
ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރަން ބޭނުންވެގެން ފޯމް ހުށަހެޅި މީހުންގެ އަދަދު 500 އިން މައްޗަށް.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރަން ބޭނުންވެގެން ފޯމް ހުށަހެޅި މީހުންގެ އަދަދު 500 އިން މައްޗަށް އަރާފައިވާ ކަމަށް އެ ޕާޓީގެ ސެކެޓްރީ ޖެނަރަލް އަދި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.
ހަލީލް ވިދާލުވީ ރައީސް ޔާމީން ޕީޕީއެމް ހިންގެވުމާ ހަވާލުވެވަޑައިގެންނެވި ފަހުން ޕީޕީއެމާ ގުޅޭން ބޭނުންވާ މީހުން ވަރަށް ބޮޑުތަން އިތުރުވެފައިވާ ކަމަށާއި އަދި ކުރިޔައް އޮތްތަނުގައިވެސް ގިނަ އަދަދެއްގެ މެމްބަރުން ޕާޓީއާ ގުޅޭނެ ކަމަށް ބެލެވޭކަމަށެވެ.
އެގޮތުން މިހާރުވެސް 2500 އަށް ވުރެ ގިނަ އާ މެންބަރުން ޕީޕީއެމާ ގުޅިއްޖެ ކަމަށް ހަލީލް ވިދާޅުވިއެވެ.
ބްދުﷲ ހަލީލް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ފޯމް ހުށަހަޅަން ހުޅުވާލި ފުރުސަތުގައި އިއްޔެއާ ހަމަޔަށް ރާއްޖޭގެ އެކި ހިސާބުތަކުން 500 އެއްހާ މީހުން ފޯމް ހުށަހަޅާފައިވާ ކަމަށާއި އޭގެ ސަބަބުން ޕީޕީއެމްގެ ތެރޭގައި މި ފަހުން ދިމާވި މައްސަލައިގެ އަސަރު ޕާޓީއަށް މާބޮޑަށް ކޮށްފައިވާ ކަމަށް ގަބޫލްނުކުރެވޭ ކަމަށެވެ.
އެހެން ކަމުން މިކަމުން ދޭހަވަނީ ޕީޕީއެމްއަށް ލިބެމުންއަންނަ ތާއީދު ކުރިޔައް ވުރެވެސް އިތުރުވަމުން އަމަށެވެ.
ޕީޕީއެމްގެ ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ މިމަހުގެ 25 ވާ ހުކުރު ދުވަހުގައެވެ.
ހަލީލް މިމޭރުމުން ވާހަކަދައްކާފައިވާއިރު އެ ޕާޓީން ވަނީ މިއަދު އެޕާޓީގެ ޓިކެޓަށް އެދުމުގެ މުއްދަތު މިމަހުގެ 21 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައެވެ.
ޚަލީލް ވިދާޅުވީ މެންބަރުން ކުރިމަތިލާ ދާއިރާތަކުގެ އިތުރަށް މާލޭގައި ވެސް ކޮންމެ އަތޮޅަކަށް ވޯޓު ފޮއްޓެއް ބަހައްޓަން ޕީޕީއެމުން ނިންމާފައިވާ ކަމަށާއި ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ފަސޭހައަށް މާ ލަސްތަކެއް ނުވެ ދާއިރާތަކުގެ ދަފްތަރު ވެސް އެފަރާތްތަކާ ހަވާލުކުރާނެ ކަމަށް ހަލީލް ވިދާޅުވިއެވެ.