ބިސްމިން ( البسملة ) 1

ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް

އަރަބި ބަހުގައި “ބަސްމަލާ” ގެ މާނައަކީ بسم الله الرحمن الرحيم ކިއުމެވެ. ހަމަ އެގޮތަށް حسبنا الله ونعم الوكيل ކިޔުމަށް “ޙަސްބަލާ” މިލަފުޒު ބޭނުން ކުރެވެއެވެ. އަދި لا حول ولا قوة إلا بالله ކިޔުމަށް “ޙައުޤަލާ” މިލަފުޒު ބޭނުން ކުރެވެއެވެ. އަދިވެސް މިފަދައިން ބައިވަރު ލަފުޒުތައް ޢަރަބި ބަހުގައި ބޭނުން ކުރެވެއެވެ.

އިޝްތިހާރު Below Header ad

ރަނގަޅު ކޮންމެ ކަމެއް ފެށުމުގެ ކުރިން ބިސްމި ކިޔުމަކީ މުސްތަޙައްބު ވެގެންވާ ކަމެއްކަމަށް އަލްޙާފިޠް އިބްނު ކަޘީރު އެކަލޭގެފާނުގެ ތަފްސީރުގައި ވިދާޅުވެފައި ވެއެވެ.

ބިސްމީގައި މުޅިއެކު ﷲ سبحانه وتعالى ގެ 3 އިސްމުފުޅު ހިމެނިގެން ވެއެވެ. އެއީ ﷲ، الرحمن، الرحيم އެވެ.

– ފުރަތަމައީ ﷲ އެވެ. މި ނަންފުޅުގެ އަޞްލަކީ الإله އެވެ. އެއީ ޢާލަމްތަކުގެ ވެރި ރައްބަށް ޚާއްޞަ ވެގެންވާ ނަންފުޅެކެވެ. އެކަލާނގެ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އެނަން ބޭނުން ކުރުން ހުއްދަ ވެގެން ނުވެއެވެ.

އިބްނު ޢައްބާސް رضي الله عنهما ވިދާޅުވެފައިވެއެވެ.  الله ذو الألوهية، والعبودية على خلقه أجمعين “ﷲ އީ، އެފަރާތަކަށް އަޅުކަންކުރުން ހުރިހާ ޚަލްޤުތަކުންގެ މައްޗަށް ވާޖިބުވެގެންވާ އިލާހުވަންތަ ރަސްކަލާނގެއެވެ. “

– ދެވަނައީ الرحمنއެވެ. މިއީ ވެސް ﷲ سبحانه وتعالى އަށް ޚާއްޞަވެގެންވާ އިސްމުފުޅެކެވެ. މިއިސްމުފުޅަކީވެސް އަލްޚާލިޤް، އައްރާޒިޤް މިފަދަ އިސްމުފުޅުތައް ފަދައިން ﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ނިސްބަތްކޮށް ބޭނުން ނުކުރެވޭނެ އިސްމުފުޅެކެވެ. الرحمن އަކީ އެންމެހައި މަޚްލޫޤުންގެ މައްޗަށް އެފަރާތެއްގެ ރަޙްމަތް ތަނަވަސް ވެގެންވާ ފަރާތެވެ. އެއީ ހަމައެކަނި ﷲ عز وجل އެވެ.

