
ސޫރަތުއް ތީނި (2) ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުއްލަޠީފު 18 އެޕްރީލް 2017 އާ ގުޅޭ
(وَهَـٰذَا الْبَلَدِ الْأَمِينِ ﴿٣﴾) މާނައަކީ: “ އަދި أمان ކަން ލިބިގެންވާ މި ރަށް ގަންދެއްވަމެވެ.“
މިތަނުގައި (الْبَلَدِ الْأَمِينِ) ގެ މުރާދަކީ މައްކާއެވެ. ސޫރަތު އާލުޢިމްރާންގެ 97 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ.( وَمَن دَخَلَهُ كَانَ آمِنًا ) މާނައަކީ: ”އެތަނަށް (އެބަހީ: ގެފުޅުގެ حرم ފުޅަށް) ވަދެއްޖެ މީހާއީ، أمان ކަން ލިބިގެންވާ މީހަކު ކަމުގައިވިއެވެ.“
ސޫރަތުލް ޢަންކަބޫތުގެ 67 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (أَوَلَمْ يَرَوْا أَنَّا جَعَلْنَا حَرَمًا آمِنًا وَيُتَخَطَّفُ النَّاسُ مِنْ حَوْلِهِمْ ۚ أَفَبِالْبَاطِلِ يُؤْمِنُونَ وَبِنِعْمَةِ اللَّـهِ يَكْفُرُونَ ﴿٦٧﴾) މާނައަކީ: ”ހަމަކަށަވަރުން، أمان ކަން ލިބިގެންވާ حرم ފުޅެއް ތިމަންރަސްކަލާނގެ ލެއްވިކަން އެއުރެންނަށް ނޭނގެނީ ހެއްޔެވެ؟ އެއީ އެއުރެންގެ ވަށައިގެން އެކަކު އަނެކަކު މަރައި އަޅުވެތިކޮށް އުޅުނުތަނެވެ. (މިކަން މިހެން އޮތުމާއެކުވެސް) އެއުރެން باطل އަށް إيمان ވެ، اللَّه ގެ نعمة އަށް كافر ވަނީ ހެއްޔެވެ؟“
(لَقَدْ خَلَقْنَا الْإِنسَانَ فِي أَحْسَنِ تَقْوِيمٍ ﴿٤﴾) ”ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، އެންމެ ރިވެތި صورة ގައި އިންސާނާ ހެއްދެވީމެވެ.“ ބިމުގައި ލައްވާފައިވާ އެހެން އެއްވެސް މަޚްލޫގަކު އިންސާނުންހާ ފުރިހަމަކޮށް އުފައްދަވާފައި ނުވެއެވެ. މިތަނުގައި އިންސާނާ އެންމެ ފުރިހަމަ ޞިފައިގާ އުފައްދަވާފައިވާކަން ހަނދުމަކޮށްދެއްވުމުގެ ބޭނުމަކީ މަރުވުމަށް ފަހު ދިރުއްވާ ﷲ ގެ ޙަޟްރަތަށް މަޙްޝަރު ކުރެވޭނެކަން ޔަގީންކޮށްދެއްވުމެވެ.
މިކަން އިތުރަށް ޔަގީންކޮށްދެއްވާ ސޫރަތުލް ގިޔާމާގެ 27، 28،29 އަދި 30 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (أَلَمْ يَكُ نُطْفَةً مِّن مَّنِيٍّ يُمْنَىٰ ﴿٣٧﴾ ثُمَّ كَانَ عَلَقَةً فَخَلَقَ فَسَوَّىٰ ﴿٣٨﴾ فَجَعَلَ مِنْهُ الزَّوْجَيْنِ الذَّكَرَ وَالْأُنثَىٰ ﴿٣٩﴾ أَلَيْسَ ذَٰلِكَ بِقَادِرٍ عَلَىٰ أَن يُحْيِيَ الْمَوْتَىٰ ﴿٤٠﴾ ) މާނައަކީ: ”އޮހޮރައިލެވޭ މަނީގެ ތިއްކެއް ކަމުގައި އޭނާ ނުވޭހެއްޔެވެ؟ ދެން ގަނޑުލޭކޮޅެއް ކަމުގައި އޭނާ ވިއެވެ. ފަހެ، އެކަލާނގެ އެ އިންސާނާ ހައްދަވައި، ފުރިހަމަކުރެއްވިއެވެ. ފަހެ، އޭނާގެ ކިބައިން، ފިރިހެން އަންހެން ދެބާވަތް އުފެއްދެވިއެވެ.އެކަން އެގޮތަށް ކުރެއްވި ރަސްކަލާނގެ، މަރުވެފައިވާ މީހުން އަލުން ދިރުއްވުމަށް ކުޅަދުންވަންތަވެވޮޑިގެން ނުވޭހެއްޔެވެ؟“
