
މިޞްރުގެ ރައީސް ސީސީ އެމަނުފާނުގެ ރިއާސީ ދައުރު 2030 ގައި ނިމޭނެކަން އިޢުލާންކުރައްވައިފި އެވެ.
މިޞްރުގެ މިލިޓަރީ އެކަޑަމީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ ޤައުމުގެ ޤާނޫނު އަސާސީއަށް އެއްވެސް ބަދަލެއް ނުގެންނަވާނެ ކަމަށެވެ.
މިޞްރުގެ ރައީސް ޢަބްދުލް ފައްތާޙް އަލް ސީސީ ވިދާޅުވީ އެމަނިކުފާނުގެ ރިޔާސީ ދައުރު 2030 ގައި ނިމުމަކަށް އަންނާނެ ކަމަށާއި މަޤާމުން ވަކިވެވަޑައިގަތުމާ ބެހޭ ކަންކަން މިހާރު އޮތީ ނިމިފައި ކަމަށެވެ. އަދި އެއީ އިތުރަށް ބަހުސް ކުރަންޖެހޭ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ޢުމުރުފުޅުން 71 އަހަރުގެ ސީސީ މިހާރު ފުރިހަމަކުރައްވަމުން ގެންދަވަނީ ހަ އަހަރުގެ ރިޔާސީ ދައުރެކެވެ.
މިލިޓަރީ އެކަޑަމީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ 2030 ވަނަ އަހަރަކީ ރިޔާސީ ދައުރުގެ ނިމުން ކަމަށާއި މިޞްރުގެ ދައުލަތުގެ މަސްއޫލިއްޔަތު އުފުލޭނެ ފަދަ ޤާބިލު ޖީލެއް ބިނާކުރުމަށްފަހު މެނުވީ މަޤާމުން ވަކިވެވަޑައިނުގަންނަވާނެ ކަމަށެވެ.
ރައީސް ސީސީ ވެރިކަމަށް ވަޑައިގަތީ 2013 ވަނަ އަހަރު މިޞްރުގެ ފުރަތަމަ ދިމިޤްރާޠީ ރައީސް މުޙައްމަދު މުރްސީގެ ވެރިކަން އަސްކަރީ ބަޣާވާތަކުން ވައްޓާލުމަށްފަހުގަ އެވެ.
އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުން ލަފާކުރާ ގޮތުގައި ސިޔާސީ ފިކުރުގެ ސަބަބުން 60,000 އަށްވުރެ ގިނަ މީހުން މިޞްރުގެ ޖަލުތަކުގައި ބަންދުކޮށްފައިވެ އެވެ.
މީގެ ތެރޭގައި 1,000 އަށްވުރެ ގިނަ އަންހެނުން ހިމެނެ އެވެ. މީގެ އިތުރުން ކުރީގެ ރައީސް މުރްސީ އާއި އިދިކޮޅު ސިޔާސީ އިސް ބޭފުޅުން ހިމެނޭހެން ގިނަ ބަޔަކު ޖަލުތަކުގެ ނޭދެވޭ ޙާލަތާއި ބޭސްފަރުވާއަށް އިހުމާލުވުމުގެ ސަބަބުން އަވަހާރަވެފައިވާ ކަމަށް އެ ޖަމާޢަތްތަކުން ބުނެ އެވެ.
ސީސީގެ މި ވާހަކަފުޅުތައް އައިސްފައިވަނީ ސަރަޙައްދީ މަސްލަޙަތު ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ.
މިދިޔަ ހަފުތާގައި މިޞްރުގެ ޚާރިޖީ ވަޒީރު ވަނީ ސަޢޫދީ ޢަރަބިއްޔާއާއި ޔަމަނުގެ ޙޫޘީންގެ މެދުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި ސަޢޫދީއަށް އެއްބާރުލުން ދޭނެކަން ހާމަކުރައްވާފަ އެވެ. އަދި ޚަލީޖުގެ ސަލާމަތަކީ މިޞްރުގެ ޤައުމީ ސަލާމަތާ ގުޅިފައިވާ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.
މީގެ އިތުރުން އަވަށްޓެރި ޤައުމުތަކާއެކު ހިނގާ އަސްކަރީ ކުރިމަތިލުންތަކުގައިވެސް މިޞްރު ބައިވެރިވަމުންދެ އެވެ.
އެގޮތުން ސޫދާނާއި މިޞްރުގެ ބޯޑަރުގައި ހުރި ރަނުގެ މައިނަކަށް މިޞްރުން ދިން ވައިގެ ޙަމަލާއެއްގައި ޢާންމުންގެ 72 މީހުން މަރުވެފައިވެ އެވެ.
މިޞްރުން ތާއީދުކުރަނީ ސޫދާނުގެ އަސްކަރިއްޔާއަށެވެ. އިތިއޯޕިއާއާއެކު އޮތް ގުޅުންވެސް ވަނީ ގޯސްވެފައެވެ.
ޚާއްޞަކޮށް ރަތްކަނޑުގެ ނުފޫޒާއި ’ގްރޭންޑް އިތިއޯޕިއަން ރެނެސަންސް ޑޭމް‘ އާ ގުޅޭގޮތުން ދެ ޤައުމުގެ މެދުގައި ބޮޑެތި ޚިޔާލުތަފާތުވުންތަކެއް ހުރި އިރު ދާދިފަހުން މިޞްރުން ވަނީ ސޫދާން، ސޯމާލިއާ އަދި އެރިތުރިއާގެ މަންދޫބުންނާއެކު އަސްކަރީ އަދި ޖާސޫސީ ގުޅުން ބަދަހިކުރުމާ ބެހޭ މަޝްވަރާތަކެއް ބާއްވާފަ އެވެ.



