
އެސްޓީއޯގެ އަހަރީ ޢާންމު ޖަލްސާ މި މަހު 31 ގައި ވަރޗުއަލްކޮށް ބާއްވަނީ
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ އަހަރީ ޢާންމު ޖަލްސާ މި މަހު 31 ގައި ވަރޗުއަލްކޮށް ބާއްވަން ނިންމައިފި އެވެ.
އެސްޓީއޯ އިން ބުނީ މިޖަލްސާއަށް އެ ޖަލްސާ ކުރިއަށް ދާނީ އެ ދުވަހުގެ ހަވީރު 4:00 ގައި މައިކްރޮސޮފްޓް ޓީމް މެދުވެރިކޮށް ކަމަށެވެ. އައި އެ ކުންފުނިގެ ހުރިހާ ހިއްސާދާރުންނަށް ދައުވަތު އަރުވާ ކަމަށެވެ.
މި މަހުގެ 4 ވަނަ ދުވަހު އެ ކުންފުނިން އިއުލާން ކޮށްފައިވާ ގޮތަށް މި ޖަލްސާގައި ބައިވެރިވެވޭނީ މިއަދުގެ ނިޔަލަށް އެ ކުންފުނީގެ ހިއްސާދާރުންގެ ދަފްތަރުގައި ބައިވެރިވެފައިވާ ފަރާތްތަކަށް ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ޖަލްސާގައި ބައިވެރިވުމަށް، އެސްޓީއޯގެ ވެބްސައިޓްގައި ހޮސްޓުކޮށްފައިވާ ޕޭޖު މެދުވެރިކޮށް ރަޖިސްޓަރީ ކުރެވޭނެ ކަމަށާއި ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުން މި މަހުގެ 30 ވަނަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން ރަޖިސްޓަރީ ވާން ވާނެ ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.
އެސްޓީއޯ އިން ބުނީ ކޮންމެ ހިއްސާދާރަކަށް އޭނާގެ ބަދަލުގައި ޖަލްސާއަށް ހާޒިރުވެ، ވޯޓު ދިނުމަށް އައްޔަން ކުރެވޭނީ އެންމެ ޕްރޮކްސީއަކަށް ކަމަށާއި އެކަކަށް ވުރެ އިތުރު ފަރާތްތަކަށް ޕްރޮކްސީ ދީފައިވާ ހާލަތުގައި، ހުށަހަޅާފައިވާ ހުރިހާ ޕްރޮކްސީއެއް ބާތިލް ކުރެވޭނެ ކަމަށެވެ.
”ޕްރޮކްސީ ގަބޫލް ކުރެވޭނީ ކޮންމެ ވަކި ފަރާތަކަށް ގިނަވެގެން 100 މެންބަރުންގެ ޕްރޮކްސީ. މީގެ އިތުރުން 18 އަހަރުން ދަށުގެ ހިއްސާދާރުން ޖަލްސާއަށް ރަޖިސްޓަރީ ކުރާއިރު ބެލެނިވެރިޔާ / ބަލަދުވެރިޔާގެ އައި.ޑީ.ކާޑު ހުށަހަޅަންވާނެ. އެ ފަރާތުގެ ބެލެނިވެރިޔާ / ބަލަދުވެރިޔާގެ އައި.ޑީ ކާޑު ހިމަނާފައި ނުވާނަމަ، ރަޖިސްޓްރޭޝަން ބާތިލް ވާނެ.“ އެސްޓީއޯ އިން ބުނެއެވެ.
އެސްޓީއޯ އިން އިތުރަށް ބުނީ މި ޖަލްސާއަށް ރަޖިސްޓަރ ކުރާ ހިއްސާދާރުންނާއި ޕްރޮކްސީ ތަމްސީލް ކުރާ ފަރާތްތަކަށް، ޖަލްސާގައި ބައިވެރިވުމަށް ބޭނުންވާ އިރުޝާދުތައް އެސް.އެމް.އެސް މެދުވެރިކޮށް ފޮނުވާނެ ކަމަށެވެ. އަދި މި މަހުގެ 31 ވަނަ ދުވަހުގެ ހަވީރު 3:30 އާއި 3:55 އާއި ދެމެދު، އެސް.އެމް.އެސްގައި ބަޔާންކުރާ ލިންކުން އެސްޓީއޯގެ އަހަރީ ޖަލްސާގައި ބައިވެރިވުމަށް ލޮގިން ވާންވާނެ ކަމަށެވެ.
މީގެ އިތުރުން ޖަލްސާގައި ބައިވެރިވާ މެންބަރުން ކަމަށް ބަލާނީ އެ ދުވަހުގެ ހަވީރު 3:55 ގެ ނިޔަލަށް ލޮގިން ކޮށްފައިވާ މެންބަރުން ކަމަށް ވެސް އެސްޓީއޯ އިން ބުނެއެވެ.