ބޮޑު ޝަރީއަތަކަށްފަހު ހުއާވޭ މައްޗަށް ކުށް ސާބިތުވެއްޖެ

އީރާނާއެކު ވިޔަފާރީގެ މުއާމަލާތްތައް ހިންގި މައްސަލައިގައި އެމެރިކާގައި ކުރިއަށްދިޔަ ބޮޑު ޝަރީއަތަކަށްފަހު ޗައިނާގެ ހުއާވޭ ކުންފުނީގެ މައްޗަށް ކުށް ސާބިތުވެއްޖެ އެވެ.

އީރާނުގައި ހިންގި ވިޔަފާރިތަކާ ގުޅޭގޮތުން ބޭންކުތަކަށް އޮޅުވާލުމާއި އެމެރިކާގެ ކުންފުނިތަކުގެ ވިޔަފާރީގެ ސިއްރުތައް ވަގަށް ނެގިކަމުގެ ތުހުމަތުގައި ނިއުޔޯކް ސިޓީގެ ޖޫރީއަކުން ވަނީ އަންގާރަ ދުވަހު ހުއާވޭގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމާފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި މައްސަލައަކީ 2018 ވަނަ އަހަރުން ފެށިގެން ކުރިއަށްދާ ޖިނާއީ މައްސަލައެކެވެ. ހުއާވޭއަކީ އެމެރިކާގެ ޤައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބުނެ 2019 ވަނަ އަހަރު އެމެރިކާ ސަރުކާރުން ވަނީ އެ ކުންފުނި ވިޔަފާރީގެ ކަޅު ލިސްޓަށް އަރުވައި އެމެރިކާގެ ޓެކްނޮލޮޖީ ބޭނުންކުރުން ހަނިކޮށްފަ އެވެ.

ބްރޫކްލިން ފެޑެރަލް ކޯޓުގެ ޖޫރީން ނިންމި ގޮތުގައި ހުއާވޭގެ މައްޗަށް އުފުލާފައިވާ 12 ދައުވާގެ ތެރެއިން 10 ދައުވާއެއް ވަނީ ސާބިތުވެފަ އެވެ.

މީގެ ތެރޭގައި ބޭންކުތަކަށް އޮޅުވާލުމާއި މަކަރާއި ހީލަތް ހެދުމާއި ދަތިކުރުމުގެ ފިޔަވަޅުތަކާ ޚިލާފުވުމުގެ އިތުރުން ވިޔަފާރީގެ ސިއްރުތައް ވަގަށް ނެގުމަށް ރޭވުމުގެ ދައުވާ ހިމެނެ އެވެ.

ނަމަވެސް އަދުލު އިންސާފަށް ހުރަސްއެޅުމަށް ރޭވުމާއި ޖިނާއީ ޖަމާއަތެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ދައުވާ ސާބިތުނުވާ ކަމަށް ޖޫރީން ވަނީ ކަނޑައަޅާފަ އެވެ.

ދެ މަސްދުވަހަށް ދެމިގެންދިޔަ މި ޝަރީއަތުގައި ދައުލަތުގެ ފަރާތުން 60 އަށްވުރެ ގިނަ ހެކިން އަދި ދިފާއީ ފަރާތުން 15 ހެކިން ހާޒިރުކުރި އެވެ. ޑިސްޓްރިކްޓް ފަނޑިޔާރު އޭން ޑޮނެލީ 2027 ވަނަ އަހަރުގެ ސެޕްޓެމްބަރު 14 ގައި ހުކުމް އިއްވާއިރު އެ ކުންފުންޏަށް ދެވޭނެ އަދަބެއް އަދި ސާފެއްނުވެ އެވެ.

ދައުލަތުގެ ވަކީލު މެރެޑިތު އަރްފާ ވިދާޅުވީ އީރާނުގައި ހުއާވޭއިން ހިންގާ އޮޕަރޭޝަންތަކާ މެދު މީޑިއާއިން ސުވާލު އުފައްދަން ފެށުމާއެކު އެ ކުންފުންޏާ މުއާމަލާތްކުރާ ބޭންކުތަކުން ވެސް އެ ސުވާލުތައް ކުރަން ފެށި ކަމަށެވެ.

ހުއާވޭގެ ވަކީލު ބްރަޔަން ހެބަލިގް ވިދާޅުވީ ބައެއް ދައުވާތައް ސާބިތުވުމުން މާޔޫސްވި ނަމަވެސް ޖިނާއީ ޖަމާއަތެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ދައުވާ ސާބިތުނުވުމުން އެ ކުންފުންޏަކީ ގާނޫނަށް ބޯލަނބާ ކުންފުންޏެއްކަން ހާމަވެއްޖެ ކަމަށެވެ. އަދި މި ނިންމުން އިސްތިއުނާފު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމެރިކާގެ އެޓަރނީ ޖޯސެފް ނޮސެއްލާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެމެރިކާގެ ޤައުމީ ސަލާމަތަށް ނުރައްކާކޮށް ވިޔަފާރީގެ އުސޫލުތަކާ ޚިލާފުވެ ޤާނޫނު ތަންފީޒުކުރުމަށް ހުރަސްއެޅުމަކީ ނުހަނު ސީރިއަސް ކުށްތަކެއް ކަމަށެވެ.

މިކަމާ ގުޅޭގޮތުން ވޮޝިންގޓަންގައި ހުންނަ ޗައިނާ އެމްބަސީން ވަގުތުން އެއްޗެއް ބުނެފައެއްނުވެ އެވެ.

ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭނެ މިންވަރާ ބެހޭގޮތުން ސުވާލުކުރުމުން ހެބަލިގް ވިދާޅުވީ އެއީ އަދި މާ އަވަސް ވާހަކައެއް ކަމަށާއި ނަމަވެސް ބޮޑެތި ބައެއް ދައުވާތަކުން ބަރީއަވުމަކީ ޖޫރިމަނާގެ އަދަދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށެވެ.

މާހިރުން ފާހަގަކުރާ ގޮތުގައި މި މައްސަލައިގެ ސަބަބުން ހުއާވޭގެ ވިޔަފާރިއަށް ބޮޑު ގެއްލުމެއް ނުލިބެ އެވެ.

ސަބަބަކީ އެ ކުންފުނިން މިހާރު ވަނީ ވިޔަފާރި ފުޅާކޮށް އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާގައި ޗައިނާގެ އެންމެ ނުފޫޒުގަދަ އެއް ކުންފުންޏަށްވެފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.