
ސަޢޫދީން ރާއްޖެއަށް ހަދިޔާކުރި ކަދުރު މާލޭގެ ރައްޔިތުންނަށް ބެހުން މިމަހުގެ 12 ވަނަ ދުވަހު..
ސަޢޫދީ ޢަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރި ކަދުރު މާލޭގެ ރައްޔިތުންނަށް ބެހުން އޮންނާނީ މިމަހުގެ 12 ވަނަ ދުވަހުކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
މިއީ ސަޢޫދީން ކޮންމެ އަހަރަކުވެސް އެޤައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް ޢަޒީޒް އަލް ސައުދުގެ ޚާއްޞަ ހަދިޔާއެއްގެ ގޮތުގައި ރަމަޟާން މަހު ރާއްޖެއަށް ހަދިޔާކުރާ ކަދުރެވެ.
އެ ޤައުމުން ހަދިޔާ ކުރި ކަދުރާއި ދިވެހި ސަރުކާރުގެ ފަރާތުން ޙަވާލުވެވަޑައިގެންނެވީ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު މިދިޔަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުއެވެ.
ސަޢުދީން މިއަހަރު ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފައިވާ އިރު، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބަހަން ނިންމާފައިވަނީ އެއްކިލޯގެ 4268 ޕެކެޓެވެ.
މިދިޔަ އަހަރުގެ ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ މީހުންނަށް އިސްކަންދީގެން ކަދުރު ބެހުމަށް ނިންމާފައިވާ އިރު، އެ ލިސްޓުގައި ނެތް މީހުންނަށް ކަދުރު ބަހާނީ ފަޤީރުންގެ ލިސްޓުގައި ހިމެނޭ އެންމެނަށް ބަހާ ނިމުމުން ކަމަށް މާލޭ ސިޓީ ކައުންސިލުން ބުންޏެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ މާލޭ ރައްޔިތުންނަށް ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ ޕޮލިސް ޓޯޔާރޑް ކައިރީގައި ހުންނަ ސިޓީ ކައުންސިލުގެ ޢާންމު ޚިދުމަތްތަކާ ބެހޭ ސެކްޝަނުން ކޮންމެ ދުވަހަކު ހެނދުނު 9:30 އިން މެންދުރު 12:30 އަށް އަދި ރޭގަނޑު 21:00ން 22:30އަށް ކަމަށެވެ.
ކަދުރު ބަލާ ދާއިރު ދިރިއުޅޭ ތަނުގެ ކުލީގެ އެގްރިމެންޓުގެ އަސްލު ނުވަތަ ގޯތީގެ ރަޖިސްޓްރީގެ އަސްލު އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންދަންޖެހެއެވެ.
އަތޮޅުތެރޭގެ ރަށްރަށުގައި ކަދުރު ބެހުމުގެ ކަންކަން ކުރަމުންދާނީ ރަށު ކައުންސިލް އިދާރާއިންނެވެ.



