވުމާއި އެކު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ތިމަންކަމަނާ އަށް ކައިވެނި ކުރުމަށް ހުށަހެޅުއްވިއެވެ. އެހިނދު ތިމަން ކަމަނާ ދެންނެވީމެވެ. ﷲ ގެ ރަސޫލާ އެވެ. ތިމަންކަމަނާ އަކި ޣީރަތްތެރިކަން ގަދަ އަންހެނަކީމެވެ. ކަލޭގެފާނާއި ކައިވެނި ކުރުމަށްފަހު ތިމަންކަމަނާގެ ޣީރަތްތެރިކަމުގެ ސަބަބުން ކުރެވޭ ކަމަކަށް މާތް ﷲ ޢަޛާބު ދެއްވަފާނެތީވެ ބިރުވެތި ވަމެވެ. އަދި ތިމަންކަމަނާ އަކި ޢުމުރުން ދުވަސްވެފައި ހުރި އަންހެނަކީމެވެ. ދަރިން ގިނަ މީހަކީމެވެ. އެހިނދު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. “ކަމަނާގެ ޣީރަތްތެރިކަން ﷲ ގެންދަވާ ހުއްޓެވެ. ކަމަނާ އަކީ ޢުމުރުން ދުވަސްވެފައިވާ ކަނބަލެއްނަމަ، ތިމަންކަލޭގެފާނަށްވެސް ވަނީ ހަމައެވަރަށް ޢުމުރުން ދުވަސްވެފައެވެ. ކަމަނާގެ ދަރިންނަކީ ތިމަންކަލޭގެފާނުގެ ވެސް ދަރިންނެވެ.” އުއްމު ސަލަމާ ވިދާޅުވިއެވެ. އެހިނދު ތިމަންކަމަނާ ކައިވެންޏަށް ރުހިއްޖައީމުއެވެ. ހަމަކަށަވަރުން، އަބޫސަލަމާގެ ބަދަލުގައި އެޔަށް ވުރެ ހެޔޮ ފިރިޔަކު ﷲ ތަޢާލާ މިވަނީ ތިމަންކަމަނާ އަށް ދެއްވާފައެވެ.

އުއްމުސަލަމާ އާއި ކައިވެނި ބައްލަވައިގަތް ޙިކްމަތް:

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އުއްމު ސަލަމާ އާއި ކައިވެނި ބައްލަވައިގަތީ އެކަމަނާ އަށް ހެޔޮކޮށް ހިއްތެވުމުގެ ބޭނުމުގައެވެ. އެކަމަނާ އާއި ފިރިކަލުން އިސްލާމްދީނަށް ޓަކައި ބޮޑެތި ގުރްބާނީތަކެއް ވެވަޑައިގެންފައިވީނަމަވެސް، އެކަމަނާގެ ފިރިކަލުން އަބޫސަލަމާ އަވަހާރަވުމަށް ފަހުގައި އަޅާލާނެ ފިރިޔަކު ނެތި، ޔަތީމު ހަތަރު ކުދިންނާއި އެކު ދުވަސްތަކެއް ހޭދަ ކުރެއްވިއެވެ. އެހެންކަމުން، އެކަމަނާ އަށް އެހީތެރިވާނެ ފިރިޔެއް ކަމުގައްޔާއި، ދަރިންނަށް އޯގާތެރިވާނެ ބައްޕަ އެއްގެ ގޮތުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަނާ އާއި ކައިވެނި ކުރެއްވީއެވެ.

އެކަމަނާގެ ބުއްދިވެރި ކަމާއި، އެކަމަނާ އާއި ގުޅިގެން ގުރްއާން ބާވާލެއްވުން.

