ޔޫއެފާ ޔޫރޮޕާ ލީގުގައި ރޭ ޒޯޔާ ލުހާންކްސް އާ ދެކޮޅަށް ކުޅުނު މެޗު މެންޗެސްޓާ ޔުނައިޓެޑު ކާމިޔާބުކޮށްފިއެވެ.
ރޭ ކުޅުނު މެޗުން ޒޯޔާ ލުހާންކްސް ގެ މައްޗަށް މެންޗެސްޓާ ޔުނައިޓެޑުން ކުރިހޯދާފައިވަނީ 0-1 ގެ ނަތީޖާއިންނެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއްފެނިގެންދިޔަނަމަވެސް މި މެޗުގެ ފުރަތަމަ ހާފް ނިމިގެން ގޮސްފައިވަނީ އެއްވެސް ޓީމަކަށް ގޯލެއް ނިޖެހިއެވެ.
ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު މެންޗެސްޓާ ޔުނައިޓެޑު އެޓީމުގެ ފުރަތަމަ ލަނޑު މެޗުގެ ހަމައެކަނި ފެނިގެންދިޔަ ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ 69 ވަނަ މިނެޓްގައި ރޫނީގެ އެހީތެރިކަމާއެކު ޒަލަޓާން އިބުރަހިމަވިޗްއެވެ. އިބްރަހިމޮވިޗް މި ގޯލް ކާމިޔާބުކުރީ، ޒޯޔާ ލުހާންކްސްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ، ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.
އޭގެ ފަހުން ޒޯޔާ ލުހާންސްކްގެ ފަރާތުން ކުޅުން އިތުރަށް ވަރުގަދަކުރިތަން ފެނިގެންދިޔައެވެ. އެގޮތުން އެޓީމުގެ ޕައުލީނިއޯ ވަނީ ޔުނައިޓެޑްގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. އެހެން ނަމަވެސް ޔުނައިޓެޑްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ޕައުލީނިއޯ ފޮނުވާލި މި ހަމަލާ ޔުނައިޓެޑްގެ ގޯލްކީޕަރު ރޮމޭރޯ ވަނީ ހުސިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
އެހެން ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އެޓީމަށް ވަނީ ނަތީޖާ ބަދަލުކޮށްނުލެވިފައެވެ.
ރޭގެ މި މޮޅާއެކީ ޔުނައިޓެޑް މިވަގުތު އޮތީ 3 ޕޮއިންޓާއެކު ގްރޫޕް އޭގެ ދެވަނައިގައެވެ. ގްރޫޕްގެ އެއްވަނައިގައި ހަތަރު ޕޮއިންޓާއެކީ އޮތީ ތުރުކީގެ ފެނަބާޗޭއެވެ. ގްރޫޕްގެ ތިންވަނައިގައި ތިން ޕޮއިންޓާއެކީ ނެދަލޭންޑްސްގެ ފޭނޫޑް އޮތްއިރު، އެއް ޕޮއިންޓާއެކީ ގްރޫޕްގެ ފުލުގައި އޮތީ ޒޯޔާ ލުހާންސްކްއެވެ.
މި ގްރޫޕްގައި ރޭ ކުޅުނު އަނެއް މެޗުގައި ފެނަބާޗޭއިން ވަނީ ފޭނޫޑްގެ މައްޗަށް 0-1 ގެ ނަތީޖާއަކުން ކުރި ހޯދާފައެވެ.