ކުޅުދުއްފުށީގައި ހުރި އޭޓީއެމް ސެލްފް ސަރވިސް ބޭންކިންގ ސެންޓަރއަކަށް ބަދަލުކޮށް ޚިދުމަތް ދޭން ފަށައިފި
ހދ. ކުޅުދުއްފުށީގައި ހުރި އޭޓީއެމް ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ އަކަށް ބަދަލުކޮށް ޚިދުމަތް ދޭން ފަށައިފިއެވެ.
މުޅި ރާއްޖެއަށް ބޭންކިންގ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް އިން ކުރަމުންދާ މަސައްކަތުގެ ދަށުން މި ސެލްފް ސަރވިސް ސެންޓަރ ގާއިމްކޮށްފައިވަނީ ބީއެމްއެލް ކުޅުދުއްފުށީ ބްރާންޗް ހުރި އިމާރާތުގައެވެ.
ދެ އޭޓީއެމް މެދުވެރިކޮށް ފަސޭހަކަމާއެކު 24 ގަޑިއިރު ބޭންކިންގ ޚިދުމަތް ލިބޭ އިރު، މި ސެންޓަރ މެދުވެރިކޮށް ރަށުގެ ރައްޔިޔުންނަށާއި ރަށަށް ޒިޔާރަތްކުރާ އެތައް ސަތޭކަ ރައްޔިތުންނަށް ފައިސާ ނެގުމާއި ފައިސާ ޖަމާކުރުމާއި، ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ވެސް ލިބޭނެ އެވެ.
މިއާއެކު ކުޅުދުއްފުށީގައި 2 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ މިވަނީ ގާއިމްކުރެވިފައެވެ. ފުރަތަމަ ސެލްފް ސަރވިސް ސެންޓަރ ގާއިމްކޮށްފައިވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އިމާރާތުގައެވެ.
ދާދި ފަހުން ބޭންކުންވަނީ ހދ. މަކުނުދޫ ގައި މުޅިން އަލަށް ސެލްފް ސާރވިސް ބޭންކިންގ ސެންޓަރ ހުޅުވައި ގދ. ފަރެސްމާތޮޑާގެ އޭޓީއެމް ސެންޓަރ އަލުން ހުޅުވާފައެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 69 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 130 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.