ކީރިތި ގުރްއާންގެ ބައެއް އާޔަތްތައް ބާވާލެއްވުމުގެ ސީދާ ސަބަބެއް ކަމުގައި ވެފައިވަނީ އުއްމު ސަލަމާ އެވެ. މުޖާހިދުގެ ކިބައިން ރިވާވެގެން ވެއެވެ. އުއްމު ސަލަމާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. “ފިރިހެނުން ހަނގުރާމަ ކުރެއެވެ. އަހަރުމެން ހަނގުރާމަ އެއް ނުކުރަމެވެ. އަހަރުމެންނަށް ވާރުތަ މުދަލުން ލިބެނީވެސް ދެބައިކުޅަ އެއްބައެވެ. އެހިނދު ނިސާ ސޫރަތުގެ 32 ވަނަ އާޔަތާއި އަޙްޒާބް ސޫރަތުގެ 35 ވަނަ އާޔަތް ބާވާލެއްވުނެވެ.

އަދިވެސް ރިވާވެގެން ވެއެވެ. އުއްމު ސަލަމާ ރަޟިޔަﷲ ޢަންހާ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ދެންނެވިއެވެ. “އޭ ﷲ ގެ ރަސޫލާ އެވެ. ހިޖްރައިގެ ކަންތަކުގައި އަންހެނުންގެ ވާހަކަ ކީރިތި ގުރްއާނުގައި ޛިކުރު ކުރެވިގެން ވަނިކޮށް އަޑެއް ނާހަމެވެ.  އެހިނދު އާލުޢިމްރާންގެ 195 ވަނަ އާޔަތް ބާވާލެއްވިއެވެ. (فَاسْتَجَابَ لَهُمْ رَ‌بُّهُمْ أَنِّي لَا أُضِيعُ عَمَلَ عَامِلٍ مِّنكُم مِّن ذَكَرٍ‌ أَوْ أُنثَىٰ ۖ بَعْضُكُم مِّن بَعْضٍ ۖ فَالَّذِينَ هَاجَرُ‌وا وَأُخْرِ‌جُوا مِن دِيَارِ‌هِمْ وَأُوذُوا فِي سَبِيلِي وَقَاتَلُوا وَقُتِلُوا لَأُكَفِّرَ‌نَّ عَنْهُمْ سَيِّئَاتِهِمْ وَلَأُدْخِلَنَّهُمْ جَنَّاتٍ تَجْرِ‌ي مِن تَحْتِهَا الْأَنْهَارُ‌ ثَوَابًا مِّنْ عِندِ اللَّـهِ ۗ وَاللَّـهُ عِندَهُ حُسْنُ الثَّوَابِ   ) މާނައަކީ: ” ދެން، އެއުރެންގެ ވެރިރަސްކަލާނގެ، އެއުރެންގެ دعاء އިޖާބަ ކުރެއްވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ ތެރެއިން ފިރިހެނުންކުރެ ނުވަތަ އަންހެނުންކުރެ، عمل ކުރާ މީހެއްގެ عمل، ތިމަންރަސްކަލާނގެ ގެއްލެނި ނުކުރައްވާހުށީމެވެ. ތިޔަބައިމީހުންކުރެ އެއްބަޔަކުވަނީ އަނެއްބަޔެއްގެ ކިބައިންނެވެ. ފަހެ، އެއުރެން هجرة ކޮށް އެއުރެންގެ ގޮވަތިގެދޮރުން ނެރެވި، ތިމަންރަސްކަލާނގެ މަގުގައި އެއުރެންނަށް އުނދަގޫލިބި، ހަނގުރާމަކޮށް، އަދި قتل ވީ މީހުންގެ ކިބައިން އެއުރެންގެ ކުށްފާފަތައް ހަމަކަށަވަރުން ތިމަންރަސްކަލާނގެ ފުއްސަވާހުށީމެވެ. އަދި، އެތަންތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެން ވައްދަވާހުށީމެވެ. اللَّه ގެ حضرة ން ލިބޭ ثواب އެއްގެ ގޮތުގައެވެ. ރިވެތިވެގެންވާ ثواب ވަނީ اللَّه ގެ حضرة ގައެވެ.”

އަވަހާރަވުން:

އުއްމުލް މުއިމިނީނަ އުއްމު ސަލަމާ ރަޟިޔަﷲ ޢަންހާ ދުނިޔެ އާއި ވަކިވެވަޑައިގެންނެވީ ހިޖްރައިން 61 ވަނަ އާހަރުގައެވެ. އޭރު ޢުމުރުފުޅަކީ 90 އަހަރެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.