
އިބްލީސް ހުއްޓައި އޭގެ ތެރެއިން ބަޔަކު މާތް ﷲ އަށް އީމާންވަނީ ކިހިނެއް؟
ޖިންނީންނަކީ އެއް ނަސްލެއްގެ ބަޔަކަށް ވީހިނދު، އިންސާނުންނަށް ވަސްވާސްދޭ ފަދައިން އެބައިމީހުންނަށްވެސް ވަސްވާސްދޭނެ ޝައިޠާނުން ތިބޭ ހެއްޔެވެ؟ އަދި އެބައިމީހުންގެ ބައްޕަ، ލަޢުނަތްލެއްވި އިބްލީސް ދުނިޔޭގައި ހުއްޓައި، އޭގެ ތެރެއިން ބަޔަކު މާތް ﷲ އަށް އީމާންވަނީ ކިހިނެއް ހެއްޔެވެ؟
އެހެން މުސްލިމުން ފަދައިން އެބައިމީހުންވެސް އިބްލީހުގެ ކިބައިން ރައްކާތެރިކަމަށް އެދި ދުޢާކޮށް، އެބައިމީހުންގެ އުޅޭތަންތަނުގައި ބަޤަރާ ސޫރަތް ކިޔަވައިހަދައި އުޅޭ ހެއްޔެވެ؟
ޖިންނީންނަކީ މާތް ﷲ ހެއްދެވި މަޚްލޫޤުންގެ ތެރެއިން ބައެކެވެ. އެބައިމީހުންނަކީ އިންސާނުން ފަދައިން މާތް ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންވުމަށާއި ނަހީކުރެއްވި ކަންތައްތަކުން ދުރުހެލިވުމަށް އަމުރުކުރައްވާފައިވާ، މަސްއޫލިއްޔަތު އުފުލަންޖެހޭ ބަޔެކެވެ. އޭގެ ތެރޭގައި މުއުމިނުންނާއި، ކާފިރުންނާއި އަދި ފާފަވެރިންވެސް އުޅެއެވެ.
ހެޔޮލަފާ މީހުންނަށް ސުވަރުގެ ހުރި އިރު، ނުބައިކަންތައް ކުރާ މީހުންނަށް އޮތީ ޢަޛާބެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ: ”ތިމަންރަސްކަލާނގެ އަށް އަޅުކަން ކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީން ނުއުފައްދަވަމެވެ.“ [އައްޛާރިޔާތު 56].
ޖިންނީންގެ ތެރެއިން ބަޔަކު ބުނި ބަސް މާތް ﷲ ކީރިތި ޤުރްއާނުގައި ބަޔާންކުރައްވާފައިވެ އެވެ.
”އަދި ހަމަކަށަވަރުން، އަހަރެމެންގެ ތެރޭގައި ހެޔޮލަފާ މީހުން އުޅެތެވެ. އަދި އަހަރެމެންގެ ތެރޭގައި އެ ނޫން މީހުންވެސް އުޅެތެވެ. އަހަރެމެންވީ ތަފާތު މަގުތަކަށް ބެހިގެންނެވެ.“ [އަލްޖިންނު 11].
ޖިންނީންގެ ދުނިޔެއަކީ ޣައިބުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މާތް ﷲ ގެ ފޮތުގައި ނުވަތަ ރަސޫލާ صلى الله عليه وسلم ގެ ސުންނަތުގައި ބަޔާންކުރައްވާފައިވާ މިންވަރަށް މެނުވީ އެބައިމީހުންގެ އެއްވެސް ޚަބަރެއް އަހަރެމެންނަށް އެނގިގެންނުވެ އެވެ.
ޝަރުޢީ ނައްޞުތަކުގައި ވާރިދުވެފައިވާ ކަންކަން މެނުވީ އެބައިމީހުންނާ ބެހޭގޮތުން އަހަރެމެންނަށް ނުދެއްކޭނެއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ.
”އަދި އެކަމަކާ ބެހޭގޮތުން ތިބާއަށް އެނގުމެއް ނުވާ ކަމަކަށް ތިބާ ނުއެދޭށެވެ! ހަމަކަށަވަރުން، އިވުމާއި، ފެނުމާއި، ހިތާއި، މިއިން ކޮންމެ ކަމަކީ އެއާމެދު ސުވާލު ކުރައްވާނޭ ކަމެއް ކަމުގައިވިއެވެ.“ [އަލްއިސްރާ 36].
ޝަރުޢީ ނައްޞުތަކުން އެނގެން އޮތް ގޮތުގައި އިންސާނުންނަށް ވަސްވާސްދީ މާތް ﷲ އަށް އުރެދުމަށް ގޮވާލާ އަދި ނުބައި ކަންތައްތަކަށް ބާރުއަޅާނެ ޖިންނީންގެ ތެރެއިންވާ ”ޤަރީނުން“ (އެކުވެރިން) އިންސާނުންނަށްޓަކައި ލައްވާފައިވެއެވެ. ނަމަވެސް ޖިންނީންނަށްޓަކައި އެފަދަ ޖިންނީންތަކެއް ވާކަމުގެ އެއްވެސް ދަލީލެއް ނެތެވެ.
މާތް ﷲ ވަޙީކުރައްވާފައިވެއެވެ:
”އަދި ތިމަންރަސްކަލާނގެ އެއުރެންނަށް (ނުބައި) އެކުވެރިންތަކެއް މިންވަރުކުރެއްވީމެވެ. ފަހެ، އެއުރެންގެ ކުރިމަތީގައިވާ ކަންތަކާއި (އެބަހީ: ދުނިޔޭގެ ޒީނަތްތެރިކަމާއި) އެއުރެންގެ ފަހަތުގައިވާ ކަންތައް (އެބަހީ: އާޚިރަތް ދޮގުކުރުން) އެ އެކުވެރިން އެއުރެންނަށް ޒީނަތްތެރިކޮށް ދެއްކިއެވެ. އަދި އެއުރެންގެ ކުރިން އިސްވެދިޔަ ޖިންނީންނާއި، އިންސީންގެ އުއްމަތްތަކުގެ މައްޗަށް ކަނޑައެޅިގެންވީ ޢަޛާބުގެ ބަސްފުޅު އެއުރެންގެ މައްޗަށް ޙައްޤުވިއެވެ. ހަމަކަށަވަރުން، އެއުރެންވީ ގެއްލަނިވިވެގެންވާ ބަޔަކު ކަމުގައެވެ.“ [ފުއްޞިލަތު 25].
މީގެ މާނައަކީ ޙައްޤު ދޮގުކުރި އަނިޔާވެރިންނަށް އެކުވެރިންގެ ގޮތުގައި ޝައިޠާނުންތަކެއް ތިމަންރަސްކަލާނގެ މިންވަރުކުރެއްވީ އެވެ.
އެހެން އާޔަތެއްގައި މާތް ﷲ ވަޙީކުރައްވާފައިވާ ފަދައިންނެވެ.
”ކާފިރުންގެ މައްޗަށް، އެއުރެންނަށް (ނުބައިކަންތަކަށް) ވަސްވާސްދީ، ބާރުއަޅާނޭ ޝައިޠާނުން ތިމަންރަސްކަލާނގެ ފޮނުއްވިތަން ތިބާ ނުދކެމު ހެއްޔެވެ؟“
[މަރްޔަމް 83]. އެބަހީ: އެބައިމީހުންނަށް ނުބައިކަންތައްތަކާއި ފާފަތައް ކުރުމަށް އެ ޝައިޠާނުން ހިތްވަރުދީ ބާރުއަޅައެވެ.



