އިސްލާމީ ރިވެތި އަދަބު ތަކުގެ ތެރެއިން މެހްމާނުންނަށް ކަމޭ ހިތުން.

ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް.

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

މެހްމާނުންނަށް ކަމޭހިތާ، މެހްމާންދާރީ އަދާ ކުރުމަކީ އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ ކަމެކެވެ. އަލްއިމާމް ބުޚާރީ އާއި މުސްލިމް- ރަޙިމަހުމަﷲ- ރިވާ ކުރެއްވި ޙަދީޘެއްގައި ވެއެވެ. عَنْ أَبِي شُرَيْحٍ الْخُزاعِي رضي الله عنه قَالَ : سَمِعَتْ أُذُنَايَ وَأَبْصَرَتْ عَيْنَايَ حِينَ تَكَلَّمَ النَّبِيُّ صلى الله عليه وسلم فَقَالَ : (مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ فَلْيُكْرِمْ ضَيْفَهُ جَائِزَتَهُ) قَالَ : وَمَا جَائِزَتُهُ يَا رَسُولَ اللَّهِ ؟ قَالَ : ( يَوْمٌ وَلَيْلَةٌ ، وَالضِّيَافَةُ ثَلاَثَةُ أَيَّامٍ ، فَمَا كَانَ وَرَاءَ ذَلِكَ فَهْوَ صَدَقَةٌ عَلَيْهِ) މާނައަކީ: މާތް ﷲ ރުއްސުންލެއްވި އަބޫ ޝުރައިޙުލް ޚުޒާޢީ ރިވާ ކުރެއްވި ޙަދީޘެއްގައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވިދާޅުވާތީ ތިމަންކަލޭގެފާނުގެ ދެކަންފަތުން އަޑުއެހީމެވެ. އަދި ދެލޮލުން ދުށީމެވެ. “ﷲ އާއި އާޚިރަތް ދުވަހަށް އީމާންވާ މީހާ އޭނާގެ މެހްމާނަށް ކަމޭ ހިތާށެވެ. އޭނާގެ ޖާއިޒަތު ދޭހުށިކަމެވެ.” ޞަޙާބީން ދެންނެވިއެވެ. “އޭ ﷲ ގެ ރަސޫލާ އެވެ. ޖާއިޒަތަކީ ކޮބައިތޯ އެވެ؟” ޙަދީޘް ކުރެއްވިއެވެ. “ރެއަކާއި ދުވާލެކެވެ.” މެހްމާންދާރީގައި ވަނީ ތިންދުވަހެވެ. އެޔަށް ވުރެ އިތުރުވާ ބަޔަކީ ޞަދަގާތެކެވެ.”

އިޝްތިހާރު Below Header ad

އިމާމް މުސްލިމް- ރަޙިމަހުﷲ- ރިވާ ކުރެއްވި ރިވާޔަތެއްގައި ވެއެވެ. (الضِّيَافَةُ ثَلَاثَةُ أَيَّامٍ ، وَجَائِزَتُهُ يَوْمٌ وَلَيْلَةٌ) މާނައަކީ: “ޟިޔާފަތަކީ (މެހްމާންދާރީ އަކީ) ތިން ދުވަހެވެ. އޭގެ ތެރެއިން ޖާއިޒަތަކީ ރެއަކާއި ދުވާލެވެ.”

އިމާމް ޚައްޠާބީ- ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. “ޖާއިޒަތަކީ ރެއަކާއި ދުވާލޭ” އޮތް ބަސްފުޅުގެ މުރާދައި ބެހޭ ގޮތުން އިމާމް މާލިކް ރަޙިމަހުﷲ- އާއި ސުވާލު ކުރެވުމުން ޖަވާބުގައި ވިދާޅުވިއެވެ. “ހެޔޮކޮށް  ހިތުމާއި، ޚާއްޞަ ގޮތެއް ބެހެއްޓުމާއި، ބޮޑަށް އަޅާލުމަށް ރެއަކާއި ދުވާލެވެ. މުޅި މެހްމާންދާރީގެ މުއްދަތަކީ ތިން ދުވަހެވެ.”