– ތިންވަނައީ الرحيم އެވެ. މިއީވެސް ﷲ سبحانه وتعالى ގެ އިސްމު ފުޅެކެވެ. މި އިސްމު ފުޅު ނިސްބަތްވަނީ، އެކަލާނގެ އިރާދަ ކުރައްވާ އަޅަކަށް ލައްވާ ރަޙުމަތަށެވެ. އެއީ މުއުމިނުންނަށް އާޚިރަތް ދުވަހުން ﷲ سبحانه وتعالى ލައްވާ ޚާއްޞަ ރަޙްމަތެވެ. އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ. يُعَذِّبُ مَنْ يَشَاءُ وَيَرْحَمُ مَنْ يَشَاءُ وَإِلَيْهِ تُقْلَبُونَ ”އެކަލާނގެ އިރާދަކުރައްވާ އަޅަކަށް عذاب ދެއްވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ އަޅަކަށް رحمة ލައްވަތެވެ. އަދި ތިޔަބައިމީހުން (قيامة ދުވަހުން) އެނބުރިދާހުށީ އެކަލާނގެ حضرة އަށެވެ.” (سورة العنكبوت، الآية: 21) އަދިވެސް އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ. وَكَانَ بِالْمُؤْمِنِيْنَ رَحِيْمًا “އަދި مؤمن ންނަށް رحيم ވަންތަ ކަލަކު ކަމުގައި އެކަލާނގެ ވޮޑިގެންވެއެވެ.” (سورة الأحزاب، الآية: 34) މިނަން ﷲ ފިޔަވައި އެހެން ފަރާތްތަކަށް ވެސް ނިސްބަތް ކުރެވެއެވެ. އެގޮތުން އަޅުގަނޑުމެންގެ ނަބިއްޔާ މުޙައްމަދު  صلى الله عليه وسلم ސިފަ ކުރައްވަމުން ﷲ ވަޙީ ކުރައްވާފައި ވެއެވެ. بِالْمُؤْمِنِيْنَ رَءُوْفٌ رَّحِيْم “ مؤمن ންނަށް ނުހަނު އޯގާވެރި، رحم ހުރި ބޭކަލެކެވެ.” (سورة التوبة، الآية: 128)

الرحمن އަދި الرحيم މިދެނަންފުޅުވެސް ނެގިފައިވަނީ ރަޙްމަތުންނެވެ. އެކަމަކު الرحمن މި ނަންފުޅު الرحيم އަށްވުރެ ރަޙްމަތުގެ ގޮތުން މާ ތަނަވަސް ވެގެންވެއެވެ.

بسم الله ގެ ލަފްޒީ މާނައަކީ “ﷲގެ އިސްމުފުޅުން” މިއެވެ. ނަމަވެސް މުރާދަކީ “ﷲ ގެ އިސްމުފުޅުން އަހަރެން ފަށަމެވެ” މިއެވެ. އެބައި ވަނީ މަޙްޛޫފު ވެގެންނެވެ. ނުވަތަ ފޮރުވިފައެވެ.

ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، بسم الله ގެ ب އަކީ باء الإستعانة  އެވެ. الإستعانة އަކީ އެހީއާއި ވާތްގަށް އެދުމެވެ. އެއީ سورة الفاتحة ގައި އަޅުގަނޑުމެން ކިޔަވާ ފަދައިންނެވެ. إياك نعبد وإياك نستعين “އަޅަމެން އަޅުކަން ކުރަނީ އިނބަރަސްކަލާނގެ އަށެވެ. އަދި އަޅަމެން ވާގި އެދެނީވެސް އިނބަރަސްކަލާނގެ ޙަޟްރަތުންނެވެ.” އެހެންކަމުން بسم الله ގެ މާނައަކީ ﷲގެ އިސްމުފުޅުގެ ބަރަކާތުން ވާގިއެދިގެން (ފަށަމެވެ.)

ﷲ سبحانه وتعالى ގެ ކަލާމްފުޅު ކީރިތި ޤުރްއާންގެ ސޫރަތްތައް ފައްޓަވާފައިވަނީ ބިސްމިންނެވެ. އަދި ރަސޫލުﷲ صلى الله عليه وسلم ގެ ސިޓީ ފުޅުތައް ފައްޓަވަނީ ވެސް ބިސްމިންނެވެ. އެގޮތުން ބުޚާރީގެ كتاب بدء الوحي ގައި ރިވާ ކުރައްވާފައިވާ އަބޫ ސުފްޔާން ރަޟިޔަﷲ ޢަންހުގެ ޙަދީޘްގައި ރޯމަނުންގެ ވެރިޔާ ހިރަޤަލް އަށް ރަސޫލުﷲ صلى الله عليه وسلم  ފޮނުއްވި ސިޓީފުޅު ފައްޓަވާފައިވަނީ ބިސްމިންނެވެ. އެހެންކަމުން ކިޔެވުމާއި ލިޔުންތައް ބިސްމިން ފެއްޓުމަކީ ﷲއާއި އެކަލާނގެ ރަސޫލް صلى الله عليه وسلم ގެ ސުއްނަތަށް ތަބަޢަވުމުގެ ތެރެއިން ހިމެނިގެންދާނެ ކަމެކެކެވެ.

