
އެމްބީއޭގެ އިންތިޚާބު މިމަހުގެ 20 ގައި ބާއްވަނީ…
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)ގެ އިންތިހާބު މި މަހު 20 ވަނަ ދުވަހުގެރޭ ބާއްވަން ނިންމައިފި އެވެ.
ތަފާތު އެކި ސަބަބުތަކާ ހުރެ ނުބޭއްވި ލަސްވަމުން ދާ އެމްބީއޭގެ އިންތިހާބު މިމަހުގެ 20 ގައި ބާއްވަން ނިންމިއިރު މި އިންތިޚާބު ބާއްވަނީ އެކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ކަނޑައަޅާފައިވާ ހާއްސަ ކޮމިޓީއެއްގެ ބެލުމުގެ ދަށުންނެވެ.
މީގެ ކުރިން މި އިންތިޚާބު ނުބޭއްވި ލަސްވެފައިވަނީ އެސޯސިއޭޝަނުގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމެއް ނުބޭއްވިގެންކަމަށް އެ ކޮމިޓީން ބުނެއެވެ.
މިމަހުގެ 20 ގައި އެމްބީއޭގެ އިންތިޚާބު ބާއްވަން ނިންމާފައިވާއިރު އެމްބީގެ ރައީސްގެ މަގާމަށް މިހާތަނަށް 3 ބޭފުޅަކު ވަނީ ކުރިމަތި ލައްވާފައެވެ. އެ ތިން ބޭފުޅުންނަކީ ސައިކްލޯން ބާސްކެޓްބޯލް ކްލަބްގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން އާއި އެލްޓީ ސްޕޯޓްސް ކްލަބުން އަހުމަދު މަމްދޫހު ގެ އިތުރުން ކްލަބް އީގަލްސްގެ އަހުމަދު އާދަމް އެވެ.
ނައިބު ރައީސްގެ މަގާމަށް ވާދަކުރައްވަނީ ކުޑަހެންވޭރު ޔުނައިޓެޑްގެ ހުސެއިން އާރިފް ރިޒާ އާއި ޓީރެކްސް ބާސްކެޓްބޯލް ކްލަބްގެ ހަސަން އިސްމާއިލް އެވެ.
އެމްބީއޭ އިންތިޙާބުގައި ވޯޓުލުމަށް ޝަރުތު ހަމަވާ ކަަމަށް ކޮމިޓީން 29 ކުލަބެއް ކަނޑައަޅާފައިވާއިރު އެ 29 ކްލަބުން ވޯޓުލާނެ ފަރާތެއް އަންނަ ހަފްތާ ބުދަދުވަހުގެ މެންދުރު 12 ޖެހުމުގެ ކުރިން އެފަރާތް ތަކުގެ ނަން އެ ކޮމިޓީއަށް ހުށައެޅުމަށް ވަނީ އަންގާފައެވެ.



