ޚަބަރު ފީތާ

ޙަލާލް އެއްވެސް މަސައްކަތަކީ ދަށް ފެންވަރެއްގެ މަސައްކަތެއް ނޫނެވެ.

އިސްލާމްދީނަކީ އެންމެ ފުރިހަމަ ދީންކަމުގައި ކީރިތިﷲ ލައްވާފައިވަނީ ވަރަށް ގިނަގުނަ ސަބަބުތަކަކަށްޓަކައެވެ. އިސްލާމްދީންވަނީ މީސްތަކުން ގެ ހަސަބާއި، ނަސަބާ، ކުލަޔާއި، ޖިންސާއި ކުރާމަސައްކަތަށް ބަލައިގެން ތަފާކުރި ކުރުންތަށް ނައްތާލައި އެންމެހާ މީސްތަކުންނީ ހަމަހަމަބައެއްކަމުގައި ހަދާފައެވެ. މިކަން ބަޔާންކުރައްވައި ސޫރަތުއް ޙުޖުރާތުގެ 13 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ. ” يَا أَيُّهَا النَّاسُ إِنَّا خَلَقْنَاكُم مِّن ذَكَرٍ وَأُنثَى وَجَعَلْنَاكُمْ شُعُوبًا وَقَبَائِلَ لِتَعَارَفُوا إِنَّ أَكْرَمَكُمْ عِندَ اللَّهِ أَتْقَاكُمْ إِنَّ اللَّهَ عَلِيمٌ خَبِير” މާނައީ “އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ ފިރިހެނަކާއި އަންހެނެއްގެ ކިބައިންނެވެ. (އެބަހީ އާދަމުގެފާނާއި ޙައްވާގެފާނުގެ ކިބައިންނެވެ.) އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ތަފާތު ޤައުމުތަކަށާއި ޤަބީލާތަކަށް ލެއްވީ ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ތަޢާރަފުވުމަށް ޓަކައެވެ. ހަމަކަށަވަރުން ﷲ ގެ ޙަޟުރަތުގައި ތިޔަބައިމީހުންކުރެ މާތްކަން ބޮޑީ، ތިޔަބައިމީހުން ކުރެ އެންމެ ތަޤުވާވެރި މީހުންނެވެ. ހަމަކަށަވަރުން ﷲ އީ މޮޅަށް ދެނެވޮޑިގެންވާ ޚަބީރުވަންތަ ރަސްކަލާނގެއެވެ.”

ވުމާއެކު ތިމާކުރާމަސައްކަތަށް ބަލައިގެން ތަފާތުކުރުމަކީ ވަރަށްވެސް ހިތާމަހުރިކަމެކެވެ. މީސްތަކުންގެ ހަމަހަމަކަމަށް ގޮވާލެވޭ އަޑު ގުގުމާލައިފައިވާ މިފަދަ ދުވަސްވަރެއްގައިވެސް އެމީހަކު ކުރާ މަސައްކަތަށް ބަލައިގެން މީސްތަކުންގެ މެދުގައި ތަފާތުކުރާތަން ފެންނަނީ އިންތިހާއަށެވެ. މިކަން އަޅުގަނޑުމެންގެ މި މުޖުތަމަޢުގައިވެސް ފެތުރިފައިވަނީ ކަނބޮޑުވާންޖެހޭ މިންވަރަކަށެވެ.

ތަންކޮޅެއްއާދައިގެ މަސައްކަތެއް، ގިނައިން ލާރިނުލިބޭ މަސައްކަތެއް ކުރާ ކޮންމެމީހެއް އެއީ “ބަންގާޅީ” އެކެވެ.  އެތައް ދިވެހިންނެއް ކުރާނެ މަސައްކަތެއްނެތޭ ބުނެ ވަޒީފާއެއް ނުލިބުނޭ ކިޔައިގެން މިއަދު އަތްއުރާލައިގެންތިބޭއިރު ހަތަރު ލައްކަ މީހުން ހަމަނުވާ މިކުޑަ ޤައުމުގައި ލައްކައެއްހައި ބިދޭސީން ވަޒީފާތަކުގައި ތިބުމަކީ ހައިރާންވާންޖެހޭކަމެކެވެ.

އެފަދަ ގިނަ ވަޒީފާ ތަކަކީ ބައެއް ދެވެހިންނަށް ކުރަންހުތުރު މަސައްކަތް ތަކެކެވެ. ނަތީޖާއަކީ އެފަދަ ވަޒީފާ އަދާކުރާ ފަރާތްތަކަކީ ވަރައް ދެރަނިކަމެތި ބައެއްކަމުގައި ބައެއް ދިވެހިން މިއަދު ދެކޭކަމެވެ. އެހެންވެ އެފަދަދަ މަސައްކަތްތެރިންނަށް އެއްވެސް އިޙްތިރާމެއް ނުކުރާތާންގައި ފުރައްސާރަކުރުންވެސްވަނީ އިންތިހާއަށް ގޮސްފައެވެ.

ގޭގައި ކަށްކަންގެންގުޅޭ ބިދޭސީ މަސައްކަތުމީހާއާ، ކުނިއުކާލަދޭ މީހާއާ، ފާޚާނައާއި، ޖަނގުސަން ސާފުކޮށްދޭ މީހާވެސް އެއީ ހަމަ އަޅުގަނޑުމެންފަދަ އިންސާނުންނެވެ. އަދި ކިއެއްތަ އެމީހުންނަކީ އެމީހުންގެ ބޭނުންތައްފުއްދުމަށް އެހެންމީހުންގެ ގާތަށްގޮސް ސަލާންނުޖަހައި، ތިމާމެންގެ އަމިއްލަ މަސައްކަތުން ކައިގެން ބޮއިގެން އުޅޭ މީހުންނެވެ. އިޙުތިރާމް ކުރުން ޙައްޤީ އެފަދަ މަސައްކަތެރިމީހާއަށްތޯ ނުވަތަ ތިމާގެ ބޭނުންތައް މަންމަ، ބައްޕަ، ބޭބެ،ދައްތަ ނޫނީ ރައްޓެހިން ގާތު ބުނެކިޔައި އާދޭސްކޮށްގެން ފުއްދާ، ވަކިކަހަލަ މަސައްކަތެއްވީމާ ކުރަން ނުކެރޭ މީހާއަށް ތޯ އެވެ؟

ތިމާގެ އަމިއްލަ މަސައްކަތުން ތިމާޤެ ރިޒުގުހޯދައި، ބޭނުންތައް ފުއްދުމަށް އިސްލާމްދީންވަނީ ބާރުއަޅުއްވާފައެވެ. މިކަން ބަޔާންކުރައްވައި ސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. ((لأن يحتطب أحدكم حُزمة على ظهره، خير له من أن يسأل أحداً، فليعطيه أو يمنعهُ”)) متفق عليه.  މާނައީ ” ތިޔަބައިމީހުންގެ ތެރެއިން މީހަކު ދަރުކޮށައިގެން އެދަރުބޮޑި އޭނާގެ ބުރަކަށިމަތީ އުފުލައިގެން އެއިން މަންފާހޯދުން މީހެއްގެ ކައިރިޔަށް ގޮސް ސަލާންޖުމަށްވުރެ ހެޔޮކަންބޮޑުވެގެން ވެއެވެ. އެމީހާ އޭނައަށް ދިނަސް ނުވަތަ ނުދިންކަމުގައި ވިޔަސްމެވެ.”

ވީއިރު މީހުންގެ ގާތަށް ގޮސް ސަލާންނުޖަހައި ޙަލާލު މަސައްކަތްކޮށްގެން އުޅޭ ކޮންމެ މީހަކަށްމެ އިޙްތިރާމް ކުރުމަކީ އަޅުގަނޑުމެން ކޮންމެ މުސްލިމަކު ކުރަންޖެހޭކަމެކެވެ. އިސްލާމްދީނަކީ މަސައްކަތްތެރިކަމުގެ ދީނެވެ. މަސައްކަތްތެރި މުއުމިނުން ދެކެ ކީރިތި ﷲ ލޯބިވެ ވޮޑިގެންވެއެވެ.