އެހެން ކަމުން ބިސްމީގެ ތަފްސީރީ މާނައަކީ، ދުނިޔޭގައި ހުރިހައި ޚަލްޤުތަކުން ޝާމިލް ވާގޮތުގައި ރަޙްމަތް ތަނަވަސްވެގެންވާ، އަދި މުއުމިނުންނަށް ޚާއްޞަގޮތެއްގައި ޤިޔާމަތްދުވަހުން ރަޙްމަތް ވާސިލް ކޮށްދެއްވާ، އެފަރާތަކަށް އަޅުކަން ކުރުން ހުރިހާ ޚަލްޤުތަކުންގެ މައްޗަށް  ވާޖިބުވެގެންވާ، އިލާހުވަންތަ ﷲ ގެ އިސްމުފުޅުގެ ބަރަކާތުން އެހީ އާއި މަދަދު އެދިގެން އަހަރެން ކިޔަވަން ފައްޓަމެވެ. ނުވަތަ ލިޔަން ފައްޓަމެވެ. ނުވަތަ ކަމެއް ކުރަން ފައްޓަމެވެ.

ގުރްއާން ކިޔަވަން ފެށުމުގެ ކުރިން ބިސްމި ކިޔުން:

ގުރްއާން ކިޔަވަން ފެށުމުގެ ކުރިން ވިސްމި ކިޔުމުގައި ހަތަރު ޙާލަތެއް ވެއެވެ. އެއީ:

