
އިންޑޮނޭޝިއާގައި ރަން މައިނެއް ފައިބައިގެން ހިގައްޖެ
އިންޑޮނޭޝިއާގައި ރަން މައިނެއް ފައިބައިގެން ދިއުމުގެ ސަބަބުން އެތައް ބަޔަކު ތާށިވެފައިވާ ކަމަށް ބެލެވެ އެވެ.
އިންޑޮނޭޝިއާގެ ވެސްޓް ޖާވާ ޕްރޮވިންސްގައި ހުއްދަނެތް ރަން މައިނެއްގެ ތެރޭގައި އެތައް ބަޔަކު ތާށިވެފައިވާ ކަމަށް ބެލެވޭތީ އެމީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ފަށާފައިވާ ކަމަށް އެގައުމުގެ މީޑިއާތަކުން ބުދަ ދުވަހު ރިޕޯޓްކޮށްފި އެވެ.
ވެސްޓް ޖާވާގައި ފެންބޮޑުވެފައިވާ މި މައިނުން ފެން ހިއްކުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން ކުރަމުންދާއިރު ގެއްލުނު މީހުންގެ ސީދާ އަދަދެއް އަދި ސާފެއްނުވެ އެވެ.
ޖަކާޓާ ގްލޯބުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބޯގޯރު ރީޖަންސީގެ ސިގޫހާ ސަރަހައްދުގައި ހިނގި މި ހާދިސާގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން އަންގާރަ ދުވަހުގެ އިރުއޮއްސުނު ވަގުތު މައިންގެ ބައެއް ފައިބައި އޭގެ ތެރޭގައި ވަނީ ފެންބޮޑުވެފަ އެވެ.
ސަލާމަތްކުރާ ފަރާތްތަކުން މިހާރު ގެންދަނީ އެ ސަރަހައްދު ބަލައި ފާސްކޮށް މައިންގެ ތެރެއިން ފެން ހިއްކުމުގެ މަސައްކަތް ކުރަމުންނެވެ.
ނަމަވެސް ފެންގަނޑު އަދިވެސް ހިނދިފައި ނުވާތީ މި މަސައްކަތަށް ގިނަ ވަގުތުތަކެއް ނަގާނެ ކަމަށްބެލެވެ އެވެ.
ފުރަތަމަ ލިބުނު މައުލޫމާތުން އެނގޭ ގޮތުގައި މި މީހުން މަސައްކަތް ކުރަމުން ދިޔައީ ދެ ގްރޫޕަކަށެވެ.
އޭގެ ތެރެއިން އެއް ގްރޫޕުގައި 16 މީހުން ތިބިއިރު ދެވަނަ ގްރޫޕުގައި ތިބި މީހުންގެ އަދަދެއް އަދި ނޭނގެ އެވެ.
ސިގޫހާއަކީ ގަވާއިދާ ޚިލާފަށް ރަން ނެގުމުގެ މަސައްކަތް ފުޅާދާއިރާއެއްގައި ކުރާ ސަރަހައްދެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ތަނެކެވެ.