އިންސާނުން މިފަދަ ފުރިހަމަ ޞޫރާގައި އުފެއްދެވުމަށް ކުޅަދުންވަންތަ ވޮޑިގެންވީ އިލާހު އިންސާނާ މަރުވުމަށްފަހު އަލުން ދިރުއްވުމަށްވެސް ކުޅަދުންވަތަންތަ ވޮޑިގެންވެއެވެ. ސޫރަތުލް ޖާޘިޔާގެ 4 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (وَفِي خَلْقِكُمْ وَمَا يَبُثُّ مِن دَابَّةٍ آيَاتٌ لِّقَوْمٍ يُوقِنُونَ ﴿٤﴾) މާނައަކީ: ”އަދި ތިޔަބައިމީހުން ހެއްދެވުމުގައްޔާއި، އެކަލާނގެ ފަތުރުއްވާފައިވާ (އެންމެހާ) ދިރޭތަކެތީގައި يقين ކުރާ ބަޔަކަށް ހެކިތަކެއްވެއެވެ.“
ސޫރަތު ޔާސީންގެ 77، 78 އަދި 79 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (أَوَلَمْ يَرَ الْإِنسَانُ أَنَّا خَلَقْنَاهُ مِن نُّطْفَةٍ فَإِذَا هُوَ خَصِيمٌ مُّبِينٌ ﴿٧٧﴾ وَضَرَبَ لَنَا مَثَلًا وَنَسِيَ خَلْقَهُ ۖ قَالَ مَن يُحْيِي الْعِظَامَ وَهِيَ رَمِيمٌ ﴿٧٨﴾ قُلْ يُحْيِيهَا الَّذِي أَنشَأَهَا أَوَّلَ مَرَّةٍ ۖ وَهُوَ بِكُلِّ خَلْقٍ عَلِيمٌ ﴿٧٩﴾ ) މާނައަކީ: ”ހަމަކަށަވަރުން، މަނިތިއްކަކުން ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވިކަން، އެ އިންސާނާއަށް ނޭނގެނީ ހެއްޔެވެ؟ ފަހެ، އެހާރުން އޭނާވަނީ ފާޅުވެ ބަޔާންވެގެންވާ ދެކޮޅުވެރިޔަކު ކަމުގައެވެ. އަދި އެ އިންސާނާ ތިމަންރަސްކަލާނގެއަށް مثال އެއް ޖެއްސެވެ. އަދި އޭނާ ހެއްދެވިގޮތް އޭނާ ހަނދުމަނައްތައިލީއެވެ. އޭނާ ބުންޏެވެ. ކަށިތައް ފީވެ، ހަލާކުވެފައިވަނިކޮށް، އެތަކެތި ދިރުއްވާނީ ކާކުހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! އެ ކަށިތައް އަލުން ދިރުއްވާނީ، ފުރަތަފަހަރު އެކަށިތައް އުފެއްދެވި ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، ހުރިހާ مخلوق ންގެ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.“
(ثُمَّ رَدَدْنَاهُ أَسْفَلَ سَافِلِينَ ﴿٥﴾) މި އާޔަތުގައި މިވާ (رَدَدْنَاهُ) ”ރައްދު ކުރެއްވީމެވެ“ ދެގޮތަކަށް މާނަކުރެވެއެވެ. އެއީ:
- ޚިލްގަތުގެ ގޮތުން މުސްކުޅި ޢުމުރަށް ގޮސް ގައިބާރު ދެރަވުމެވެ. ސޫރަތު ޔާސީންގެ 68 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَمَن نُّعَمِّرْهُ نُنَكِّسْهُ فِي الْخَلْقِۖ أَفَلَا يَعْقِلُونَ ﴿٦٨﴾ ) މާނައަކީ: ”ތިމަންރަސްކަލާނގެ އެމީހެއްގެ عمر ދިގުކުރައްވާ މީހާ (ގެ ކަންތައް) ހެއްދެވި ހެއްދެވުމުގައި އެކޮޅުކޮޅުން ޖައްސަވާހުށީމެވެ. (އެބަހީ: އާރެއް ބާރެއްނެތް ގޮތުގައި ފެށިގެންއައިސް ޒުވާންކަމުގެ دور ނިމި، އެންމެފަހުން އާރެއް ބާރެއް ނެތް މީހަކު ކަމުގައި ލައްވާހުށީމެވެ.) ފަހެ، އެއުރެން ނުވިސްނަނީ ހެއްޔެވެ؟“
ސޫރަތުއް ރޫމްގެ 54 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (اللَّـهُ الَّذِي خَلَقَكُم مِّن ضَعْفٍ ثُمَّ جَعَلَ مِن بَعْدِ ضَعْفٍ قُوَّةً ثُمَّ جَعَلَ مِن بَعْدِ قُوَّةٍ ضَعْفًا وَشَيْبَةً ۚ يَخْلُقُ مَا يَشَاءُ ۖ وَهُوَ الْعَلِيمُ الْقَدِيرُ ﴿٥٤﴾ ) މާނައަކީ: ”ބަލިކަށިކަމުގެ ތެރެއިން ތިޔަބައިމީހުން ހެއްދެވި ކަލާނގެއީ، اللَّه އެވެ. ދެން ބަލިކަށިކަމަށްފަހު، ބާރެއްލައްވައި އަދި ބާރަށްފަހު ބަލިކަށިކަމާއި، ދުވަސްވުމުގެ ދެރަކަމާއި، ނިކަމެތިކަން ލެއްވީވެސް އެކަލާނގެއެވެ. އެކަލާނގެ އިރާދަކުރައްވާ އެއްޗެއް އެކަލާނގެ ހައްދަވަތެވެ. އަދި އެކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ، ކުޅަދުންވަންތަ ރަސްކަލާނގެއެވެ.“
ސޫރަތުއް ނަޙްލުގެ 70 ވަނަ އާޔަތުގައި ވަޙީ ކުރައްވައެވެ. (وَاللَّـهُ خَلَقَكُمْ ثُمَّ يَتَوَفَّاكُمْ ۚ وَمِنكُم مَّن يُرَدُّ إِلَىٰ أَرْذَلِ الْعُمُرِ لِكَيْ لَا يَعْلَمَ بَعْدَ عِلْمٍ شَيْئًا ۚ إِنَّ اللَّـهَ عَلِيمٌ قَدِيرٌ ﴿٧٠﴾) މާނައަކީ: “ اللَّه، ތިޔަބައިމީހުން ހެއްދެވިއެވެ. ދެން އެކަލާނގެ، ތިޔަބައިމީހުން މަރުގަންނަވަތެވެ. އަދި އެންމެ ނިކަމެތި عمر އަށް ރައްދުކުރައްވާ މީހުން، ތިޔަބައިމީހުންގެ ތެރެއިންވެއެވެ. އެއީ އެމީހާއަށް އެނގިގެންވުމަށްފަހު، އެއްވެސް އެއްޗެއް ނޭނގުމަށްޓަކައެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، ކުޅަދުންވަންތަ ރަސްކަލާނގެއެވެ.“
- އިންސާނާ އީމާންކަމުގެ ގޮތުން މަތީ ދަރަޖަ އެއްގައި ހުރެފައި އެންމެ ދަށުދަރަޖަ އަށް ވެއްޓިގެން ގޮސް ނަރަކަވަންތަވެރި އެއް ކަމުގައި ވުމެވެ. އެހެންކަމުން އީމާންކަމުގައި ޘާބިތުކަން ދެއްވާ މުއިމިނެއް ކަމުގައިވާ ޙާލު މިދުނިޔެ ދޫކޮށްދާ ބަޔަކު ކަމުގައި ލެއްވުން އެދި ގިނަގިނައިން ދުޢާ ކުރަން ޖެހެއެވެ.
(إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ فَلَهُمْ أَجْرٌ غَيْرُ مَمْنُونٍ ﴿٦﴾) މިތަނުގައި އިސްތިޘްނާ ކުރެވިފައި މިވަނީ (ثُمَّ رَدَدْنَاهُ أَسْفَلَ سَافِلِينَ) އިންނެވެ. މާނައަކީ: އީމާންވެ ހެޔޮޢަމަލު ކުރި މީހުން އެފަދަ ނިކަމެތި ދަރަޖައަކަށް ދޫކޮށެއް ނުލައްވަމެވެ. ސަބަބަކީ އެބައިމީހުންވަނީ އީމާން ކަމާއި ހެޔޮޢަމަލުކުރުން މަތީގައި ހިފަހައްޓައިގެންނެވެ. މަރުވުމަށްދާންދެން އެބައިމީހުން އެގޮތުގައި ދެމިހުންނާނެއެވެ.
(فَلَهُمْ أَجْرٌ) އެބައިމީހުންނަށް ދަރުމަ އާއި ޘަވާބު ލިބޭނެއެވެ.
(غَيْرُ مَمْنُونٍ ) މެދުކެނޑުމެއް ނުވާ ގޮތުގައި ދަރުމަ އާއި ޘަވާބު ލިބިލިބި ހުންނާނެއެވެ.
(فَمَا يُكَذِّبُكَ بَعْدُ بِالدِّينِ ﴿٧﴾) މިހުރިހާ ކަމެއް މިގޮތަށް ބަޔާންކޮށްދެއްވުމަށްފަހުގައިވެސް ތިބާ ގިޔާމަތް ދުވަހާއި މެދުގައި އިންކާރު ކުރަނީ ކީއްވެގެން ހެއްޔެވެ؟
މިތަނުގައި މުޚާޠަބު ކުރައްވާފައި މިވަނީ ކާފިރުންނަށެވެ. އެއީ އެބައިމީހުން ގިޔާމަތް ދުވަސް އަންނާނެ ކަމާއި މެދުގައި އިންކާރު ކުރާތީވެއެވެ. އަދި އެބައިމީހުންގެ މައްޗަށް ޙުއްޖަތް ގާއިމު ކުރެއްވުމަށެވެ.
ބައެއް މުފައްސިރުން ވިދާޅުވާ ގޮތުގައި މި އާޔަތުގައި މުޚާޠަބު ކުރެވިގެން މިވަނީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށެވެ. މާނައަކީ: ”މިހުރިހާ ކަމެއް ބަޔާން ކޮށްދެއްވުމަށް ފަހުގައިވެސް ކަލޭގެފާނުގެ ބަސް ދޮގު ކުރަނީ ކާކު ހެއްޔެވެ؟“
(أَلَيْسَ اللَّـهُ بِأَحْكَمِ الْحَاكِمِينَ ﴿٨﴾ ) ”حكم ކުރައްވާ އެންމެ عدل ވެރި ރަސްކަލާނގެ ކަމުގައި، اللَّه ވޮޑިގެންނުވޭހެއްޔެވެ؟“
عن أبي هريرة رضي الله تعالى عنه قال: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : “ مَنْ قَرَأَ مِنْكُمْ وَالتِّينِ وَالزَّيْتُونِ فَانْتَهَى إِلَى آخِرِهَا أَلَيْسَ اللَّهُ بِأَحْكَمِ الْحَاكِمِينَ سورة التين آية 8 فَلْيَقُلْ : وَأَنَا عَلَى ذَلِكَ مِنَ الشَّاهِدِينَ . وَمَنْ قَرَأَ لا أُقْسِمُ بِيَوْمِ الْقِيَامَةِ فَانْتَهَى إِلَى أَلَيْسَ ذَلِكَ بِقَادِرٍ عَلَى أَنْ يُحْيِيَ الْمَوْتَى سورة القيامة آية 40 فَلْيَقُلْ : بَلَى . وَمَنْ قَرَأَ وَالْمُرْسَلاتِ فَبَلَغَ فَبِأَيِّ حَدِيثٍ بَعْدَهُ يُؤْمِنُونَ سورة المرسلات آية 50 فَلْيَقُلْ : آمَنَّا بِاللَّهِ “ މާނައަކީ: މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ”ތިޔަބައިމީހުން ކުރެ މީހަކު ސޫރަތުއް ތީން ކިޔަވާ އެސޫރަތުގެ އެންމެ ފަހު އާޔަތް ކަމުގައިވާ (أَلَيْسَ اللَّهُ بِأَحْكَمِ الْحَاكِمِينَ ) ކިޔަވައިފިނަމަ ކިޔާށެވެ. (وَأَنَا عَلَى ذَلِكَ مِنَ الشَّاهِدِينَ ) ”އަހަރެން އެކަމަށް ހެކިވަމެވެ.“
ތިޔަބައިމީހުން ކުރެ މީހަކު ސޫރަތުލް ގިޔާމާ ކިޔަވާ އެސޫރަތުގެ އެންމެ ފަހު އާޔަތް ކަމުގައިވާ (أَلَيْسَ ذَلِكَ بِقَادِرٍ عَلَى أَنْ يُحْيِيَ الْمَوْتَى ) ކިޔަވައިފިނަމަ ކިޔާށެވެ. (بَلَى) ”އާދޭހެވެ.“
ތިޔަބައިމީހުން ކުރެ މީހަކު ސޫރަތުލް މުރްސަލާތު ކިޔަވާ (فَبِأَيِّ حَدِيثٍ بَعْدَهُ يُؤْمِنُونَ ) ކިޔަވައިފިނަމަ ކިޔާށެވެ. (آمَنَّا بِاللَّهِ) މާނައަކީ: ”ތިމަންމެން ﷲ އަށް އީމާންވެއްޖައީމެވެ.“
ނިމުނީ.



