
ފިޠުރު ޒަކާތް ބަލައިގަންނާނީ ރަމަޟާން މަހުގެ ދެވަނަ ދުވަހުން ފެށިގެން: މިނިސްޓްރީ
މިއަހަރުގެ ފިޠުރު ޒަކާތް ބަލައިގަންނާނީ ރަމަޟާން މަހުގެ ދެވަނަ ދުވަހުން ފެށިގެންކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ރަމަޟާން މަހުގެ 29 ވަނަ ދުވަހާއި ހަމައަށް ފިޠުރު ޒަކާތް ބަލައިގަންނާނެ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީގެ އިޢުލާނުގައިވާގޮތުން މާލެއިން ފިތުރު ޒަކާތް ބަލައިގަންނާނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:15 އިން މެންދުރު ފަހު 13:00އަށް ކަމަށެވެ.
އެ މިނިސްޓްރީން ބުނީ ވިލިމާލޭގައި ޒަކާތް ބަލައިގަންނާނީ ސިޓީ ކައުންސިލް ވިލިމާލެ ޔުނިޓުން ކަމަށާއި ހުޅުމާލެއިން ނަމަ ހުޅުމާލެ ކޮމިއުނިޓީ ސެންޓަރުން ކަމަށެވެ.
މާލެ ފިޔަވައި އެހެނިހެން ސިޓީތަކާއި ރަށްތަކުގައި ފިތުރު ޒަކާތް ނެގުމާއި ބެހުމުގެ އިންތިޒާމް ހަމަޖައްސާނީ އެތަނެއްގެ ކައުންސިލް އިދާރާއިން ކަމަށާއި ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގަންނާނީ އެރަށެއްގައި ޢާންމުކޮށް ކައިބޮއި އުޅުނު ބާވަތަކުން 2.4 ކިލޯގެ އަގު ކަމަށްވެސް އެ މިނިސްޓްރީގެ އިޢުލާނުގައިވެއެވެ.
ރަސްމީކޮށް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2.4 ކިލޯ ގޮވާމުގެ އަގަށްވާ ފައިސާއިން ކަމަށްވެސް ވަނީ ބުނެފައެވެ.
މާލޭ ސިޓީގައި ދިރިއުޅޭ މީހުން ޒަކާތުގެ ގޮތުގައި ދައްކަންޖެހޭނީ އާދައިގެ ހަނޑޫނަމަ 15 ރުފިޔާއެވެ. އަދި ތައިލެންޑު ހުދު ހަނޑޫނަމަ 45 ރުފިޔާއިންނެވެ.
ބާސްމަތީ ހަނޑުލުންނަމަ 95 ރުފިޔާއެވެ. ރަތް ހަނޑުލުން 75 ރުފިޔާއެވެ. އަދި އާދައިގެ ފުށުންނަމަ 15 ރުފިޔާއެވެ. އާޓާ ފުށުންނަމަ 60 ރުފިޔާއެވެ.



