ސޫރަތުލް އިންޝިޤާޤް (2)

ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފު، 21 ނޮވެންބަރު 2016 އާގުޅޭ..

(فَأَمَّا مَنْ أُوتِيَ كِتَابَهُ بِيَمِينِهِ ﴿٧﴾  ) ކަނާއަތަށް ޢަމަލުތަކުގެ ފަތް ދެވުނު މީހާ

(فَسَوْفَ يُحَاسَبُ حِسَابًا يَسِيرًا ﴿٨﴾  ) އެމީހެއްގެ ޙިސާބު ލުއިކުރައްވާނެއެވެ. އެބައިމީހުންގެ ޙިސާބު ބެއްލެވޭ ގޮތް ބަޔާން ކުރައްވާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (يُدْنَى الْمُؤْمِنُ مِنْ رَبِّهِ يَوْمَ الْقِيَامَةِ حَتَّى يَضَعَ عَلَيْهِ كَنَفَهُ ثُمَّ يُقَرِّرُهُ بِذُنُوبِهِ ، فَيَقُولُ : “ هَلْ تَعْرِفُ “ ، فَيَقُولُ : يَا رَبِّ أَعْرِفُ ، حَتَّى إِذَا بَلَغَ مِنْهُ مَا شَاءَ اللَّهُ أَنْ يَبْلُغَ ، قَالَ : “ إِنِّي سَتَرْتُهَا عَلَيْكَ فِي الدُّنْيَا وَأَنَا أَغْفِرُهَا لَكَ الْيَوْمَ “ ، قَالَ : “ ثُمَّ يُعْطَى صَحِيفَةَ حَسَنَاتِهِ ، أَوْ كِتَابَهُ بِيَمِينِهِ “ ، قَالَ : “ وَأَمَّا الْكَافِرُ ، أَوِ الْمُنَافِقُ فَيُنَادَى عَلَى رُءُوسِ الْأَشْهَادِ “ ، قَالَ خَالِدٌ : فِي الْأَشْهَادِ شَيْءٌ مِنَ انْقِطَاعٍ هَؤُلاءِ الَّذِينَ كَذَبُوا عَلَى رَبِّهِمْ أَلا لَعْنَةُ اللَّهِ عَلَى الظَّالِمِينَ سورة هود آية 18  ) މާނައަކީ: ”މުއިމިނާ ގިޔާމަތް ދުވަހުގައި އޭނާގެ ރައްބާއި ގާތް ކުރެއްވޭނެއެވެ. އަދި ﷲ ތަޢާލާގެ ފިޔަފަތްފުޅު އޭނާގެ ގައިގާ އަޅުއްވާނެއެވެ. ދެން އޭނާގެ ފާފަތަކަށް އިޢްތިރާފްވާނެއެވެ. ﷲ ވަޙީ ކުރައްވާނެއެވެ. މިކަންތައް އެނގޭ ހެއްޔެވެ؟ އޭނާ ދަންނަވާނެއެވެ. ހައްދަވާ ގެންގުޅުއްވާ އިލާހެވެ. މިއަޅާ އަށް އެނގެއެވެ. އެގޮތަށް އޭނާކޮށްފައިވާ އެތައް ކަމެއްގެ ވާހަކަ އިން ސުވާލު ކުރެއްވުމުން އޭނާ އެކަމަށް އިޢްތިރާފްވާނެއެވެ. އެހިނދު ﷲ ވަޙީ ކުރައްވާނެއެވެ. ”ތިމަން ﷲ އެކަންތައްތައް ދުނިޔެމަތީގައި ވަންހަނާ ކޮށް ދެއްވީމެވެ. އަދި މިއަދު އެކަންތަކަށް ތިބާ އަށް މާފްކޮށް ދެއްވައިފީމެވެ.“ ދެން އޭނާގެ ޢަމަލުތަކުގެ ފަތް ކަނާއަތަށް ދެއްވޭނެއެވެ. ނަމަވެސް ކާފިރުންނާއި މުނާފިގުންނަށް ގޮވާލެއްވޭނެއެވެ. އަދި އެމީހުންނާއި ދެކޮޅަށް ހެކިބަސްދިން ފަރާތްތައް ބުނާނެއެވެ. ”އުރެންގެ ވެރިރަސްކަލާނގެއާމެދު ދޮގުހަދައިގެން އުޅުނު މީހުންނަކީ މިތިބީއެވެ. ދަންނާށެވެ! އަނިޔާވެރިންގެ މައްޗަށް اللَّه ގެ لعنة ހުށްޓެވެ.“

