ސްކްރީން ޓައިމް ގިނަވުމުން ބަސްމޮށުންތެރިކަން ލަސްވޭ

ޅަފަތުގެ އުމުރުގައި އިލެކްޓްރޯނިކް ވަސީލަތްތަކާ ވަގުތު ހޭދަކުރުމާއި ބަސްމޮށުންތެރިކަން ލަސްވުމާ ގުޅުމެއްވާކަން ދިރާސާއަކުން ދައްކައިފި އެވެ.

ސެން ފްރެންސިސްކޯގައި މިހާރު ކުރިއަށްދާ ޕީޑިއަޓްރިކް އެކަޑެމިކް ސޮސައިޓީޒްގެ އަހަރީ ބައްދަލުވުމުގައި ހުށަހެޅި އާ ދިރާސާއަކުން ދައްކާގޮތުގައި ފޯނު ނުވަތަ ޓެބްލެޓް ފަދަ ވަސީލަތްތައް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިން ބަސްތައް އުފެއްދުމުގެ ގާބިލިއްޔަތު ލަސްވުމަށް މަގުފަހިވެދާނެ އެވެ.

މިއީ މޮބައިލް ވަސީލަތްތަކުގެ ސަބަބުން ކުޑަކުދިންގެ ބަސްމޮށުންތެރިކަމަށް ކުރާ އަސަރުތައް ދެނެގަތުމަށް ކުރެވުނު ފުރަތަމަ ފަރުދީ ދިރާސާ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިއާއެކު ގިނަ ބެލެނިވެރިންގެ ހިތުގައި އުފެދޭ ސުވާލަކީ ކުދިން މިފަދަ ވަސީލަތްތަކާއެކު ދުވާލަކު ކިހާ ވަގުތެއް ހޭދަކުރުން އެންމެ ރަނގަޅުތޯ ކުރެވޭ ސުވާލެވެ.

ނަމަވެސް މޮބައިލް ވަސީލަތްތަކަކީ އުނގެނުމަށް އެހީތެރިވެދޭ އެއްޗެއް ކަމަށް ދެކޭ ބެލެނިވެރިން އަދި އެ ވަސީލަތްތައް މުޅިން ދުރުކޮށްލާކަށް ނުޖެހެ އެވެ.

މިކަމުގައި ހުރި ނުރައްކާތަކާ ގުޅޭގޮތުން އެނގެންޖެހޭ މުހިންމު ކަންތައްތަކެއް އެބަހުއްޓެވެ.

ޝުއޫރުތައް ފާޅުކުރުން

މީޑިއާ ބޭނުންކުރުމާއި ކުޑަކުދިންގެ ހެދިބޮޑުވުމާ ހުރި ގުޅުން ދެނެގަތުމަށް ކުރާ ދިރާސާތަކަކީ ވަރަށް ދަތި ކަންކަމެވެ.

ސަބަބަކީ ބައެއް ކުދިން ގިނަ ވަގުތު އައިޕޭޑް ބޭނުންކުރުމަށާއި އަނެއްބައި ކުދިން އެކަމުން ދުރުހެލިކޮށްގެން ތަހުލީލުތައް ހެދުމަކީ ޑޮކްޓަރުންނަށް އަމަލީ ގޮތުން ކުރެވޭނެ ކަމަކަށް ނުވާތީ އެވެ.

އެހެންކަމުން ޓޮރޮންޓޯގެ ހޮސްޕިޓަލް ފޯ ސިކް ޗިލްޑްރަންގެ ޕީޑިއަޓްރިޝަން އަދި ސައިންސްވެރިޔާ ކެތަރިން ބާކެން މި ދިރާސާ ކުރިއަށް ގެންދިޔައީ ކުދިންގެ ހެދިބޮޑުވުން ބެލުމަށް ހަދާ އާންމު ޗެކަޕްތަކުގެ އެހީގަ އެވެ.

