
ޖިިންސީ ގުޅުން ހިންގަނިކޮށް ހުވަފެން ފެނުމަކީ ކޮންކަހަލަ ކަމެއް؟
މިފަދަ ނޭދެވޭ ހުވަފެންތަކަކީ ޝައިޠާނާގެ ފަރާތުން އަންނަ ކަންކަމެވެ.
މުސްލިމަކަށް އޭނާ ނުރުހޭ ފަދަ ހުވަފެނެއް ފެނިއްޖެ ނަމަ، އޭނާގެ ވާތްފަރާތަށް ތިން ފަހަރު ކުޑަކޮށް ކުޅުޖަހާލައި (ފުމެލައި) އެ ހުވަފެނުގެ ނުބައިކަމުންނާއި ޝައިޠާނާގެ ކިބައިން ރައްކާތެރިކޮށްދެއްވުން އެދި ތިން ފަހަރު ދުޢާކުރަންވާނެ އެވެ. އަދި އޮތް ފަރާތް ނޫން އަނެއް ފަރާތަށް އެނބުރި އޮޮށޯންނަންވާނެ އެވެ.
އޭރުން އެ ހުވަފެނުގެ ސަބަބުން އެމީހަކަށް އެއްވެސް ގެއްލުމެއް ނުލިބޭނެ އެވެ. އަދި އެފަދަ ހުވަފެނުގެ ވާހަކަ އެއްވެސް މީހަކަށް ކިޔައިދީގެން ނުވާނެ އެވެ.
އެހެނީ ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވެ އެވެ. ”ހެޔޮ ހުވަފެނަކީ ﷲގެ ފަރާތުން އަންނަ އެއްޗެކެވެ. އަދި ނުބައި ހުވަފެނަކީ ޝައިޠާނާގެ ފަރާތުން އަންނަ އެއްޗެކެވެ. އެހެންކަމުން ތިޔަބައިމީހުންގެ ތެރެއިން މީހަކަށް ބިރުގަންނަ ފަދަ ނުބައި ހުވަފެނެއް ފެނިއްޖެ ނަމަ، އޭނާގެ ވާތްފަރާތަށް ކުޅުޖަހާލައި (ފުމެލައި)، އެކަމުގެ ނުބައިކަމުން ރައްކާތެރިކޮށްދެއްވުން އެދި ﷲގެ ހަޟްރަތުގައި ދަންނަވާށެވެ. އޭރުން އެ ހުވަފެނުގެ ސަބަބުން އެމީހަކަށް އެއްވެސް ގެއްލުމެއް ނުލިބޭނެއެވެ.“ (ބުޚާރީ: 3049).
އިސްލާމްދީނުގައި ޖިންސީ ގުޅުން ހިންގާ ފަދަ ހުވަފެން ފެނުން.
އަންހެނަކަށް ހުވަފެނުގައި މީހަކު އޭނާއާ އެކު ޖިންސީ ގުޅުން ހިންގާތަން ފެނުމަކީ ޠަބީޢީ ކަމެކެވެ. ފިިިރިހެނުންނަށް ފެންނަ ފަދައިން އަންހެނުންނަށް ވެސް ޖިންސީ ގުޅުމާ ގުޅޭ ހުވަފެން (އިޙްތިލާމްވުން) ފެނިދާނެ އެވެ. އިޙްތިލާމްވުމަކީ ނިދީގައި ޖިންސީ ޢަމަލުތަކެއް ކުރާ ކަމަށް ހީވުމެވެ.
ޙަދީޘެއްގައި ރިވާވެގެންވެއެވެ. އުއްމުލް މުއުމިނީން އުއްމު ސަލަމާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. އުއްމު ސުލައިމް ރަސޫލާ ﷺ ގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ. ”އޭ ﷲގެ ރަސޫލާއެވެ! ޙައްޤު ބަސް ވިދާޅުވުމަކަށް ﷲ ލަދުވެތިވެވޮޑެއް ނުގަނެއެވެ. އަންހެނަކަށް އިޙްތިލާމްވެއްޖެ ނަމަ، އޭނާ ހިނައިގަންނަން ޖެހޭނެތޯއެވެ؟“ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. ”އާނއެކެވެ. (އެފަދަ ކަމަކަށްފަހު) އޭނާއަށް ތެތްކަމެއް ފެނިއްޖެ ނަމައެވެ.“ (ބުޚާރީ: 127).
ޝައިޚް އަލްބައްސާމް ރަޙިމަހުﷲ ވިދާޅުވެފައިވަނީ، ”އިޙްތިލާމްވުން“ މި ލަފުޒުގެ މާނައަކީ ނިދާފައި އޮންނަ މީހަކަށް ފެންނަ ހުވަފެންތަކެވެ. އަދި މިތަނުގައި އޭގެ މުރާދަކީ ފިރިހެނުންނަށް ފެންނަ ފަދައިން، ޖިންސީ ގުޅުން ހިންގާ މަންޒަރުތައް އަންހެނުންނަށް ހުވަފެނުގައި ފެނުމެވެ.
އަންހެނަކަށް ހުވަފެނުގައި އެފަދަ ކަމެއް ފެނި، އޭގެ ސަބަބުން އެއްޗެއް (މަނީ) ބޭރުވެފައިވާ ނަމަ، އޭނާގެ މައްޗަށް ހިނައިގަތުން ވާޖިބުވާނެ އެވެ. ނަމަވެސް ހަމައެކަނި ހުވަފެނެއް ފެނިފައި، އެއްވެސް އެއްޗެއް ބޭރުވެފައި ނުވާ ނަމަ، ހިނައިގަންނާކަށް ނުޖެހޭނެ އެވެ.
އެހެނީ ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވަނީ ”އޭނާއަށް ތެތްކަމެއް ފެނިއްޖެ ނަމަ“ ކަމުގައިވާތީއެވެ. (ތައުޟީޙުލް އަޙްކާމް: 1/297).
والله أعلم



