
ޅެން: ދިދައިގެ ދުލުން
މިއީ ޝަހީދު ވެފައިވާ ފަލަސްތީނުގެ ތުއްތު ކުއްޖެއްގެ ގައިގާ އޮޅާލެވިފައިވާ އެ ޤައުމުގެ ޤައުމީ ދިދަ އެކުއްޖާއާ ކުރާ މުޚާތަބެވެ.
ނިތަށް އެރި ރޫތަކެއްގެ އަސަރު ވެޔޭ ނުފިލާ ހަޤީޤަތުގައި
ހިތަށް ކުރިއަސަރު ހާމަކުރަން ވަނީ ބޭނުން މި ޙާލަތުގައި
ތިއީ މުސްތަޤުބަލޭ ޤައުމެއްގެ ލޮބުވެތި ތުއްތު ތުއްތު ކުދިން
ތިއީ ވަޠަނުގެ ހިތޭ އެހެނަސް މިޔަދު ތިވަނީ ޝަހީދުވެފައި
މިދީނާ ފަސްގަނޑުގެ އަމަނާ އަމާންކަން ހޯދުމަށް އެދިތިބި
މިދީބުގެ ރޫޙު މިޔަދު ވަނީ ހިތާމައިގާ ކަފުން ލެވިފައި
ބިމަށް ނުލަފާ އަދުއްވުން ޙަމަލަދީ ލޭ އޮހޮރުވާއިރުވެސް
މި މަންޒަރުތައް ދެކެން ދުނިޔޭގެ ލޯތައް ވީ މަރާލެވިފައި
ލިބޭ ޝަރަފެއް ކަމަށް ދެކެމޭ މިހެން ވާޖިބު އަދާކުރުމީ
ލިބޭ ފަޚުރެއް މެޔޭ ޚިދުމަތް ކުރުން ޤައުމަށް މި ފުރުޞަތުގައި
އުފާކުރަމޭ ފަލަސްތީނަށް އުފަންވާ ފަހުގެ ތުއްތު ކުދިން
އުފާ، އުފަލުން އަމާން ވައިގާ މި ދިދަ ވިހުރާނެ ކަން އެނގިފައި