2011 އިން 2015 އަށް ކުރިއަށްދިޔަ މި ދިރާސާގައި ކުދިން ދުވާލު ސްމާޓްފޯނާއި ޓެބްލެޓް ފަދަ ވަސީލަތްތަކާ ވަގުތު ހޭދަކުރާ މިންވަރު ބެލެނިވެރިންގެ ފަރާތުން އޮޅުންފިލުވި އެވެ.

ހަމައެއާއެކު ”އިންފަންޓް ޓޮޑްލަރ ޗެކްލިސްޓް“ ބޭނުންކޮށްގެން ކުދިންގެ މުއާމަލާތް ކުރުމުގެ ހުނަރު ހުރި މިންވަރު ވަޒަންކުރި އެވެ.

މިއީ ބައްޔެއް ދެނެގަނެވޭ ފަދަ ފުރިހަމަ ޑައިގްނޯސިސްއެއް ނޫން ނަމަވެސް ކުއްޖާގެ ބަސްމޮށުންތެރިކަން ލަސްވުމުގެ ނުރައްކާ އޮތް މިންވަރު މީގެން ދެނެގަނެވެ އެވެ. މި ދިރާސާގައި 6 މަހާއި 24 މަހާ ދެމެދުގެ ގާތްގަނޑަކަށް 900 ކުދިން ބައިވެރިކުރި އެވެ.

ދިރާސާއިން ދެއްކި ގޮތުގައި 18 މަސް ފުރުނުއިރު އޭގެ ތެރެއިން 20 އިންސައްތަ ކުދިން ދުވާލަކު އެވްރެޖްކޮށް 28 މިނެޓު މިފަދަ ވަސީލަތްތަކާއެކު ހޭދަކުރެ އެވެ.

އަދި މި ވަސީލަތްތަކާއެކު ގިނަ ވަގުތު ހޭދަކުރާ ކުދިންގެ ކިބައިން ”އެކްސްޕްރެސިވް ސްޕީޗް“ ނުވަތަ ބަސްތަކާއި އަޑުތައް ބޭނުންކޮށްގެން މުއާމަލާތް ކުރުމުގެ ހުނަރު ލަސްވާކަން ފާހަގަކުރެވުނެވެ.

އިތުރަށް ހޭދަކުރާ ކޮންމެ 30 މިނެޓަކާއެކު ބަސްމޮށުންތެރިކަން ލަސްވުމުގެ ފުރުސަތު 49 އިންސައްތައަށް އިތުރުވެ އެވެ.

ނަމަވެސް އިޝާރާތުން ވާހަކަދެއްކުމާއި އިހުސާސްތައް ފާޅުކުރުމާއި މީހުންނަށް ބަލައިލުން ފަދަ މުއާމަލާތުގެ އެހެން ކަންކަމަށް މީގެ ސަބަބުން އަސަރެއް ނުކުރެ އެވެ.

ބާކެން ފާހަގަކުރެއްވި ގޮތުގައި މި ދިރާސާގެ ހޯދުންތަކުން މިކަމުގެ ސީދާ ސަބަބާއި ނަތީޖާ ކަށަވަރު ނުވި ނަމަވެސް މިއީ ކުއްޖާގެ މުސްތަގުބަލަށް އަސަރުކޮށްފާނެ ފަދަ މުހިންމު ކަމެކެވެ.

މި ދިރާސާގައި ބައިވެރިނުވާ ޔުނިވަރސިޓީ އޮފް މިޝިގަންގެ ޕީޑިއަޓްރިޝަން ޖެނީ ރަޑޭސްކީ ވިދާޅުވި ގޮތުގައި ކުދިންނަށް އެކުދިންގެ ޝުއޫރުތައް ފާޅުނުކުރެވޭ ނަމަ ވަރަށް ބޮޑަށް މާޔޫސްވެ އެވެ.