އިމާމް ޚައްޠާބީ ރަޙިމަހުﷲ- ވިދާޅުވިއެވެ. “ފުރަތަމަ ދުވަހުގައި ޚާއްޞަ ގާތް ކަމެއް މެހްމާނުންނާއި ދޭތެރޭ ބެހެއްޓުމެވެ. ދެވަނަ އަދި ތިންވަނަ ދުވަހުގައި އެމީހެއްގެ އަތުގައި ހުރި އެއްޗަކުން ކާންދީ ހެދުމެވެ. ޢާދަވެގެން ކައި އުޅޭ އެއްޗަކަށް ވުރެ އިތުރު ނުކުރުމެވެ. ތިން ދުވަހަށް ވުރެ އިތުރު ވެއްޖެނަމަ އެއީ ޞަދަގާތެކެވެ.” (މަޢާލިމުއް ސުނަނި 4/238).

އިބްނުލް ގައްޔިމް- ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. “އެމީހެއްގެ ގާތަށް މެހްމާނަކު އަތުވެއްޖެނަމަ މެހްމާނަށް ޓަކައި ވާ ޙައްގުތަކެއްވެއެވެ. އެކަން ވަނީ ތިން ދަރަޖަ އަކަށެވެ. ވާޖިބު މިންވަރަކާއި، މުސްތަޙައްބު މިންވަރަކާއި، ޞަދަގާތުގެ ގޮތުގައި ދެވޭ މިންވަރެކެވެ. ވާޖިބު މިންވަރަކީ ރެއަކާއި ދުވާލެވެ. މިކަން ބަޔާން ކުރައްވާ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވެއެވެ. عَنْ أَبِي شُرَيْحٍ الْخُزاعِي رضي الله عنه قَالَ : سَمِعَتْ أُذُنَايَ وَأَبْصَرَتْ عَيْنَايَ حِينَ تَكَلَّمَ النَّبِيُّ صلى الله عليه وسلم فَقَالَ : (مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ فَلْيُكْرِمْ ضَيْفَهُ جَائِزَتَهُ) قَالَ : وَمَا جَائِزَتُهُ يَا رَسُولَ اللَّهِ ؟ قَالَ : ( يَوْمٌ وَلَيْلَةٌ ، وَالضِّيَافَةُ ثَلاَثَةُ أَيَّامٍ ، فَمَا كَانَ وَرَاءَ ذَلِكَ فَهْوَ صَدَقَةٌ عَلَيْهِ) މާނައަކީ: މާތް ﷲ ރުއްސުންލެއްވި އަބޫ ޝުރައިޙުލް ޚުޒާޢީ ރިވާ ކުރެއްވި ޙަދީޘެއްގައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވިދާޅުވާތީ ތިމަންކަލޭގެފާނުގެ ދެކަންފަތުން އަޑުއެހީމެވެ. އަދި ދެލޮލުން ދުށީމެވެ. “ﷲ އާއި އާޚިރަތް ދުވަހަށް އީމާންވާ މީހާ އޭނާގެ މެހްމާނަށް ކަމޭ ހިތާށެވެ. އޭނާގެ ޖާއިޒަތު ދޭހުށިކަމެވެ.” ޞަޙާބީން ދެންނެވިއެވެ. “އޭ ﷲ ގެ ރަސޫލާ އެވެ. ޖާއިޒަތަކީ ކޮބައިތޯ އެވެ؟” ޙަދީޘް ކުރެއްވިއެވެ. “ރެއަކާއި ދުވާލެކެވެ.” މެހްމާންދާރީގައި ވަނީ ތިންދުވަހެވެ. އެޔަށް ވުރެ އިތުރުވާ ބަޔަކީ ޞަދަގާތެކެވެ.”

(ޒާދުލް މަޢާދި 3/658).

އިބްނު ގުދާމާ- ރަޙިމަހުﷲ- ވިދާޅުވިއެވެ. “މެހްމާންދާރީ އަދާ ކުރުން ވާޖިބު ވެގެން ވަނީ ރެއަކާއި ދުވާލުގެ މިންވަރަށެވެ. ފުރިހަމަ މިންވަރަކީ ތިން ދުވަހެވެ. މިހެން ވިދާޅުވެ އިސްވެ ބަޔާން ކުރެވުނު ޙަދީޘް ޛިކްރު ކުރެއްވިއެވެ. (އަލްމުޣްނީ 11/91).

ހެޔޮކޮށް ހިތަންޖެހޭ އަދި އެމީހެއްގެ ޙައްގުތަކެއް އެކުލެވިގެންވާ މެހްމާނުންނަކީ ދަތުރެއް ކޮށްފައި އަންނަ މީހުންނެވެ. އެފަދަ މީހުންނަށް ކާންދީ ހެޔޮކޮށް ހިތުމަކީ ވާޖިބު ކަމެކެވެ. އަދި މެހްމާންދާރީ އަދާ ނުކޮށްފިނަމަ އެމީހެއްގެ އަތުން މެހްމާނުންގެ ޙައްގު އަތުލުމުގެ ބާރުވެސް މެހްމންމީހާ އަށް ލިބިގެން ވެއެވެ. ނަމަވެސް އެއް ރަށެއްގައި ދިރިއުޅޭ ޒިޔާރަތް ކުރާ މީހުންނަށް މި ޙުކުމް ނުވަންނާނެއެވެ. އެފަދަ މީހުންގެ ގާތުގައި “އެނބުރިދާށޭ” ވެސް ބުނެވިދާނެއެވެ. ސޫރަތުއް ނޫރުގެ 28 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. (وَإِن قِيلَ لَكُمُ ارْ‌جِعُوا فَارْ‌جِعُوا ۖ هُوَ أَزْكَىٰ لَكُمْ) މާނައަކީ: ” އަދި ތިޔަބައިމީހުން އެނބުރި ހިނގައިދާށޭ ތިޔަބައިމީހުންނަށް ބުނެވިއްޖެނަމަ، ފަހެ، ތިޔަބައިމީހުން އެނބުރި ހިނގައިދާށެވެ!”

އެއް ރަށެއްގައި ދިރިއުޅޭ މީހަކު ޒިޔާރަތް ކުރުމުން އެމީހަކަށް ކަމޭ ހިތުމަކީ މެހްމާން ދާރީގެ ތެރެއަށް ވަންނަ ކަމެއް ނޫނެވެ. ނަމަވެސް، އެކަމަކީ މީސްތަކުންނަށް އިޙްސާންތެރިވެ އުޅުމަށް ކުރައްވާފައިވާ އާއްމު އަމުރުފުޅު ތަކުގެ ތެރެއަށް ވަންނަ ކަމެކެވެ. ނަމަވެސް، މެހްމާނުންނަށް ލިބިގެންވާ ޙައްގު އެފަދަ މީހުންނަށް ލިބިގެން ނުވެއެވެ.