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

(وَيَنقَلِبُ إِلَىٰ أَهْلِهِ مَسْرُورًا ﴿٩﴾  ) ދެން އޭނާގެ އަހްލުވެރިންގެ ގާތަށް އުފަލުންހުރެ ދާނެއެވެ.

(وَأَمَّا مَنْ أُوتِيَ كِتَابَهُ وَرَاءَ ظَهْرِهِ ﴿١٠﴾   ) މިއީ އަބާއްޖަވެރިވީ މީހުންގެ ވާހަކައެވެ. އެމީހެއްގެ ޢަމަލުތަކުގެ ފަތް ލިބޭހުށީ ފުރަގަހުންނެވެ.  ސޫރަތުލް ޙާއްގާގެ 25 ވަނަ އާޔަތުގައިވާ ގޮތުން އެބައިމީހުންނަށް ޢަމަލުތަކުގެ ފަތް ލިބޭހުށީ ވާ އަތުންނެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَأَمَّا مَنْ أُوتِيَ كِتَابَهُ بِشِمَالِهِ   ) މާނައަކީ: ”އަދި އެމީހެއްގެ ފަތް، އެމީހެއްގެ ވާތަށް ލިބުނުމީހާ ދަންނާށެވެ!“

ބައެއް މުފައްސިރުން ވިދާޅުވާ ގޮތުގައި: ކަނާއަތުން ނޫން ގޮތަކަށް ޢަމަލުތަކުގެ ފަތް ލިބޭ މީހުން ދެބަޔަކަށް ބެހިގެންވެއެވެ. އެއީ ވާއަތަށް ފަތް ލިބޭބަޔަކާއި، ފުރަގަހުން ފަތް ލިބޭ ބަޔެކެވެ.

އެހެން ބައެއް މުފައްސިރުން ވިދާޅުވަނީ: އެބައިމީހުންނަށް ޢަމަލުތަކުގެ ފަތް ލިބެނީ ފުރަގަހުން ވާޢަތަށް ކަމަށެވެ. އެއީ އެބައިމީހުން ﷲ ގެ ފޮތަށް ފުރަގަސް ދިންކަމަށް އިޝާރާތް ކުރެއްވުމުގެ ގޮތުންނެވެ. އެބައިމީހުންނާއި ހަމައަށް ﷲ ގެ އާޔަތްތައް އައި ހިނދުގައި އެޔަށް ފުރަގަސްދީ ހެދުމުގެ ސަބަބުންނެވެ. އަދި އެފޮތާއި މެދުގައި އެއްވެސް ސަމާލުކަމެއް ނުދީ އުޅުމުގެ ސަބަބުން ގިޔާމަތް ދުވަހުގައި އެބައިމީހުންގެ ޢަމަލުތަކުގެ ފަތް ﷲ ދެއްވަނީ ވާއަތުން ފުރަގަހަށެވެ.

ބައެއް ރިވާޔަތްތަކުގައި އަންނަ ގޮތުން އެބައިމީހުންގެ ކަނާއަތް އޮންނާނީ ކަރާލާ ބަނދެލެވިފައެވެ. އަދި ވާއަތް އޮންނާނީ ފުރަގަސް ފަރާތަށެވެ. ދެން އެބައިމީހުންނަށް ޢަމަލުތަކުގެ ފަތް ދެއްވޭނީ ފުރަގަހުން ވާއަތަށެވެ.

(فَسَوْفَ يَدْعُو ثُبُورًا ﴿١١﴾   ) މާނައަކީ: އެބައިމީހުންގެ އަމިއްލަ ނަފްސު ހަލާކު ކުރެއްވުމަށް އެދި ގޮވާނެއެވެ. އެބައިމީހުންނަށް ދުނިޔެމަތީގައި އުޅެވުނު ގޮތާއި މެދު ދެރަވެ ހިތާމަކޮށް ރޮއި ހޭރޭނެއެވެ. ނަމަވެސް އެދުވަހަކުން ކުރާނެ ކަމެއް ނޯންނާނެއެވެ. އެދުވަހަކީ ޖަޒާ ދެއްވުމުގެ ދުވަހެވެ. ޢަމަލު ކުރުމުގެ ވަގުތަކީ ދުނިޔެ އެވެ.

(وَيَصْلَىٰ سَعِيرًا ﴿١٢﴾ ) އަނދައަނދާ ހުންނަ ޖަހަންނަމައިގެ ތެރޭގައި އޭނާ އަށް ޢަޛާބު ދެއްވޭނެއެވެ. އެތަނުގައި އޭނާ ދެމި ހުންނާނެއެވެ. ސަބަބަކީ އޭނާ އަކީ ޝިރްކު ކުރުންމަތީގައި މަރުވެފައިވާ މީހަކަށްވާތީވެއެވެ.

(إِنَّهُ كَانَ فِي أَهْلِهِ مَسْرُورًا ﴿١٣﴾  ) ”ހަމަކަށަވަރުން، އޭނާގެ أهل ވެރިންގެ ގާތުގައި އުފާވެރިވެގެންވާ މީހަކު ކަމުގައި (ދުނިޔޭގައި) އޭނާވިއެވެ.“  ނަމަވެސް، އެއީ ދާއިމީ އުފަލެއް ނޫނެވެ. ވަގުތީ އުފަލެކެވެ. އެހެންކަމުން މުއިމިންތަކުން ގިޔާމަތް ދުވަހުގައި ވެފައިތިބޭ އުފަލާއި، ކާފިރުން ދުނިޔެމަތީގައިވާ އުފަލުގެ ތަފާތަކީ މުއިމިނުންގެ އުފާވެރި ކަމަކީ މެދުކެނޑުމެއް ނެތް ދައިމީ އެއްޗެކެވެ. ނަމަވެސް، ކާފިރުންގެ އުފަލަކީ ވަގުތީ އެއްޗެކެވެ.

(إِنَّهُ ظَنَّ أَن لَّن يَحُورَ ﴿١٤﴾ ) އެމީހުން ހީކޮށްގެން ތިބީ މަރުވުމަށްފަހު ދިރުއްވާ، ﷲ ގެ ޙަޟްރަތަށް މަޙްޝަރު ނުކުރެއްވޭނެ ކަމަށެވެ. އެމީހުން ބުނަމުން ގެންދިޔަ ކަމަށް ސޫރަތު ޔާސީންގެ 78 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (مَن يُحْيِي الْعِظَامَ وَهِيَ رَمِيمٌ ﴿٧٨﴾  ) މާނައަކީ: ”ކަށިތައް ފީވެ، ހަލާކުވެފައިވަނިކޮށް، އެތަކެތި ދިރުއްވާނީ ކާކުހެއްޔެވެ؟ “

(بَلَىٰ إِنَّ رَبَّهُ كَانَ بِهِ بَصِيرًا ﴿١٥﴾  ) އެހެނަކުން ނޫނެވެ. އޭނާ ﷲ ގެ ޙަޟްރަތަށް އެނބުރި އަންނަން ޖެހޭނެއެވެ. އޭނާގެ ޢަމަލުތައް ﷲ ބައްލަވާ ވޮޑިގެންވެއެވެ. އަދި އޭނާގެ ޢަމަލުތަކާއި އެކަށީގެންވާ ޖަޒާ ﷲ ދެއްވާނެއެވެ.

