ޚަބަރު ފީތާ

ރައީސުލްޖުމްހޫރިއްޔާ އޮނަރަރީ ކޮންސުލްސް ސްކޮލަރޝިޕް ޕްރޮގްރާމް އިފްތިތާޙް ކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އޮނަރަރީ ކޮންސުލްސް ސްކޮލަރޝިޕް ޕްރޮގްރާމް އިފްތިތާޙް ކޮށްދެއްވައިފިއެވެ. މި ޕްރޮގްރާމް އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ އިއްޔެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ގައެވެ.

މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއިން ބޭރުގައި ދިވެހި ރައްޔިތުންނަށް ކޮންސިއުލަރ ޚިދުމަތްތައް ފޯރުކޮށްދިނުމުގައާއި ރާއްޖޭގެ އިޤްތިޞާދީ އަދި ޘަޤާފީ މަޞްލަޙަތުތައް ކުރިއެރުވުމާއި އެ ޤައުމުތަކުގައި ރާއްޖެ އަދި ދިވެހިން ތަމްސީލުކުރުމުގައި އޮނަރަރީ ކޮންސުލްސް ތަކުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވާފައެވެ. އަދި ފެންވަރު ރަނގަޅު ތަޢުލީމަކީ، ރާއްޖޭގެ ޒުވާނުންގެ ބޮޑު އާބާދީ، އެމީހުންގެ މުސްތަޤްބަލަށް ދެކޭ ހުވަފެންތައް ޙަޤީޤަތަކަށް ހެދުމަށް ޓަކައި ކޮންމެހެން ބޭނުންވާކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސަރުކާރުން ރާއްޖޭގެ ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރުގެ ހިލޭ ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ޕްރްގްރާމުގެ ދަށުން 12،000 އަށްވުރެ ގިނަ ދަރިވަރުން އަންޑަރގްރެޖުއޭޓް ޕްރޮގްރާމްތަކުގައި ބައިވެރިވެފައިވާ ކަމާއި އަދި މިހާރު 2000 އަށްވުރެ ގިނަ ދަރިވަރުން ފުރަތަމަ ޑިގްރީ ޕްރޮގްރާމް ފުރިހަމަކޮށްފައިވާކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން މަތީ ތަޢުލީމުގެ ސްކޮލަރޝިޕްގެ އިތުރު ފުރުޞަތުތައް ފަހިކޮށްދެއްވުމަށް ސަރުކާރުން މަސައްކަތްކުރާނެކަމަށާއި އަދި 2023 ވަނަ އަހަރުގެ ނިޔަލަށް މަދުވެގެން 20،000 ދަރިވަރުންނަށް ހިލޭ މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދެވޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އޮނަރަރީ ކޮންސުލްސް ސްކޮލަރޝިޕް ޕްރޮގްރާމް ތަޢާރަފްކުރުމުގެ މަސައްކަތް 2019 ވަނަ އަހަރު ފަށާފައި ވަނީ މަތީ ތަޢުލީމު ހާސިލްކުރަން ބޭނުންވާ ހުރިހާ ދަރިވަރުންނަށް ހަމަހަމަ ފުރުޞަތު ތަކެއް ފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދާއި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަން އާއި ފޮރިން ސަރވިސްގެ އިސް އޮފިޝަލުންގެ އިތުރުން ވަރޗުއަލްކޮށް އޮނަރަރީ ކޮންސުލްސް ތަކުން ބައިވެރިވެވަޑައިގެންނެވިއެވެ.

އޮނަރަރީ ކޮންސުލްސް ސްކޮލަރޝިޕް ޕްރޮގްރާމްގެ ދަށުން 2022-2023 އަށް 44 ސްކޮލަރޝިޕް ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މި ފުރުޞަތުތަކަކީ ޖުމްލަ 7 އޮނަރަރީ ކޮންސުލްސް އެއްގެ އެހީތެރިކަމާއެކު ހުޅުވާލާފައިވާ ފުރުޞަތުތަކެކެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: