ޚަބަރު ފީތާ

އާސެނަލުން ޗެލްސީ ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުން ފަސޭހަކަމާއެކު އާސެނަލް މޮޅުވެއްޖެއެވެ.

ރޭގެ މެޗުން ޗެލްސީގެ މައްޗަށް އާސެނަލް ކުރިހޯދީ 0-3 ގެ ނަތީޖާއިންނެވެ.

މިއީ ފަސްއަހަރުތެރޭ އާސެނަލްއިން ޗެލްސީގެ މައްޗަށް ކުރިހޯދި ފުރަތަމަ ފަހަރުކަން ވެސް ފާހަގަކޮށްލެވއެވެ.

ޗެލްސީ އަތުން ލީގު މެޗެއްގައި އާސެނަލް އެންމެ ފަހުން މޮޅުވީ 2011 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގަ އެވެ. އަދި ޗެލްސީއާ ދެކޮޅަށް ލީގުގައި އާސެނަލް އެންމެ ފަހުން ކުޅުނު ހަ މެޗުގައި ވެސް އެޓީމަށް ޗެލްސީ ކޮޅަށް ލަނޑެއް ޖެހިފައެއް ނުވެ އެވެ.

އާސެނަލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި  އާސެނަލުން ވަނީ ރޭގެ މެޗުގައި މޮޅުކުޅުމެއް ދައްކާފައެވެ. އާސެނަލްގެ ކޯޗު އާސެން ވެންގާ ވެސް ބުނީ ޓީމުގެ ފަރާތުން ފެނުނީ ބުރަ މަސައްކަތްކުރިތަން ކަމަށާއި އޭނާ ބުނި ގޮތަށް ހުރިހާ ކުޅުންތެރިން ވެސް ކުޅުނު ކަމަށެވެ.

ވެންގާ ބުނީ ރޭގެ ނަތީޖާއާ އެކު އޭނާއަށް ހިނިތުން ގެނުވައިފި ކަމަށާއި ޓީމުން މޮޅެއް މި ހޯދީ ވަރަށް ސްޓައިލުގައި ކުޅެގެން ކަމަށެވެ.

ލީގުގައި ޖެހިޖެހިގެން ހޯދި ހަތަރު ވަނަ މޮޅާ އެކު އާސެނަލް ވަނީ 13 ޕޮއިންޓާ އެކު ތާވަލުގެ ތިން ވަނަ އަށް އަރައިފަ އެވެ. އެއް ވަނައިގައި 18 ޕޮއިންޓާ އެކު މެންޗެސްޓާ ސިޓީ އޮތްއިރު ދެ ވަނައިގައި 14 ޕޮއިންޓާ އެކު އޮތީ އާސެނަލްގެ ވާދަވެރި ޓޮޓެންހަމް ހޮޓްސްޕާސް އެވެ. ލީގުގެ ފުރަތަމަ ތިން މެޗުން މޮޅުވި ޗެލްސީ އޮތީ 10 ޕޮއިންޓާ އެކު އަށް ވަނައިގަ އެވެ.

ރޭ ކުޅުނު މެޗުގެ 11 ވަނަ މިނެޓުގައި ލީޑު ނަގައިދިނީ އެލެކްސިސް ސަންޗޭޒެވެ. އޭގެ ދެ މިނެޓު ފަހުން ދެ ވަނަ ލަނޑު ޖެހީ މުޅި މެޗުގައި މޮޅަށް ކުޅުނު ތިއޯ ވޮލްކޮޓެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އާސެނަލްގެ ތިން ވަނަ ގޯލް ކާމިޔާބުކޮށްދިނީ މެސުތު އޮޒިލެވެ.

 

Rate this post