(فَلَا أُقْسِمُ بِالشَّفَقِ ﴿١٦﴾  ) މިތަނުގައި މިވަނީ ހުވައެކެވެ. އިރު އޮއްސުމަށްފަހުގައި އަންނަ ރަތްވިލާ ގަންދެއްވާ ހުވާ ވަޙީ ކުރައްވާފައެވެ.

(لَا  ) އޮތުމުން އެއީ ނަފީ އެއް ކަމުގައި ބައެއް ފަރާތްތަކަށް ހީވެދާނެއެވެ. ނަމަވެސް، އެއީ ނަފީ އެއް ނޫނެވެ. އަދިކިއެއްތަ، އެއީ އިޘްބާތް އެކެވެ. މިތަނުގައި (لَا) ގެންނަވާފައިވަނީ ތަންބީހްގެ ބޭނުމުގައެވެ. މިފަދަ އެހެން މިޘާލުތައް ކީރިތި ގުރްއާނުގައި ވެއެވެ. (لَا أُقْسِمُ بِيَوْمِ الْقِيَامَةِ ﴿١﴾ وَلَا أُقْسِمُ بِالنَّفْسِ اللَّوَّامَةِ ﴿٢﴾  ) ސޫރަތުލް ގިޔާމާގެ 1 އަދި 2 (فَلَا أُقْسِمُ بِمَا تُبْصِرُونَ ﴿٣٨﴾   ) ސޫރަތުލް ޙާއްގާގެ 38، (فَلَا أُقْسِمُ بِرَبِّ الْمَشَارِقِ وَالْمَغَارِبِ إِنَّا لَقَادِرُونَ ﴿٤٠﴾  ) ސޫރަތުލް މަޢާރިޖްގެ 40.  މިހުރިހާ ތަނެއްގައިވެސް (لَا) ގެންނަވާފައިވަނީ ތަންބީހްގެ ބޭނުމުގައެވެ.

ފަހަރުގައި އުފެދިދާނެ ސުވާލެކެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާގެ ވަޙީގެ ބަސްފުޅަކީ ޙައްގުތެދު ކަމުގައިވާ އިރުގައިވެސް ހުވާ ވަޙީ ކުރެއްވުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ އަދި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅުތަކަކީވެސް ތެދު ޙަގީގަތް ކަމަށްވާއިރުގައި ހުވާ ކުރެއްވުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟

ޖަވާބަކީ: ހުވަޔަކީ ވާހަކައިގެ ޙަގީގަތް އިތުރަށް ޔަގީންކޮށްދޭ ކަމެކެވެ. ގުރްއާން ބާވާލެއްވިފައިވަނީ ޢަރަބި ބަހުންނެވެ. ވާހަކަ ދެއްކުމުގައި ހުވާކޮށް، ވާހަކަ އިތުރަށް ޔަގީންކޮށް ދިނުމަކީ ޢަރަބި ބަހުގެ އުސްލޫބެކެވެ. އެހެންކަމުން، ޢަރަބި ބަހުގައި ބޭނުން ކުރެވޭ އުސްލޫބުތައް ގުރްއާނުގައިވެސް ބޭނުން ކުރައްވަނީއެވެ.

(الشَّفَقِ ) އަކީ ރޭގަނޑު އިރުއޮއްސުމަށްފަހު ގައި ހުންނަ ރަތްވިލާތަކެވެ. މިރަތްވިލާތައް ފިލާ ދިޔުމާއި އެކު މަޣްރިބް ނަމާދުގެ ވަގުތު ނިމޭނެއެވެ. އަދި ޢިޝާގެ ވަގުތު ވަންނާނެއެވެ.

ނުނިމެ…..

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.