  1. ތައުބާ ސޫރަތް ފިޔަވާ އެހެން ސޫރަތްތައް ފަށާއިރު ބިސްމި ކިޔުން. ނަމާދުގައި ވިޔަސް އަދި ނަމާދުން ބޭރުގައި ވިޔަސް ސޫރަތެއް ފަށާއިރު ބިސްމި ކިޔުން އެދެވިގެންވާ ކަމަށް ގިނަ ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ. ތައުބާ ސޫރަތް ފިޔަވާ އެހެން ސޫރަތެއް ފަށާއިރު ބިސްމި ނުކިޔައި ޚަތިމް ކޮށްފިނަމަ، އެޚަތިމް އަކީ އުނި އެއްޗެއް ކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ.
  2. ސޫރަތުގެ މެދުތެރެއިން ބިސްމި ކިޔުން. ޖުމްހޫރު ޢިލްމުވެރިންގެ ރައުޔަކީ ސޫރަތުގެ މެދުތެރެއިން ބިސްމި ކިޔުން އެންމެ ރަގަޅު ކަމަށެވެ. އަދި އިމާމް ޝާފިޢީ ރަޙިމަހުﷲ ގެ ރައުޔަކީ ސޫރަތުގެ މެދުތެރެއިން ވިޔަސް ބިސްމި ކިޔުން އެދެވިގެންވާ ކަމަށެވެ. އިމާމް ފައްރާއު ވިދާޅުވާ ގޮތުގައި ސޫރަތެއްގެ މެދުތެރެއިން ކިޔަވަން ފަށާއިއިރު އެއާޔަތުގައި ﷲ އަށް ރުޖޫޢަވާ ޟަމީރެއް އިނދެއްޖެނަމަ ބިސްމި ކިޔަން ޖެހޭނެކަމަށެވެ. ހަމައެކަނި އަޢޫޛު ކިޔައިގެން ފަށައިފިނަމަ، ލަޢްނަތްލެއްވި އިބްލީސް އަށް ޟަމީރު ހިނގައިދާނެ ކަމަށް ޓަކައެވެ. މިޘާލަކަށް ސޫރަތު ފުއްޞިލަތްގެ 47 ވަނަ އާޔަތް (إِلَيْهِ يُرَ‌دُّ عِلْمُ السَّاعَةِ ) މާނައަކީ: “قيامة ދުވަސް އައުމުގެ ވަގުތު ދެނެވޮޑިގަތުންވަނީ ހަމައެކަނި އެކަލާނގެއަށެވެ.”  ހަމައެފަފަދައިން ސޫރަތުލް އަންޢާމްގެ 141 ވަނަ އާޔަތް (وَهُوَ الَّذِي أَنشَأَ جَنَّاتٍ مَّعْرُ‌وشَاتٍ وَغَيْرَ‌ مَعْرُ‌وشَاتٍ وَالنَّخْلَ وَالزَّرْ‌عَ مُخْتَلِفًا أُكُلُهُ وَالزَّيْتُونَ وَالرُّ‌مَّانَ مُتَشَابِهًا وَغَيْرَ‌ مُتَشَابِهٍ ۚ كُلُوا مِن ثَمَرِ‌هِ إِذَا أَثْمَرَ‌ وَآتُوا حَقَّهُ يَوْمَ حَصَادِهِ ۖ وَلَا تُسْرِ‌فُوا ۚ إِنَّهُ لَا يُحِبُّ الْمُسْرِ‌فِينَ ﴿١٤١﴾) މާނައަކީ: “އެކަލާނގެއީ، ފެތުރޭ ވެޔޮތަކާއި، ވެޔޮަނޫން ގަސްތަކުގެ ބަގީޗާތަކާއި، އޭގެ މޭވާއާއި، އޮށްޓަރު ތަފާތުވެގެންވާ حال، ކަދުރުރުކާއި، ގޮވާމާއި، އެއްވައްތަރު ވެގެންވާ حال ގައްޔާއި، އެއްވައްތަރުވެގެން ނުވާ حال ގައި، ޒައިތޫންޏާއި، އަންނާރު އުފެއްދެވި ރަސްކަލާނގެއެވެ. އެ ގަސްތަކުން މޭވާ އަތުވެއްޖެނަމަ، އެ މޭވާއިން ތިޔަބައިމީހުން ކާށެވެ! އަދި ގޮވާންކަނޑާ ދުވަހަކުން، އޭގެ زكاة ދޭށެވެ! އަދި ތިޔަބައިމީހުން إسراف ނުކުރާށެވެ! އެހެނީ ހަމަކަށަވަރުން، إسراف ކުރާ މީހުންދެކެ އެކަލާނގެ ލޯބިވެވޮޑިގެނެއް ނުވެތެވެ.” މިފަދަ އާޔަތްތަކުން ކިޔަވަން ފަށާއިރު ހަމައެކަނި އަޢޫޛު ކިޔާފައި ފަށާނަމަ ލަޢްނަތްލެއްވި އިބްލީސް އަށް ޟަމީރު ހިނގައިދާނެ ކަމަށް ޓަކައި ބިސްމި ކިޔުމަށް އިމާމް އަލްފައްރާއު ވިދާޅުވެއެވެ.
  3. ތައުބާ ސޫރަތް ފެށުމުގެ ކުރިން ބިސްމި ކިޔުން. މިއީ މަކްރޫހަ ކަމެއްކަމުގައި ގާރީވެރިންނާއި ޢިލްމުވެރިން ވިދާޅުވޭ. އިމާމް އަޙްމަދު ރަޙިމަހުﷲ އާއި ސުވާލު ކުރެވުނެވެ. އަންފާލް ސޫރަތާއި ތައުބާ ސޫރަތާއި ދެމެދު ބައި ކުރުމަށް ޓަކައި ނުވަތަ ދެސޫރަތް ވަކި ކުރުމަށް ޓަކައި ދެސޫރަތް ދެމެދުގައި ބިސްމިﷲ ކިޔިދާނެތޯއެވެ؟ ޖަވާބުގައި ވިދާޅުވިއެވެ. ﷲ ގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަޞްޙާބުން އިޖްމާޢުވެލައްވާފައިވާ ގޮތަށް އުނި އިތުރު ކުރުމެއް ނެތި ކިޔެވުން އެއީ އެންމެ ރަގަޅު ގޮތެވެ.
  4. ތައުބާ ސޫރަތުގެ މެދުތެރެއިން ބިސްމި ކިޔުން. މި މައްސަލާގައި ގާރީވެރިން އިޚްތިލާފުވެލައްވާފައި ވެއެވެ. ގާރީވެރިންގެ އިމާމެއް ކަމުގައިވާ އަލްއިމާމް އައްސަޚާވީ ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. “ތައުބާ ސޫރަތުގެ މެދުތެރެއިން ކިޔަވަން ފަށާނަމަ ބިސްމި ކިޔުން ސުންނަތެއް ކަމާއި މެދުގައި ޚިލާފެއް ނެތެވެ. ތައުބާ ސޫރަތް ފެށޭތަނުގައި ބިސްމި ކިޔުމާއި މެދުތެރެއިން ކިޔުމާއި ތަފާތެވެ.” ނަމަވެސް އަލްޖުޢްބުރީ ރަޙިމަހުﷲ- މި ވާހަކަ އަށް ރައްދު ދެއްވާ ވިދާޅުވިއެވެ. “ތައުބާ ސޫރަތުގެ މެދުތެރެއިން ކިޔަވަން ފެށި ނަމަވެސް ބިސްމި ކިޔުމަކީ މަކްރޫހަ ވެގެންވާ ކަމެކެވެ. އަދި މިމައްސަލާގައި އެންމެ ރަގަޅު ގޮތަކީ ވެސް އެއީ އެވެ. އެހެނީ މިސޫރަތުގެ ފެށޭ ކޮޅުގައިވެސް ބިސްމި ނުވާ ސަބަބަކީ މި ސޫރަތަކީ ކަނޑީގެ މައްޗަށް ބާވާލެއްވުނު ސޫރަތަކަށް ވެފައި، މި ސޫރަތުގައި އެހެން ސޫރަތްތަކުގައި ނެތްވަރަށް މުނާފިގުންގެ ފަޟީޙަތުގެ ވާހަކަތައް ހުރުމުން، ސޫރަތުގެ ފެށޭކޮޅުގައި ނެތް އެއްޗެއް މެދުތެރެއިންވެސް ނެތުން މާ އައުލާކަން ބޮޑެވެ. (ބައްލަވާ: އަލްއާދާބުއް ޝަރްޢިއްޔާ ލިބްނިލް މުފްލިޙް 2/325، އަލްމައުސޫޢަތުލް ފިގްހިއްޔާ 13/253، އަލްފަތާވާ އަލްފިގްހިއްޔާ އަލްކުބްރާ 1/52.)

