ޚަބަރު ފީތާ

ކަމަދޫގައި ފެނާއި ނަރުދަމާ ގާއިމު ކުރުމަށް ހޮޅިއާއި އެހެނިހެން އެރަަށަށް ތަކެތި ގެންގޮސްފި

ބ. ކަމަދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތްތައް ކުރަމުން އަންނަކަމަށް އެމް.ޑަބްލިޔު.އެސް.ސީން ބުނެފި އެެވެ.

އެ ކުންފުނިން ބުނީ މިހާރު ކުރިޔަށްދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތްކުރުމުގެ މަސައްކަތްތައް ކަަމށެވެ. އަދި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި އެރަށަށް ގެންދެވިފައިވާ ކަމަށް ވެސް ބުންޏެވެ.

މި މަޝްރޫޢުގައި ހިމެނޭ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ކަމަދޫގައި 4.38 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމް ކުރުމާއި އާރ.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި 2 އާރ.އޯ ޕްލާންޓް ބެހެއްޓުން ހިމެނެ އެވެ. އަދި ފެން ރައްކާކުރުމަށްޓަކައި 3 ތާންގީ ބެހެއްޓުމާއި ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެ އެވެ.

މި މަޝްރޫޢުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ކަމަދޫގައި 3.88 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ޤާއިމްކުރުމާއި، 474 މީޓަރގެ ޕަންޕިން ލައިން އެޅުމާއި، ނަރުދަމާގެ އިދާރީ ބިލްޑިންގ އިމާރާތް ކުރުން ވެސް ހިމެނެ އެވެ. އަދި 2 ޕަންޕިންގ ސްޓޭޝަނާއި އަދި ސީ އައުޓް ފޯލްއެއް ޤާއިމްކުރުން ވެސް ހިމެނެއެ ވެ.

މީގެ އިތުރުން ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވިގެން ދާ އިރު، ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

ކަމަދޫގެ ފެނާއި ނަރުދަމާގެ މަޝްރޫޢުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

56,662,399.46 މިލިއަން ދިވެހި ރުފިޔާގެ މި މަޝްރޫޢުގެ މުއްދަތަކީ 540 ދުވަހެވެ.

މިމަޝްރޫޢުގެ މަސައްކަތް ނިމުމުން ކަމަދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެ އެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: