އިމްޕޯޓްކޮށް ވިއްކާ ކުކުޅުބިސް ވިއްކުމުގެ ހުރިހާ މަރުހަލާއެއްގައި އޭގެ ފިނިހޫނުމިން ހިފެހެއްޓިފައި ހުންނަންވާނެ: އެމްއެފްޑީއޭ
ރާއްޖެއަށް އިމްޕޯޓްކޮށް ވިއްކާ ކުކުޅުބިސް ވިއްކުމުގެ ހުރިހާ މަރުހަލާއެއްގައި އޭގެ ފިނިހޫނުމިން ހިފެހެއްޓިފައި ހުންނަންވާނެ ކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފި އެވެ.
އެ އޮތޯރިޓީން މިހެން ބުނީ ރާއްޖެ އެތެރެކޮށް ވިއްކާ ކުކުޅު ބިހާ ގުޅޭގޮތުން ނެރުނު އިއުލާނެއްގަ އެވެ.
އެ އިޢުލާނުގައި ބުނެފައިވަނީ ރާއްޖެ އެތެރެކޮށް ވިއްކާ ބިހާއި ބިހުގެ ބާވަތްތައް ހުންނަންވާނީ އެ އޮތޯރިޓީގެ މިންގަނޑު ތަކާއި އެއްގޮތަށް ލޭބަލް ކުރެވިފައި ކަމަށެވެ. އަދި ފިހާރަތަކުގައި ވިއްކަން ހުންނަންވާނީ މުއްދަތު ހަމަވާ ތާރީޚު ގަންނަ ފަރާތަށް އެގޭނެ ގޮތަށް ކަމަށެވެ.
”ބިހުގެ މުއްދަތު ހަމަވާ ތާރީޚް ތިން މަހަށް ވުރެ އިތުރުވާނަމަ، މުއްދަތު އިތުރު ކުރުމަށްޓަކައި ދީފައިވާ ޓްރީޓްމަންޓް ބަޔާންކޮށް އުފެއްދި ފަރާތުން ނުވަތަ އުފެއްދި ގައުމުގެ ކޮންޕިޓެންޓް އޮތޯރިޓީގެ ލިޔުމެއް މިހާރު އެމްއެފްޑީއޭއަށް ހުށަހަޅަން ޖެހޭނެ. އިމްޕޯޓުކުރާ ބިހާއި ބިހުގެ ބާވަތްތަކަށް ހެލްތު ކްލިއަރެންސް ދޫކުރާނީ ހެލްތު ސެޓްފިކްޓްގެ އޮރިޖިނަލް ހުށަހެޅުމުން. ހެލްތު ސެޓްފިކެޓްގައި މުދާ އުފެއްދި ގައުމު ބަޔާންކޮށްފައި ނެތްނަމަ ސެޓްފިކެޓް އޮފް އޮރިޖިން ހުށަހަޅަންވާނެ.“ އިޢުލާނުގައި ބުނެފައި ވެއެވެ.
އެމްއެފްޑީއޭ އިން ބުނީ އިމްޕޯޓްކޮށް ވިއްކާ ކުކުޅުބިސް ވިއްކުމުގެ ހުރިހާ މަރުހަލާއެއްގައި އޭގެ ފިނިހޫނުމިން ހިފެހެއްޓިފައި ހުންނަންވާނެ ކަމަށެވެ. އަދި ނުސާފުކޮށް ހުންނަ ކުކުޅު ބިހާއި ނަޖިސް ހަރުލާފައި ހުންނަ ބިސް ރާއްޖެ އެތެރެކޮށް ވިއްކުމަކީ މަނާކަމެއް ކަމަށެވެ.
އެމްއެފްޑީއޭ އިން ބުނީ މުއްދަތު އިތުރު ކުރުމަށް ޚާއްސަ ޓްރީޓްމެންޓް ނުދީ ފިނި ނުކޮށް ކުކުޅު ބިސް ބަހައްޓަން ވާނީ އުފެއްދި ތާރީޚުން ފެށިގެން ގިނަވެގެން 28 ދުވަހުގެ މުއްދަތަށް ކަމަށެވެ. އަދި ޓްރީޓްމަންޓްއެއް ނުދީ ފިނިކޮށް ފަސް ޑިގްރީ ސެލްސިއަސް އަށްވުރެ ދަށުގައި ބަހައްޓަންވާނީ އުފެއްދި ތާރީޚުން ފެށިގެން ދިގުވެގެން ތިން މަސް ދުވަހުގެ މުއްދަތަކަށް ކަމަށް ވެސް އެ އޮތޯރިޓީން ބުނެފައި ވެއެވެ.