އިޒްރާއީލުގެ ހަމަލާތައް ހުއްޓާލުމުން ފަލަސްތީނު ރައްޔިތުން އުފާ ފާޅުކުރަން ފަށައިފި
އިޒްރާއީލުގެ ހަމަލާތައް ހުއްޓާލުމުން ފަލަސްތީނު ރައްޔިތުން އުފާ ފާޅުކުރަން ފަށައިފި އެވެ.
ފަލަސްތީނުގެ ޣައްޒާއަށް ދެމުން ގެންދިޔަ ޙަމަލާތައް ހުއްޓާލުމަށް އިޒްރޭލުން އެއްބަސްވީ މިސްރުގެ އެހީތެރިކަމާ އެކުގަ އެވެ. އަދި ހަމަލާތައް ހުއްޓާލިކަން އިޢުލާން ކޮށްފައިވަނީ ހުކުރު ދުވަހުގެ ރޭ ދަންވަރު 2:00 އިން ފެށިގެން ނެވެ.
އުފާ ފާޅުކުރުމުގެ ގޮތުން މަގުތަކަށް ނުކުތް ރައްޔިތުން ވަނީ ﷲއަށް ޝުކުރު ދަންނަވާ ތަކްބީރު ކިޔާފަ އެވެ. އަދި ޣައްޒާގެ މިސްކިތްތަކުން ލައުޑް ސްޕީކަރުތައް މެދުވެރިކޮށް “ޖެރޫސެލަމްގެ ހަގުރާމާގައި” މުޖާހިދުންނަށް ކާމިޔާބު ލިބިފައިވާކަން ވަނީ އިޢުލާން ކޮށްފައެވެ.
ހަނގުރާމަ ހުއްޓާލުމާއެކު އިޒްރޭލުން ވެސް އަދި ހަމާސް ޖަމާޢަތުން ވެސް ބުނަމުން ދަނީ ކާމިޔާބު ކުރެވިއްޖެ ކަމަށެވެ.
ދެފަރާތުން ދެމުންދިޔަ ހަމަލާތައް ޝަރުތަކާއިނުލާ ހުއްޓާލަން އެއްބަސްވެފައިވާ ވީނަމަވެސް، އިސްރާއީލުން ބުނެފައިވަނީ ހަމާލާތައް އިތުރަށް ކުރިޔަށް ގެންދިއުން ބިނާވެގެން ދާނީ، މައިދާނުގެ ހާލަތު އޮންނަ ގޮތެއްގެ މައްޗަށް ކަމަށެވެ.
އިސްރާއީލުން ޣައްޒާއަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި ފަލަސްތީނުގެ 230 މީހަކުވަނީ ޝަހީދު ކޮށްލާފަ އެވެ. މީގެތެރޭގައި 65 ކުޑަކުދިންނާއި 39 އަންހެނުންވެސް ހިމެނެއެވެ. އަދި ފަލަސްތީނުގެ 1،710 މީހަކަށް ވަނީ އަނިޔާވެފަ އެވެ.
އިސްރާއީލުގެ އުދުވާނީ ހަމަލާތަކާއި ދެކޮޅަށް ހަމާސް ޖަމާއަތުންނާއި އަދި ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދު ކުރަމުންދާ އެހެން ޖަމާއަތްތަކުން، އިސްރާއީލް އަމާޒުކޮށް ފޮނުވާލާފައިވާ ރޮކެޓް ހަމަލާތަކުގައި އިސްރާއީލު 12 މީހަކުވަނީ މަރުވެފައެވެ. މީގެ ތެރޭގައި 2 ކުޑަކުދިންވެސް ހިމެނެއެވެ.