މީގެ ނަތީޖާއެއްގެ ގޮތުން ނޭދެވޭ އަމަލުތައް ހިންގުމާއި ސަމާލުކަން ހޯދުމަށްޓަކައި ހަށިގަނޑުގެ ހަރަކާތްތަކުން މުއާމަލާތް ކުރަން މަސައްކަތްކުރެ އެވެ.

ކުރު މުއްދަތެއްގައި މިފަދަ ލަސްވުންތަކުގެ ސަބަބުން ކުއްޖާއަށް ބަސްތައް ދެނެގަތުމަށާއި އިހުސާސްތައް ބަޔާންކުރަން އުނދަގޫވެ އެވެ.

ބައެއް ކުދިން ފަހުން މިކަންކަން ރަނގަޅު ކުރި ނަމަވެސް ދިގު މުއްދަތުގައި މިއީ ސްކޫލް ދައުރުގައި ކިޔުމާއި ލިޔުމުގެ ހުނަރަށް ހުރަސްއެޅޭ ކަމެކެވެ.

ވަސީލަތްތައް ބޭނުންކުރުމުގައި މުއާމަލާތް އިތުރުކުރުން

ރަޑޭސްކީ ވިދާޅުވި ގޮތުގައި މައްސަލައަކީ ވަސީލަތްތަކެއް ނޫނެވެ ނަމަވެސް އެ ވަސީލަތްތައް ބޭނުންކުރާ ގޮތެވެ.

ބެލެނިވެރިޔާއާއެކު އެއްޗެއް ބަލައި އެއީ އުނގެނުމުގެ ވަސީލަތެއްގެ ގޮތުގައި ބޭނުންކުރާ ނަމަ ކުދިންނަށް ބަސްތައް ދަސްވުމަށް މަގުފަހިވެ އެވެ.

ފޮތެއް ކިޔައިދޭ ފަދައިން ސްކްރީނުން ފެންނަ ތަކެތި ދުނިޔަވީ ކަންކަމާ ގުޅުވައިދިނުމަކީ މުހިންމު ކަމެކެވެ.

އަދި 24 މަސް ނުފުރޭ ކުދިންނަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ އުނގެނުމުގެ އެޕްތަކަށް ސަމާލުވާންޖެހެ އެވެ.

ސަބަބަކީ އެ އުމުރުގެ ކުދިންނަށް ސްކްރީނުން ފެންނަ 2D މަންޒަރުތައް ފުރިހަމައަށް ދެނެގަތުމުގެ ގާބިލިއްޔަތު ނުހުންނާތީ އެވެ.

ބާކެންގެ ދިރާސާއިން ދައްކާގޮތުގައި، ޢާއިލާގެ އާމްދަނީއަށް ނުވަތަ މަންމަގެ ތައުލީމީ ފެންވަރަށް ބެލުމެއް ނެތި ސްކްރީން ވަގުތު ގިނަވުމުން ބަސްމޮށުންތެރިކަން ލަސްވުމުގެ ފުރުސަތު އޮވެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޓެކްނޮލޮޖީ ކުރިއަރަމުންދާ ހަލުވިމިނާ އެއްވަރަށް ދިރާސާތައް ކުރިއަކަށްނުދެ އެވެ.

ކުދިން މައިތިރިކުރުމަށްޓަކައި ފޯނު ދިނުމުގެ ބަދަލުގައި އެއީ އާ ކަންތައްތައް ދަސްކޮށްދޭ ވަސީލަތެއްގެ ގޮތުގައި ބޭނުންކުރުން ބުއްދިވެރި އެވެ.

މިސާލަކަށް ވީޑިއޯ ކޯލް މެދުވެރިކޮށް އާއިލާގެ މީހުންނާ ވާހަކަދެއްކުން ފަދަ ކަންކަމެވެ. ބަސްމޮށުންތެރިކަން ކުރިއެރުވުމަށްޓަކައި އެންމެ ރަނގަޅު ގޮތަކީ އަދިވެސް ސީދާ އިންސާނީ މުއާމަލާތްތައް ކުރުމެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.