 ނަމާދުގައި ސޫރަތުލް ފާތިޙާ ކިޔަވާ ނިމި، އަނެއް ސޫރަތް ފަށާއިރު ބިސްމިﷲ ކިޔަން ޖެހޭނެތޯ؟ ސޫރަތެއްގެ މެދުތެރެއިން ކިޔެވުން ފަށާ ނަމަވެސް ބިސްމިﷲ ކިޔަން ޖެހޭނެތޯ؟

ޖަވާބު: އައްލަޖްނަތުއް ދާއިމާގެ ޢިލްމުވެރިން ވިދާޅުވިއެވެ.

“ނަމާދުގައި ސޫރަތުލް ފާތިޙާގެ ކުރިން އަދި އެހެނިހެން ސޫރަތްތައް (ތައުބާ ސޫރަތް ފިޔަވާ) ކިޔަވަން ފެށުމުގެ ކުރިން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބިސްމި ވިދާޅުވާ ކަމަށް ޘާބިތުވެއެވެ. ނަމާދުގެ ކޮންމެ ރަކްޢަތެއްގައިވެސް ސޫރަތުލް ފާތިޙާ ފެށުމުގެ ކުރިން ބިސްމި ކިޔުން މަޝްރޫޢު ވެގެން ވެއެވެ. އަދި ތައުބާ ސޫރަތް ފިޔަވާ އެހެން ކޮންމެ ސޫރަތެއް ފެށުމުގެ ކުރިން ބިސްމި ކިޔުންވެސް މަޝްރޫޢު ވެގެން ވެއެވެ. (ފަތާވާ އައްލަޖްނަތުއް ދާއިމާ 6/380.)