ސައުދީ އަރަބިއްޔާގައި މަސައްކަތްކުރަމުން އަންނަ ބަންގްލަދޭސްގެ 65 އަހަރުގެ  ކުނި ކަހާ މީހަކު ގަހަނާ ފިހާރައެއް ކައިރީ  ގަހަނާތަކަށް ބަލަން ހުރި ފޮޓޯއެއް އޭނާއަށް މަލާމަތް ކުރުމަށްޓަކައި ސޯޝަލް މީޑިއާއަށް ލީ ޕޯސްޓެއްގެ ސަބަބުން  އެތައްބައެއްގެ ލޯބި މިއަދު ވަނީ އޭނާއަށް ލިބިފައެވެ. އެ ފޮޓޯ ފުރަތަމަ ޕޯސްޓްކުރި މީހާ އެ ފޮޓޯގެ ތަޢާރަފުގައި ލިޔެފައިވަނީ “މި މީހާއަށް ހަމައެކަނި ހައްގު ވަނީ ކުންޏަށް ބެލުން،” މިހެންނެވެ.

ނަމަވެސް އެތައްބަޔަކު އޭނާއަށްވަނީ އެތައް ގަހަނާއަކާއި، ފައިސާއެއް ހަދިޔާކޮށްފައެވެ. ކުނިކަހާ މީހަކަސް، ކައްކާ މީހަކަސް، ހޮޓަލެއްގެ ވެއިޓަރކަށް އެއިންކޮންމެ މީހަކީވެސް ޓައީއަޅައި، ބޫޓަށްއަރާ ދަށަށްޖަހައި، އެގްޒެކްޓިވް މޭޒެއްގެ ކައިރީ ބޮޑުގޮނޑިއެއް ބަހައްޓައިގެން ކޮންޕިއުޓަރުން މަސައްކަތްކުރާ މުވައްޒަފުންފަދަ އިންސާނުންނެވެ. އެމީހުން އެކުރަނީ ކިތައްމެ އާދައިގެ މަސައްކަތެއްކަމުގައި އަޅުގަނޑުމެން ދުއްޓަސް އެމަސައްކަތަކީ މުޖުތަމަޢަށް ނުހަނު ބޭނުންތެރި މަސައްކަތްތަކެވެ.

ކުނިއުކާމީހާ ކުނިނޫކާނަމަ، ކައްކާމީހާ ނުކައްކާނަމް، ފޮޅާސާފުކުރާމީހާ އެކަންނުކުރާނަމަ، ފާޚާނަ ސާފުކުރާމީހާ އެމަސައްކަތްނުކުރާނަމަ ދެންކަންވާނެގޮތް ހިތްޕުޅަށް ގެންނަވާށެވެ. ކާއްނުލިބި، ގެދޮރުނުތާހިރުވެ މުޖުތަމަޢުގައި ބަލިމަޑުކަމެއް ފެތުރުން އޮންނާނީ ވަރަށްގާތުގައެވެ.

ވުމާއެކު ކޮންމެ ފަދަ މަސައްކަތެއްކުރާ ކޮންމެ ޤައުމެއްގެ ކޮންމެ ގިންތިއެއްގެ މީހަކަސް، އެމީހަކު އެކުރަނީ ޙަލާލު އިސްލާމްދީން ހުއްދަކުރާ މަސައްކަތެއްނަމަ އެމީހަކަށް އިޙްތިރާމް ކުރުމަކީ އަޅުގަނޑުމެން ކުރަންޖެހޭކަމެކެވެ. ވަކިކަހަލަ މަސައްކަތްތަކީ ދައްފެންވަރުގެ މަސައްކަތްތަށް ކަމަށްބަލައި، އެފަދަ މަސައްކަތްކުރާމީހުނަށް ބަންގާޅީ ގޮވުން ހުއްޓާލަމާތޯއެވެ. ކުނިއުކާލަދޭ މީހާއާއި، ގޭތެރެ ފޮޅާސާފުކުރާމީހާއާ، ހޮޓަލުގެ ވެއިޓަރުންނާވެސް އިޙްތިރާމާއި އޯގާތެރިކަމާއެކު މުޢާމަލާތްކުރާ ބަޔަކަށް ވަމާތޯއެވެ. އެންމެހާ މަސައްކަތްތެރިންނަށް އެމީހުންގެ ޙައްޤު މަޤާމް ދޭބަޔަކަށް އަޅުގަނޑުމެން ވަމާތޯއެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: