ސިންގަލް ޔޫޒް ޕްލާސްޓިކް ގެ ސަބަބުން ރާއްޖޭގެ ގުދުރަތީ މާހައުލު ކިލަނބުވޭ: މިނިސްޓަރ ޝައުނާ
އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކުގެ ސަބަބުން ރާއްޖޭގެ ގުދުރަތީ މާޙައުލު ކިލަނބުވެ، އެއްދުވަހުން އަނެއްދުވަހަށް ތަޣައްޔަރުވަމުން އަންނަކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް, ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ ވިދާޅުވީ ދިވެހިރާއްޖޭގެ ރަށްތަކުގެ ހިތްގައިމުކަން ޕްލާސްޓިކު ކުނީގެ ޝިކާރައަކަށްވެ، މި ރަށްތަކުގެ ރީތި އަތިރިމަތިތައް ތަޣައްޔަރުވަމުންދާ ކަމަށެވެ. އަދި ސާފު ގޮނޑުދޮށާއި ކަނޑުފަޅުތަކަށް ޕްލާސްޓިކް ފުޅިއާއި ކޮތަޅުތަކާއި އެހެނިހެން ޕްލާސްޓިކް ކުނި އަޅަމުންދާ މިންވަރު ދުވަހަކަށްވުރެ ދުވަހެއް އިތުރުވެ ޕްލާސްޓިކުގެ ސަބަބުން މި ނާޒުކު ތިމާވެށި ތަޣައްޔަރުވަމުންދާ ކަމަށެވެ.
“އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ތެރެއިން ރާއްޖެއަށް އެތެރެކުރުން މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ބާވަތްތަކަކީ ރާއްޖޭގައި މިވަގުތު އެންމެ ގިނައިން ބޭނުންކޮށް ގޮނޑުދޮށްތަކަށާއި، މޫދާއި ފަރު އަދި ކަނޑަށް އުކާލަމުންދާކަން ފާހަގަކުރެވިފައިވާ ބާވަތްތަކެވެ. އެގޮތުން، އެއްފަހަރު ބޭނުންކޮށްފާ އުކާލާ ޕްލާސްޓިކް މަދުކުރުމާ ގުޅޭ މަސައްކަތަކީ ސަރުކާރުން ކުނީގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙް ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަސައްކަތެކެވެ.” މިނިސްޓަރ ވިދާޅުވި އެވެ.
މިއަދުން ފެށިގެން 8 ބާވަތެއް އިމްޕޯޓު ކުރުން މަނާވެގެންދާއިރު، ދުނިޔެއަށް ދިމާވެފައިވާ ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ސަބަބުން އައިސްފައިވާ އިޤްތިސާދީ މަޑުޖެހުމަށާއި އެކަމުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް ރިޢާޔަށްކޮށް، އެއްފަހަރު ބޭނުންކޮށްފާ އުކާލާ ތަކެތީގެ ތެރެއިން ބައެއް ތަކެތި އިމްޕޯޓުކުރުން މަނާކުރާ ސުންގަނޑިއަށް މިއަދު ވަނީ ބަދަލު ގެނެސް ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރައްވާފަ އެވެ.
ގެނެވުނު އިޞްލާޙްތަކުގެ ތެރޭގައި ރާއްޖެއަށް އިމްޕޯޓުކުރާ 500 މިލިލީޓަރަށްވުރެ ކުދި، ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ނޫން ބުއިންތައް އިމްޕޯޓުކުރުން މަނާކުރާ ސުންގަޑި 1 ޖޫން 2022 އަށް ފަސްކުރުމާއި، ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮށި މަނާ ކުރާ ތާރީޚް 31 ޑިސެންބަރު 2021 އަށް ފަސްކުރުން ހިމެނެއެވެ.
ސިންގަލް ޔޫސް ޕްލާސްޓިކުން ދިވެހިރާއްޖޭގެ ވެއްޓާއި އިޤްތިސާދު ހިމާޔަތް ކުރުމުގެ ގޮތުން، ސަރުކާރުން އިސްނަންގަވައިގެން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން، ސިންގަލް ޔޫސް ޕްލާސްޓިކް 2023 ވަނަ އަހަރުގެ ނިޔަލަށް ފޭސްއައުޓް ކުރައްވަން ވަނީ ނިންމަވާފައެވެ.
މިކަން އިޢުލާން ކުރެއްވީ 23 ސެޕްޓެމްބަރ 2019 ގައި އ.ދ. ގެ 74 ވަނަ ޢާއްމު ބައްދަލުވުމުގެ ހަވާސާގެތެރެއިން ބޭއްވި ކްލައިމެޓް ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވި ތަގުރީރެއް ގައެވެ.
އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކަށް ބަރޯސާވާ މިންވަރު މަދުކޮށް، ބޭނުން ކުރުން ހުއްޓާލުމަށްޓަކައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް, ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން އެކުލަވާލާފައިވާ ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭންގައިވާ 08 ބާވަތެއް މިއަދުން ފެށިގެން ދިވެހިރާއްޖެއަށް އެތެރެކުރުން މަނާކުރެވިގެންދާތީ އެކަމަށް އެ މިނިސްޓްރީން ވަނީ މަރުޙަބާ ކިޔާފަ އެވެ.
މިފަދަ ކަންކަމުގައި ރައީސް ސޯލިހު ގެންގުޅުއްވާ ސިޔާސަތަކީ ދުނިޔޭގެ އެހެން ގައުމުތަކަށް ފުރިހަމަ ނަމޫނާއެއް ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މިއީ، ޕުލާސްޓިކުގެ މައްސަލައެއްނޫން، މިއީ އެކަށީގެންވާގޮތަށް ކުނި ނައްތާނުލެވޭތީވާގޮތެއް. 1980 އާއިހަމައަށް އައިއިރު، ރާއްޖޭގަ ޚާއްސަކޮށް، މާލޭގެ އަތިރިމަތި، ގޮނޑުދޮށް، މޫދު ތަޣައްޔަރުކުރީ ބިއްލޫރި، ކިތައްމީހުންތޯ ފުޅިތޮށިން ޒަޚަމްވީ، ދެން އަންނާނީ ފުޅިތޮށީގެ ކުނި.. ދެންވެސް ހައްލުކުރަންޖެހޭނީ، ކުނި ނައްތާލުން….ރާއްޖޭގަ ތަންފީޒުނުވަނީ، ކަންއިތުރު. މާނައަކީ، ކަންކުރާނެ ރަނގަޅުގޮތެއްނެތި، ކަންނުކުރެވޭނެ ހުރިހާކަމެއް މެދުވެރިވުން….ހުރިހާ ދާއިރާއެއްވެސް އޮތީމިހެން……