ޚަބަރު ފީތާ

ޅެން: މިކަން ކަމާ މެދު ވިސްނަމާ

އަނެކާގެ އުނިސިފަތައް ބަލާ ހޯދަން ހިނގުމަކީ ދެރަކަމެއް
އަނެކާ ފަޟީޙަތް ނުކުރުމަށް ވިސްނާލުމީ އެދެވޭކަމެއް

ބޭނުން ބަހެއް ބުނެ އިއްވަމުން ބޭނުން މަލާމާތެއް ކުރުން
ވޭނުން ބަޔަކު ރޮއްވާ ހެދުން މީ ހާދަހާ ހިތްދަތިކަމެއް

ފަލަޔަސް ދިގަސް ހުތުރަސް ކަޅަސް އަނެކާގެ ސިފަތައް ކިޔުމަކީ
ނަލަކޮށް ތިބާ ހެއްދެވި ފަރާތް ނުވެޔޭ ހަނދުމަ ހީވާކަމެއް

ޙައްޤޭ މަށަށް ވެސް ޤައުމުގައި ބޭނުން ގޮތެއްގައި ދިރިއުޅެން
ޙައްޤެއް މަގޭ ނޫނީ ނެތޭ ވިސްނުން މިއީ ދެރަވަރުކަމެއް

ބަންބަން ކިޔާ އަޑު ގޮއްވަމުން ގުންފައިން ހިނގާ ފޮނި ދައްކަމުން
ކަން ކަން ވެވޭކަން ހާމަކޮށް ގޮތް ދެއްކުމީ ލަދުވެތިކަމެއް

ވިސްނާލުމެއްނެތި އަނެކުނަށް ޢަމަލާ ބަހުން ހަމަލާ ދިނުން
ގިސްލާ ރުއިން މުޖުތަމަޢުގާ ގިނަވެއްޖެ މީ ބިރުހުރި ކަމެއް

އިންސާނަކަށް ވީތީ ތިމާ އެއްފަދަ އެހެން އިންސާނުނަށް
ދަންނާށެ ކުޑަވެސް ގެއްލުމެއް ދޭން ވިސްނުމީ ވެސް ގޯސްކަމެއް

Rate this post

12