”އަހަރެންގެ މަންމަ އަބަދުވެސް ގަބޫލުކުރަނީ އެހީތެރިވުމުގެ ބާރަށް“- މައިކަލް ޖޯޑަން

 މަންމަގެ ޝަރަފުގައި މައިކަލް ޖޯޑަން ޔޫ.އެން.ސީ އަށް 10 މިލިއަން ޑޮލަރު ހަދިޔާކޮށްފި އެވެ.

މައިކަލް ޖޯޑަން އޭނާގެ މަންމަގެ ޝަރަފުގައި ޔުނިވަރސިޓީ އޮފް ނޯތު ކެރޮލައިނާ ގެ ސްކޫލް އޮފް ސޯޝަލް ވޯކަށް 10 މިލިއަން ޑޮލަރު ހަދިޔާކޮށްފި އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި އެހީގެ ދަށުން އިޖުތިމާއީ މަސައްކަތްތެރިކަން ނުވަތަ ސޯޝަލް ވޯކް ކިޔަވާ ދަރިވަރުންނަށް ސްކޮލަރޝިޕް ފޯރުކޮށްދިނުމާއި ކުޑަކުދިންނާއި މުޖުތަމައުތަކަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމްތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ އެވެ.

އެން.ބީ.އޭ ގެ މަޝްހޫރު ލެޖެންޑް މައިކަލް ޖޯޑަން އަކީ ކޯޓުމަތީގައި ބަލިކުރަން އުނދަގޫ ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކުރެވުމުގެ އިތުރުން، މުޖުތަމައަށް އޭނާ ފޯރުކޮށްދޭ އެހީތެރިކަމަކީ ވެސް އެހާމެ ފާހަގަކޮށްލެވޭ ކަމެކެވެ.

މީގެ އަހަރުތަކެއް ކުރިން ނޮވަންޓް ހެލްތްކެއަރ އަށް ބޮޑު އެހީއެއް ދޭނެކަން އޭނާ ވަނީ އިއުލާނުކޮށްފަ އެވެ. އަދި މިހާރު މި ތަޖުރިބާކާރު ކުޅުންތެރިޔާ ވަނީ އޭނާގެ މަންމަ ޑެލޮރިސް ޖޯޑަންގެ ޝަރަފުގައި ޔުނިވަރސިޓީ އޮފް ނޯތު ކެރޮލައިނާއަށް ބޮޑު ހަދިޔާއެއްދީފަ އެވެ.

ޖޯޑަން ޔޫ.އެން.ސީ ގެ ސްކޫލް އޮފް ސޯޝަލް ވޯކަށް ހަދިޔާކުރި 10 މިލިއަން ޑޮލަރަކީ އެ ސްކޫލުގެ ތާރީޚުގައި ވެސް ދެވުނު އެންމެ ބޮޑު އެހީ އެވެ.

މި އެހީގެ ސަބަބުން އިޖުތިމާއީ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ދަރިވަރުންނަށް ބޮޑެތި ފުރުސަތުތަކެއް ފަހިވެގެންދާނެ އެވެ.

މި ހަދިޔާގެ ދަށުން އަލަށް އުފައްދާ ”ޖޯޑަން ފެމިލީ ސްކޮލާސް“ ޕްރޮގްރާމަށް ފަންޑު ކުރެވޭނެ އެވެ.

މި ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި މާސްޓަރ އޮފް ސޯޝަލް ވޯކް ކިޔަވާ 10 ދަރިވަރަކަށް ކޮންމެ ދަރިވަރަކަށް 12،500 ޑޮލަރުގެ ސްކޮލަރޝިޕް ދެވޭނެ އެވެ.

މި ނިންމުމާ ގުޅޭގޮތުން ދިން ބަޔާނެއްގައި ޖޯޑަން ބުނީ ”އަހަރެންގެ މަންމަ އަބަދުވެސް ގަބޫލުކުރަނީ ކުޑަކުދިންނަށާއި، އާއިލާތަކަށާއި، މުޖުތަމައަށް އެހީތެރިވުމުގެ ބާރަށް. އަދި އޭނާގެ މުޅި ހަޔާތް ހޭދަކުރީ އެ ގަބޫލުކުރުން އަމަލުން ދެއްކުމުގައި،“ ކަމަށެވެ.

