ކާފިއު ގަޑީގައި ޑެލިވަރީގެ ޚިދުމަތަށް ފާސް ދޫކުރާނެ ޢަދަދު ކަނޑައަޅައިފި
ކާފިއު ގަޑީގައި ޑެލިވަރީގެ ޚިދުމަތަށް ފާސް ދޫކުރާނެ ޢަދަދު އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅައިފި އެވެ.
އެ މިނިސްޓްރީން ބުނީ ކާފިއު ގަޑީގައި ކެފޭ/ރެސްޓޯރަންޓްފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ފަރާތްތަކަށް ޑެލިވަރީކުރުމަށް ދޫކުރާނީ 2 ފާސް ކަމަށެވެ. އަދި ސަޕޯޓު ސްޓާފުންނަށް 2 ފާސް ދޫކުރާނެ ކަމަށެވެ.
14 މެއި އިން ފެށިގެން 19 މެއި ގެ ނިޔަލަށް، މާލެ ސަރަޙައްދުގައި ހިންގާ ވިޔަފާރިތަކައް ހުއްދަ ދޫކުރުމުގައި އަމަލުކުރާނެ ގޮތް ހާމަކޮށް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ވަނީ ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކަށް 1 ފާސް ދޫކުރާނެ ކަމަށެވެ.
މީގެ އިތުރުން ވިޔަފާރި ރެޖިސްޓްރޭޝަން ނަންބަރު، ހުއްދައަށް އެދޭ ފަރާތުގެ ފުރިހަމަ ނަން، މަގާމު، މޯބައިލް ނަމްބަރު އަދި ހުއްދަ ބޭނުންވަނީ ކިތައް ގަޑިއިރަށްކަން ހުއްދައަށް އެދޭއިރު ބަޔާންކުރަންވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
ކޮންމެ ވިޔަފާރިއަކަށްވެސް ދޫކުރަން ކަނޑައަޅާފައިވާ ފާހުގެ ޢަދަދަށްވުރެ އިތުރަށް ފާސް ބޭނުންވާނަމަ، މުވައްޒަފުންގެ ތަފްސީލު އަދި މައުލޫމާތު ސާފުކުރުމަށް ގުޅާނެ ފަރާތެއްގެ ތަފްސީލު permit@trade.gov.mv އަށް އީމެއިލް މެދުވެރިކޮށް ފޮނުވުމަށް އިކްނޮމިކް މިނިސްޓްރީން ވަނީ އެދިފައެވެ.
ރާއްޖޭގައި ކޮވިޑުގެ ހާލަތު ގޯސްވަމުން އަންނާތީ ކެފޭ/ރެސްޓޯރަންޓް އަދި ކާބޯތަކެތީގެ ވިޔަފާރި ކުރާ ތަންތަން ހުޅުވައި އަދި ޑެލިވަރީގެ ޚިދުމަތްދެވޭނެ ގަޑިތަކަށް ވެސް މިހާރުވަނީ ބަދަލު ގެނެސްފަ އެވެ.
އެގޮތުން 12 މެއިން 18 މެއިގެ ނިޔަލަށް މުދާ ވިއްކާ ތަންތަނުން ޢާންމުންނަށް ހުޅުވާލައިގެން ޚިދުމަތް ދެވޭނީ، ފަތިހު 5:00 އިން ހަވީރު 4:00 އާ ދެމެދުގައި ކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި ހަވީރު 4:00 އިން މެންދަމު 12:00 އަށް، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހުއްދައާއެކު ޑެލިވަރީގެ ޚިދުމަތް ދެވޭނެއެވެ.
ކާފިއު ވަގުތުގައި ކެފޭ/ރެސްޓޯރަންޓްތަކުގެ އެތެރޭގައި ތިބެގެން ޚިދުމަތް ދިނުން މަނާކޮށް، ޓޭކްއަވޭއާއި ޑެލިވަރީގެ ޚިދުމަތް ދެވޭގޮތަށް ވަނީ ހަމަޖައްސާފައެވެ.
ޓޭކްއަވޭގެ ޚިދުމަތް ހަވީރު 16:00 ހަމައަށް ދެވޭ އިރު، ފުލުހުންގެ ހުއްދައާއެކު ޑެލިވަރީގެ ޚިދުމަތް މެންދަމު 12:00 އަށް ދެވޭނެއެވެ.