މެހްމާންދާރީ ވަނީ ދަތުރުވެރިންނަށް ކަމަށާއި، އެއީ ރަށުގައި މުގީމުވެ ތިބޭ މީހުންނަށް އޮންނަ ކަމެއް ނޫންކަން ދޭހަވާ އަނެއް ކަމަކީ ބައެއް ހަދީޘް ތަކުގައި އެކަން ޞަރީޙަ ބަހުން އައިސްފައިވާތީވެއެވެ. އެގޮތުން އިމާމް ބުޚާރީ އާއި މުސްލިމް- ރަޙިމަހުމަﷲ- ރިވާ ކުރައްވާފައިވަ އަންނަނިވި ޙަދީޘް ހިމެނެއެވެ. عن عُقْبَةَ بْنِ عَامِرٍ قال : قُلْنَا يَا رَسُولَ اللَّهِ : إنَّك تَبْعَثُنَا فَنَمُرُّ بِقَوْمٍ لَا يَقْرُونَنَا [أي لا يقدموا لنا حق الضيف] ، فَمَاذَا تَرَى ؟ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّم : (إِنْ أَمَرُوا لَكُمْ بِمَا يَنْبَغِي لِلضَّيْفِ فَاقْبَلُوا فَإِنْ لَمْ يَفْعَلُوا فَخُذُوا مِنْهُمْ حَقَّ الضَّيْفِ الَّذِي يَنْبَغِي لَهُمْ)މާނައަކީ: މާތް ﷲ ރުއްސުންލެއްވި ޢުގްބާ ބިން ޢާމިރު ގެ ކިބައިން ރިވާ ވެގެން ވެއެވެ. ތިމަންމެން ދެންނެވީމެވެ. އޭ ﷲ ގެ ރަސޫލާ އެވެ.   “ހަމަކަށަވަރުން ކަލޭގެފާނު ތިމަންމެން ތިޔަ ފޮނުއްވަނީ އަޅުގަޑުމެންނަށް މެހްމާންދާރީ އަދާ ނުކުރާ ރަށެއްގެ ބަޔެއްގެ ގާތަށެވެ. ވީމާ އަޅުގަޑުމެން ކަންކުރަންވީ ގޮތް ބުނެދެއްވާށެވެ.” ޙަދީޘް ކުރެއްވިއެވެ. “އެބައިމީހުން މެހްމާނުންނަށް އަދާ ކުރަންޖެހޭ ޙައްގުތައް ތިޔަބައިމީހުންނަށް އަދާކޮށްފިނަމަ އެކަން ގަބޫލު ކުރާ ހުށި ކަމެވެ. އަދި އެކަން އެގޮތަށް ނުކޮށްފިނަމަ އެމީހުންގެ މައްޗަށް ވާޖިބުވެގެންވާ މެހްމާނުންގެ ޙައްގު އަތުލާށެވެ.”

މެހްމާންދާރީގެ ޙުކުމާއި އެކަން ވާޖިބު ވެގެންވަނީ ކޮންބަޔެއްގެ މައްޗަށްކަން ބަޔާން ކުރައްވާ (އަލްމައުސޫޢަތުލް ފިގްހިއްޔާގެ 28/316-317) ގައި އައިސްފައި ވެއެވެ.

ޙަނަފީ، ޝާފިޢީ، މާލިކީ މަޛްހަބުގައި މެހްމާންދާރީ އަދާ ކުރުމަކީ ސުންނަތެކެވެ. އެކަމުގެ މުއްދަތަކީ ތިން ދުވަހެވެ. މިއީ އިމާމް އަޙްމަދު- ރަޙިމަހުﷲ- ގެ ކިބައިންވެސް ރިވާ ވެގެންވާ ރައުޔެކެވެ.

އިމާމް އަޙްމަހު- ރަޙިމަހުﷲ- ގެ ކިބައިން ރިވާ ވެގެންވާ އަނެއް ރިވާޔަތެއްގައި ވަނީ މިފަދައިންނެވެ. މެހްމާންދާރީ އަދާ ކުރުމަކީ ވާޖިބު ކަމެކެވެ. އަދި އެކަމުގެ މުއްދަތަކީ ރެއަކާއި ދުވާލެވެ. ފުރިހަމަ މިންވަރަކީ ތިން ދުވަހެވެ. މިއީ އައްލައިޘް ބިން ސަޢްދު- ރަޙިމަހުﷲ- ގެ ވެސް ރައުޔެވެ. والله أعلم.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.