
ރެހެންދި އެވޯޑަށް ހުޅުވާލައިފި
”ރެހެންދި އެވޯޑު“ އަށް ނަން ހުށަހެޅުމުގެ ފުރުޞަތު 2026 އޮކްޓޫބަރު 27 އިން ފެށިގެން 2026 ޑިސެންބަރު 10 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ނިޔަލަށް ހުޅުވާލާފައިފިއެވެ.
މިއ ީޤައުމީ ޚިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، ޤައުމީ ތަރައްޤީއަށާއި މުޖުތަމަޢު ބިނާ ކުރުމަށް އަންހެނުން އަދާކުރާ ދައުރުގެ އަގު ޤައުމީ ފެންވަރެއްގައި ވަޒަންކުރުމަށާއި، އަންހެނުންގެ ޙައްޤުތައް ރައްކާތެރިކޮށް، އަންހެނުން ބާރުވެރިކުރުމުގެ ގޮތުން ސިއްޙަތާއި، ޢާއިލާއާއި އިޖްތިމާޢީ އެހީއާ ބެހޭ ވުޒާރާއިން ދޭ އެވޯޑެކެވެ.
ރެހެންދި އެވޯޑަށް ނަން ހުށަހެޅޭނީ ދެ ކެޓަގަރީއަކުންނެވެ. (ހ) ވަކިވަކި އަންހެނުންނަށާއި ޖަމުޢިއްޔާ/ ޖަމާޢަތްތަކަށް އެވޯޑަށް ހުށަހެޅޭ ކެޓަގަރީ އަދި (ށ) އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން އެވޯޑަށް ހުށަހެޅޭ ކެޓެގަރީއެވެ. ވަކިވަކި އަންހެނުންނަށާއި ޖަމުޢިއްޔާ/ ޖަމާޢަތްތަކަށް އެވޯޑަށް ހުށަހެޅޭ ކެޓަގަރީގެ ދަށުން އަންހެނުންނާއި ޖަމުޢިއްޔާ ޖަމާޢަތްތަކުގެ ނަން 4 ދާއިރާއަކުން ހުށަހެޅޭނެއެވެ. އެ ދާއިރާތަކަކީ: (1) ލީޑަރޝިޕް އަދި ގަވަރނަންސް، (2) އިޤްތިޞާދީގޮތުން ބާރުވެރިކުރުވުން، (3) އިޖްތިމާޢީގޮތުން ބާރުވެރިކުރުވުން އަދި (4) އަންހެނުން ޢާންމުކޮށް ކޮށްނޫޅޭ މަސައްކަތްތައް ނުވަތަ ”ނޮން-ޓްރެޑިޝަނަލް ރޯލްސް“ އެވެ. އެވޯޑަށް ވަކިވަކި އަންހެނުންނާއި، ޖަމުޢިއްޔާ ޖަމާޢަތްތަކުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުން އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުޞަތާއި، އެހެން ފަރާތަކުން ނަން ހުށަހެޅުމުގެ (ނޮމިނޭޓް ކުރުމުގެ) ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން 2014 ވަނަ އަހަރުން ފެށިގެން، 2025 ވަނަ އަހަރާ ހަމައަށް ކޮންމެ އަހަރަކު ރެހެންދި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހެލްތު މިނިސްޓްރީން ހުޅުވާލައެވެ. އަދި މިހާތަނަށް ޖުމުލަ 77 ފަރާތަކަށް ރެހެންދި އެވޯޑު ވަނީ ލިބިފައެވެ. މި ފަރާތްތަކަކީ އެކިއެކި ދާއިރާތަކުން ކުރިއެރުން ހޯދައި، އެ ފަދަ ދާއިރާތަކަށް އަންހެނުން ނެރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާ ފަރާތްތަކެކެވެ. މީގެ ތެރޭގައި އަންހެނުންގެ އިތުރުން ޖަމުޢިއްޔާ ޖަމާޢަތްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި މުއައްސަސާތައް ވެސް ހިމެނެއެވެ. ވޭތުވެދިޔަ 13 އަހަރު ތެރޭގައި ރެހެންދި އެވޯޑު ދެމުން އަންނަ ދާއިރާތަކަށާއި، އެވޯޑު ދިނުމުގެ އުސޫލަށް މި ވުޒާރާއިން ވަނީ ބަދަލުތައް ގެނެސްފައިއެވެ. ކޮންމެ އަހަރަކުވެސް ރެހެންދި އެވޯޑަށް ގެނެވޭ ބަދަލުތަކަކީ މި އެވޯޑު އެންމެ ފުރިހަމަގޮތުގައި ގިނަ ފަރާތްތަކެއްގެ ބުރަ މަސައްކަތުގެ އަގު ވަޒަންކުރެވޭނެގޮތަކަށް ބައްޓަންކުރުމަށްޓަކައި ގެނެވޭ ބަދަލުތަކެކެވެ. އަދި މި އަހަރުން ފެށިގެން މި އެވޯޑު ކޮންމެ ދެ އަހަރަކުން އެއް އަހަރު ދޭ ގޮތަށް މި ވުޒާރާއިން ވަނީ ނިންމާފައެވެ.