އޭނާ އިތުރަށް އަސަރާއެކު ބުނެފައިވަނީ ”ނޯތު ކެރޮލައިނާ އަކީ އަބަދުވެސް އަހަރެންގެ އަމިއްލަ ވަޒަން،“ ކަމަށާއި، މި އެހީގެ ސަބަބުން އާއިލާތަކާއި މުޖުތަމައުތަކަށް އެހީތެރިވާނެ ގިނަ ދަރިވަރުންތަކެއް އުފެދިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

މީގެ ކުރިން 2017 ވަނަ އަހަރު ޖޯޑަންގެ 7 މިލިއަން ޑޮލަރުގެ އެހީއާއެކު އެ ސިޓީގެ އާއިލާތަކަށް ޚާއްސަކޮށްގެން ދެ ހެލްތް ކްލިނިކް ހުޅުވާނެކަން ނޮވަންޓް ހެލްތުން އިއުލާނުކުރި އެވެ.

މި ކްލިނިކްތަކުގެ މަގްސަދަކީ އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވެފައިވާ މުޖުތަމައުތަކަށް ޚިދުމަތް ދިނުމެވެ.

ނޮވަންޓް ހެލްތުން ރިޕޯޓްކޮށްފައިވާ ގޮތުގައި، 2023 ވަނަ އަހަރު އެކަނިވެސް އެ ދެ ކްލިނިކުން 9,000 އަށްވުރެ ގިނަ ފަހަރު ބަލިމީހުންނަށް ޚިދުމަތް ދީފައިވެ އެވެ. މިއީ މުޖުތަމައަށް އެހީވުމުގައި ޖޯޑަން ބަހައްޓާ ސާބިތުކަން ހާމަކޮށްދޭ ކަމެކެވެ.

ޖޯޑަންގެ މި އެހީއަކީ އޭނާގެ އެން.ބީ.އޭ ކެރިއަރު ފެށުމުގެ މާ ކުރިން ޔޫ.އެން.ސީ އާއެކު ފެށިފައިވާ ގުޅުމުގެ އިތުރު ބޮޅެކެވެ.

އޭނާ 1981 އިން 1984 އަށް ’ޓާ ހީލްސް‘ އަށް ކުޅުނުއިރު، 1982 ވަނަ އަހަރުގެ ނޭޝަނަލް ޗެމްޕިއަންޝިޕްގައި ޖޯޖްޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި މޮޅުވި ޝޮޓް ފޮނުވާލީވެސް އޭނާ އެވެ.

މީގެ އިތުރުން އޭނާގެ އާއިލާގެ ފަރާތުން 1996 ވަނަ އަހަރު ”ޖޯޑަން އިންސްޓިޓިއުޓް ފޯ ފެމިލީސް“ އުފެއްދި އެވެ.

މި އިންސްޓިޓިއުޓުން މާބަނޑު މީހުންގެ ސިއްހަތާއި، އަޅާލުމާއި، ނަފްސާނީ ދުޅަހެޔޮކަމާއި، ގޭގެއަށް ޒިޔާރަތްކޮށްގެން ހިންގާ ޕްރޮގްރާމްތަކުގެ އިތުރުން އިގްތިސާދީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރެ އެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ޖޯޑަން ވަނީ ބާސްކެޓްބޯޅަ ޕްރޮގްރާމްގެ ބޭރުން ވެސް އެ ޔުނިވަރސިޓީއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އަދި ޔޫ.އެން.ސީ އާއި ”ޖޯޑަން ބްރޭންޑް“ އާ ދެމެދު އޮންނަ ޕާޓްނަރޝިޕް ދެމެހެއްޓުމުގައި ވެސް އޭނާ މުހިންމު ދައުރެއް އަދާކުރެ އެވެ.

ޖޯޑަންއަށް މި 10 މިލިއަން ޑޮލަރުގެ އެހީއަކީ އަމިއްލަ ދިރިއުޅުމާ ގުޅިފައިވާ ވަރަށް ޚާއްސަ މާނައެއް އެކުލެވޭ ކަމެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.