 ނަމާދުގައި ބިސްމި ކިޔަން ޖެހެނީ ބާރަށްތޯ ނުވަތަ ސިއްރުންތޯ؟

ޖަވާބު: ޝައްކެތް ނެތް ގޮތުގައި ނަމާދުގައި ބިސްމި ބާރަށް ކިޔުމަކީ ސުންނަތުން ޘާބިތުވާ ކަމެކެވެ. އެއީ ބިދްޢަ އެއް ނޫނެވެ. އަދި ޙަރާމް ކަމެއްވެސް ނޫނެވެ. ނަމަވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގިނައިން ކުރައްވާފައިވާ ގޮތަކީ ބިސްމި މަޑުން ވިދާޅުވުމެވެ.

عن أنس رضي الله عنه أَنَّ النَّبِيَّ صلى الله عليه وسلم وَأَبَا بَكْرٍ وَعُمَرَ رضى الله عنهما كَانُوا يَفْتَتِحُونَ الصَّلاَةَ بِـ ( الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ ) . رواه البخاري ( 743 ) . މާނައަކީ: މާތް ﷲ ރުއްސުންލެއްވި އަނަސް ބިން މާލިކްގެ ކިބައިން ރިވާވެގެން ވެއެވެ. “ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި އަބޫބަކުރު އަދި ޢުމަރު ރަޟިޔަﷲ ޢަންހުމް ނަމާދު ފައްޓަވަނީ އަލްޙަމްދު އިންނެވެ.”   މާނައަކީ ބިސްމި ވިދާޅުވާ އަޑު ނުއިވެއެވެ.

وعند أحمد ( 12868 ) ” وكانوا لا يجهرون ببسم الله الرحمن الرحيم ” . އިމާމް އަޙްމަދުގެ ރިވާޔަތުގައި ވެއެވެ. “އެބޭފުޅުން ބިސްމި ބާރަށް ވިދާޅު ނުވެއެވެ.”

މިއީ (ބިސްމި މަޑުން ކިޔުމަކީ) ޙަނަފީ އަދި ޙަންބަލީ މަޛްހަބުގެ ރައުޔެވެ. ނަމަވެސް އިމަމް ޝާފިޢީ ރަޙިމަހުﷲ ގެ ރައުޔަކީ ބިސްމި ބާރަށް ކިޔުމެވެ.

ބިސްމި ބާރަށް ކިޔުން އެއީ ސުންނަތް ގޮތް ކަމުގައި ވިދާޅުވާ ޢިލްމުވެރިންގެ ދަލީލަކީ: އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު މީސްތަކުންނާއިގެން އިމާމްވެ ނަމާދު ކުރައްވަމުން ބިސްމި ބާރަށް ވިދާޅުވެފައި ނަމާދު ނިމިވަޑައިގެން މީސްތަކުންގެ ގާތުގައި ވިދާޅުވިއެވެ. “ތިމަންކަލޭގެފާނު މި ނަމާދު ކުރީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަމާދު ކުރެއްވި ގޮތަށެވެ.”

މައްސަލާގެ ރާޖިޙް ގޮތް: ސޫރަތުލް ފާތިޙާ ފެށުމުގެ ކުރިން ބިސްމި ސިއްރުން ކިޔުން އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެންމެ ގިނައިން ކުރެއްވި ގޮތެވެ. ބައެއް ފަހަރަށް (މަދު ފަހަރެއްގައި) ބާރަށް ކިޔުއްވާފައިވާ ސަބަބަކީ އެއީވެސް ހުއްދަ ގޮތެއްކަން އުއްމަތަށް ބަޔާން ކޮށް ދެއްވުމެވެ.

ނުނިމޭ…………

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.